ފުރަތަމަ ސަފްޙާ / ޚަބަރު / ވީއޭއާރާ ހެދި ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ވީއޭއާރާ ހެދި ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 28 ނޮވެމްބަރު 2020

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ބްރައިޓަން އިން މެޗު 1-1 އިން އެއްވަރުކޮށްފި އެވެ.

މުހިއްމު މޮޅެއް ހޯދުމާ ގާތަށް ޖެހިލިތަނާ ޕޮއިންޓަކުން ފުއްދާލަން ޖެހުމަކީ ލިވަޕޫލަށް ލިބުނު މާޔޫސްކަމެކެވެ. މެޗުގެ ފަހުކޮޅު ރެފްރީގެ މި ނިންމުމުގެ އިތުރުން ވެސް ވީއޭއާރުގެ ގިނަ ނިންމުންތަކެއް މިއަދު ވަނީ ފެނިގެންގޮސްފަ އެވެ.

މެޗުގެ ކުރީކޮޅު ބްރައިޓަންގެ އާރޮން ކޮނޮލީ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ނިކޯ ވިލިއަމްސް ކޮނޮލީ އަށް ކުރި ފައުލަކަށް ރެފްރީ ވަނީ ބްރައިޓަން އަށް ޕެނަލްޓީއެއްދީފަ އެވެ. އެކަމަކު ނީލް މައުޕޭ ޖެހި މި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ރަނުގެ ފުރުސަތެއް ގެއްލުނުތާ އިރުކޮޅެއް ފަހުން މައުޕޭ ވަނީ އަނިޔާވެގެން ބާލައިފަ އެވެ. މި ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ޖެހި ގޯލު ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ވީޑިއޯ ރީޕްލޭއިން ފެންނަ ގޮތުގައި ބޯޅަ ލިބުނުއިރު ސަލާހް ހުރީ ވަރަށް ކުޑަކޮށް އޮފްސައިޑްވެފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ރަނގަޅު ފޯމެއްގެ ހުރި ޑިއޯގޯ ޖޯޓާ އެވެ. ސަލާހް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ޖޯޓާ އެ ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ 63 ވަނަ މިނެޓުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ސަލާހްގެ ބަދަލުގައި ސަޑިއޯ މާނޭ ކުޅެއް އަރުވައިފަ އެވެ. މި ބަދަލާ ގުޅިގެން ސަލާހް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ދެ ވަނަ ހާފުގެ ފަހުކޮޅު މާނޭ ބޮލުން ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ނިންމާފައިވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. ލިވަޕޫލާ ދެކޮޅަށް ވީއޭއާރުގެ ދެ ނިންމުން ދިއުމަށް ފަހު ދެން ފެނުނީ މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ވީއޭއާރުގެ އެހީގައި ބްރައިޓަން އަށް ޕެނަލްޓީއެއް ދިންތަނެވެ. މިއީ ލިވަޕޫލްގެ އެންޑީ ރޮބާޓްސަން އޭރިޔާ ތެރެއިން ބްރައިޓަންގެ ޑެނީ ވެލްބެކަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ބްރައިޓަން އަށް ކާމިޔާބުކޮށްދިނީ ޕަސްކާލް ގްރޮސް އެވެ. މެޗުގެ ފަހުވަގުތު ތިން ޕޮއިންޓް ގެއްލުމުން ވީއޭއާރުގެ ނިންމުންތަކާ ހެދި ލިވަޕޫލްގެ ކޯޗު ކްލޮޕް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިއަދުގެ މެޗާ އެކު ލީގުގައި 10 މެޗުން 21 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތީ ލީގުގެ އެއް ވަނައިގަ އެވެ. ލީގުގައި ދެ ވަނައިގައި 20 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ތިން ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ޗެލްސީ މާދަމާރޭ ވާދަކުރާނެ އެވެ. ޓޮޓެންހަމް އާއި ޗެލްސީ ކުޅެފައިވަނީ ނުވަ މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!