ފުރަތަމަ ސަފްޙާ / ޚަބަރު / އޭއެފްސީ ބްރެކެޓް ޗެލެންޖް ދަގަނޑޭ ކާމިޔާބުކޮށްފި

އޭއެފްސީ ބްރެކެޓް ޗެލެންޖް ދަގަނޑޭ ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 29 ނޮވެމްބަރު 2020

އޭއެފްސީ ވެބްސައިޓުގައި ކުރިއަށްގެންދިޔަ “އޭއެފްސީ ބްރެކެޓް ޗެލެންޖް” ގެ ޗެމްޕިއަންކަން ރާއްޖޭގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހޯދައިފި އެވެ.

ދަގަނޑޭ ޗެމްޕިއަންކަން ކަށަވަރުކުރީ ހޮންގް ކޮންގެ 35 އަހަރުގެ ފޯވާޑް ޗާން ސިއު ކީއާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. ފައިނަލުގައި ދަގަނޑޭ އަށް 89.14 ޕަސެންޓް ލިބުނުއިރު ޗާން އަށް ލިބުނީ އެންމެ 10.86 ޕަސެންޓެވެ. ހަތަރު ދުވަހުގެ މުއްދަތަށް ދިގުދެމިގެންދިޔަ ވޯޓުލުން ފެށުނީއްސުރެ ދަގަނޑޭ އޮތީ ބޮޑު ލީޑެއްގަ އެވެ.

މީގެ ހަތް ހަފްތާއެއްހާ ދުވަސް ކުރިން އޭއެފްސީ ވެބްސައިޓުގައި މި ޕޯލް ފެށީ އޭއެފްސީ ކަޕްގައި މިދިޔަ 10 އަހަރުތެރޭ ޖެހި އެންމެ މޮޅު 32 ގޯލު ހިމަނައިގެންނެވެ.  ޕޯލްގެ ފުރަތަމަ ބުރުގައި ދަގަނޑޭ ކުރި ހޯދީ ކުވައިތުގެ ރޮޖާނިއާއާ ވާދަކޮށެވެ. ގަދަ 16 ގެ ބުރުގައި ދަގަނޑޭ ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހެލް ރާނާ ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި ވިއެޓްނާމްގެ އެންގުޔެން ވެން ކުޔެޓްއާ ވާދަކޮށް ދަގަނޑޭ އަށް މޮޅު ލިބުނީ ކުޑަ ތަފާތަކުންނެވެ. ދިވެހިންގެ ހިތްވަރުން ކުއާޓާގައި ދަގަނޑޭ ކުރި ހޯދިއިރު 135000 އަށް ވުރެ ގިނަ ވޯޓު ވަނީ ހޯދައިފަ އެވެ. ކުއާޓާ ފައިނަލުގައި ދަގަނޑޭ އަށް 51.45 އިންސައްތަ ވޯޓު ލިބުނުއިރު ވިއެޓްނާމްގެ ކުޅުންތެރިޔާ އަށް ލިބުނީ 48.55 އިންސައްތަ ވޯޓެވެ.

ދަގަނޑޭ ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ވިއެޓްނާމްގެ އެންގުޔެން ކުއާންގް ހާއީއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ހަތަރު ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ ސެމީ ފައިނަލުގައި ދަގަނޑޭ 54.68 އިންސައްތަ ވޯޓު ހޯދިއިރު ކުއާންގަށް ލިބުނީ 45.32 އިންސައްތަ ވޯޓެވެ.

ޕޯލްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ ނިއު ރޭޑިއަންޓާ އެކު 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ލަނޑެކެވެ. 7-0 އިން ނިއު ރޭޑިއަންޓް ކާމިޔާބުކުރި އެ މެޗުގައި ދަގަނޑޭ ގޯލު ޖެހީ އެވަގުތު އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު ކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ. ދަގަނޑޭ ގޯލަށް ބޯޅަ ވައްދާލިއިރު ޕާސިބޯގެ ތިން ކުޅުންތެރިއަކާއި ގޯލްކީޕަރު ވަނީ އެ ބޯޅަ ހުއްޓުވަން މަސައްކަތްކޮށްފަ އެވެ. އޭއެފްސީ ކަޕްގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ދަގަނޑޭގެ އެ ގޯލަށް މިދިޔަ ޖޫން މަހު ވެސް ވަނީ އެއް ވަނަ ލިބިފަ އެވެ. އެފަހަރު ދަގަނޑޭގެ ގޯލަށް އެއްވަނަ ލިބުނީ 54 އިންސައްތަ ވޯޓާ އެކު އެވެ.

ދަގަނޑޭ އަށް މި ކާމިޔާބީ ހޯދައިދިނުމުގައި ދިވެހިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މުބާރާތުގައި ދަގަނޑޭ ކުރި ހޯދަމުން އައި ވަރަކަށް ސަޕޯޓް ދިޔައި އިތުރުވަމުންނެވެ. މިގޮތުން ކުއާޓާ ފައިނަލުން ފެށިގެން ދަގަނޑޭގެ ހާއްސަ ކެމްޕޭނުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި، ފައިނަލަށް ތައްޔާރުވުމުގެ ގޮތުން އެކި ގްރޫޕްތަކުން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ އެވެ. މީގެ ތެރޭގައި ނިއު ރޭޑިއަންޓަށް މަރުދޭ ދިވެހި ސަޕޯޓަރުންނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ޔޫނިއަންގެ ދަރިވަރުން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ދަގަނޑޭ މި ހޯދި ފަހުރުވެރި ކާމިޔާބީއަށް “ފަހުމިނެޓް” ގެ ނަމުގައި މަރުހަބާ ކިޔަމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!