ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާއިން ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން 146 މިލިއަން ސަލާމަތްކުރަނީ

ބާސެލޯނާއިން ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން 146 މިލިއަން ސަލާމަތްކުރަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 28 ނޮވެމްބަރު 2020

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމާ އެކު މާލީ ގޮތުން އަޑިއަޅާލާފައިވާ ބާސެލޯނާގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބާސެލޯނާއިން ރޭ ނެރުނު ބަޔާނުގައި ބުނީ ކުޅުންތެރިން މުސާރަކުޑަކުރަން އެއްބަސްވުމުން ކްލަބަށް 146 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށެވެ. މުސާރަ ކުޑަކުރަން އެއްބަސްވި އަދަދުގެ ތެރޭގައި ތިން އަހަރު ދުވަހަށް ބަހާލައިގެން 60 މިލިއަން ޑޮލަރު އުނިކުރާނެ އެވެ.

26 ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައިވާ ބާސެލޯނާ އިން އެންމެ ފަހުން އާއްމުކުރި މާލީ ތަފާސްހިސާބުތައް ދައްކާގޮތުން އެ ކްލަބްގެ ގެއްލުން 116 މިލިއަން ޑޮލަރަށް އަރަ އެވެ.

“މިއީ ކްލަބްގެ އިކޮނޮމިކް ހާލަތު އަނބުރާ ގެނައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް” ބާސެލޯނާ އިން ބުންޏެވެ.

ބާސެލޯނާގެ ކުޅުންތެރިންގެ މުސާރައިން ބޮޑުބައެއް އުނިކުރަން ނިންމާފައިވާއިރު، އެގޮތަށް އަމަލުކުރަން ފަށާނީ ކްލަބުން އެކަން ފާސްކުރުމަށް ފަހު އެވެ. ބާސެލޯނާއިން ބުނީ ވަރަށް އަވަހަށް އެ ނިންމުން ތަންފީޒުކުރަން ފަށާނެ ކަމަށެވެ.

ކޮވިޑް އެންމެ ބޮޑަށް ފެތުރެން ފަށައި ފުރަތަމަ ލޮކްޑައުނަށް ދިޔަ ދުވަސްވަރު ވެސް ބާސެލޯނާގެ ކުޅުންތެރިން ވަނީ މުސާރައިގެ 70 ޕަސެންޓް ކުޑަކުރަން އެއްބަސްވެފަ އެވެ.

ކުޅުންތެރިންގެ މުސާރަކުޑަކުރުމުގެ މަޝްވަރާތައް ބާސެލޯނާއިން ކުރަމުންގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެ ކްލަބަކީ ޔޫރަޕްގެ ކްލަބްތަކުގެ ތެރެއިން ކުޅުންތެރިންގެ މުސާރައަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ކްލަބެވެ. އެހެންވެ މުސާރަ ކުޑަނުކޮށްފި ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ކްލަބުގެ މާލީ ހާލަތު އިތުރަށް ގޯސްވާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.

ލީގުގައި ފޯމު ދަށްކޮށް ދިޔަ ނަމަވެސް ބާސެލޯނާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން ލުއިސް ސުއަރޭޒާއި އިވާން ރަކިޓިޗް އަދި އާޓޫރޯ ވިޑާލް ވަނީ ބާސެލޯނާ ދޫކޮށްލައިފަ އެވެ. ތަޖުރިބާކާރު ކުޅުންތެރިންތަކެއް ކްލަބް ދޫކޮށްލުމުން އެތަން ފޫބެއްދުމުގައި ޒުވާން ކުޅުންތެރިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!