ބަލިވާން ދަނިކޮށް އެޑިންސަން ކަވާނީ ވައްދާލި ދެ ގޯލާ އެކު މެންޗެސްޓަރ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 3-2 އިން ސައުތެމްޓަން ބަލިކޮށްފި އެވެ.
ކަވާނީގެ ލަނޑުތަކުން ޔުނައިޓެޑް މުހިއްމު މޮޅެއް ހޯދައި އެޓީމު މިހާރު ވަނީ އަށް މެޗުން ހޯދި 16 ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ސީޒަން ފެށިތަނާ ކުޅުނު މެޗުތަކުގައި ފޯމު ދަށްވި ނަމަވެސް ޔުނައިޓެޑުން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކީޕަރު ކައިރިން ނައްޓާލާފައި ގްރީންވުޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އޭގެ އިރުކޮޅެއް ފަހުން ގްރީންވުޑާއި ބްރޫނޯ ފެނާންޑޭސް ފޮނުވާލި ނުރައްކާތެރި ދެ ބޯޅަ ސައުތެމްޓަންގެ ގޯލްކީޕަރު އެލެކްސް މެކާތީ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފި އުޅެނިކޮށް ސައުތެމްޓަނުން ވަނީ ލީޑު ނަގައިފަ އެވެ. ޖޭމްސް ވާޑް-ޕްރައުސް ކޯނަރަކުން ނަގައިދިން މި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ޑިފެންޑަރު ޔަން ބެޑްނަރެކް އެވެ. ސައުތެމްޓަނަށް ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ވާޑް-ޕްރައުސް އެވެ. އޭނާ ގޯލަށް ވައްދާލި ޖެހުން ހިފަހައްޓަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ވަނީ އަނިޔާވެފަ އެވެ.
ދެ ވަނަ ހާފު ޔުނައިޓެޑުން ފެށީ އަނިޔާގެ ސަބަބުން ޑެހެއާގެ ބަދަލުގައި ޑީން ހެންޑަސަން އާއި ގްރީންވުޑްގެ ބަދަލުގައި ކަވާނީ ކުޅެން އަރުވައިގެންނެވެ. ބަދަލާ އެކު ޔުނައިޓެޑްގެ ކުޅުން ރަނގަޅުކޮށް ފެނާންޑޭސްގެ ލަނޑުން ލީޑު ކުޑަކުރި އެވެ. ޔުނައިޓެޑްގެ ފަހު ދެ ލަނޑު ވެސް ކަވާނީ ވައްދާލީ ބޮލުންނެވެ. ފުރަތަމަ ލަނޑު ފެނާންޑޭސް ނަގައިދިން ހުރަހަކުން ޖެހިއިރު މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ވައްދާލީ މާކަސް ރަޝްފާޑް ނަގައިދިން ހުރަހަކުންނެވެ. މިއީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ ކަވާނީ ކާމިޔާބުކޮށްދިން ތިން ވަނަ ލަނޑެވެ.
ޔުނައިޓެޑް ހަތް ވަނައިގައި އޮތްއިރު 10 މެޗުން 17 ޕޮއިންޓް ހޯދައިގެން ސައުތެމްޓަން އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. ލީގުގައި ދެން ކުޅޭނީ ޗެލްސީއާ ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރާ މެޗެވެ. އެއަށްފަހު އާސެނަލް އާއި ވުލްވްސް ވާދަކުރާ މެޗު ކުޅޭނެ އެވެ.