ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަޔަކްސް އެމްސްޓެޑަމްގެ މައްޗަށް ކުރި ހޯދައި ލިވަޕޫލުން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރި އިރު ޔޫކްރެއިންގެ ޝަޚްތަރު ޑޮނޭޝް އާ ވާދަކޮށް ކުޅުނު މެޗުން ބަލިވެ މަޝްހޫރު ރެއާލް މެޑްރިޑަށް ދެވަނަ ބުރުން ޖާގަ ހޯދުމަށް ކުރަންޖެހޭ މަސައްކަތް އުނދަގޫވެއްޖެ އެވެ.
މުބާރާތް މިހާތަނަށް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލުން މިފަހަރުގެ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައި މިވަނީ ގްރޫޕް ޑީ ގައި ރޭ އަޔަކްސް އާ ވާދަކޮށް އަމިއްލަ ދަނޑުގައި ކުޅުނު މެޗް 0-1 އިން ކާމިޔާބުކޮށްގެންނެވެ. ރޭގެ މެޗުން ލިވަޕޫލް މޮޅުވުމާއެކު ނޮކައުޓް ސްޓޭޖުން ފުރުސަތު ލިބުނު އިރު އެ ޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ ވެސް ކަށަވަރުވެފަ އެވެ. މިހާތަނަށް ގްރޫޕް ސްޓޭޖްގައި ލިވަޕޫލުން ފަސް މެޗު ކުޅެފައިވާއިރު ޢޭގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްގެން ލިބުނު 12 ޕޮއިންޓާއެކު އެ ޓީމު އެއްވަނައިގައި އޮތް އިރު ދެވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ.
ރޭ އަޔަކްސް އާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗްގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ކާޓިސް ޖޯންސް އެވެ. މިއީ އިނގިރޭސި ވިލާތަށް އުފަން ޖޯންސް ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިވަޕޫލަށް ކާމިޔާބިކޮށްދިން ފުރަތަމަ ގޯލެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގައި ރޭ ޝަޚްތަރާ ވާދަކޮށް ރެއާލް ބަލިވީ 0-2 އިންނެވެ. މުބާރާތް 13 ފަހަރު ކާމިޔާބުޖޮށްފައިވާ ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ކުޅުނު މި މެޗުން ބަލިވި ނަމަވެސް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ގްރޫޕްގެ އެންމެ ފަހު މެޗުގައި މިވަގުތު ޓޭބަލްގެ އެއްވަނައިގައި އޮތް ޖަރުމަނުގެ ބޮރޫޝިއާ މޮންޝެން އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް މުބާރާތުގެ ގަދަ 16 ގެ ޖާގަ ޔަގީންވާނެ އެވެ. ރޭގެ މެޗުގައި ޝަޚްތަރުން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގަ އެވެ.