ކުރިއަށް އޮތް އަހަރު އޭނާގެ އުއްމީދަކީ މާޒިޔާ އަށް ކުރިން ނުލިބޭވަރުގެ ކާމިޔާބެއް އެ ކްލަބަށް ހޯދައިދިނުން ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ރާއްޖޭގެ މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު، ނިޒާމްބެ މާޒިޔާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. ނިޒާމްބެ މާޒިޔާގެ ކޯޗުކަމަށް ހަމަޖެއްސީ މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް އަމާޒުކޮށެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލްކުރުމުން ނިޒާމްބެ މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބް ވާދަކުރާ މުބާރާތްތަކުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށެވެ.
އެފްއޭއެމްގެ ލެޓްސް ޓޯކް ފުޓްބޯޅަ ޝޯ އަށް ދިން އިންޓަވިއުއެއްގައި ނިޒާމްބެ ބުނީ މިވަގުތުގެ އަމާޒަކީ އަންނަ މަހުގެ އަށް ވަނަ ދުވަހު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެންޖެހޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރުން ކަމަށެވެ. ނިޒާމްބެ ބުނީ ވާދަވެރި ސީޒަނަކާ ކުރިމަތިލާއިރު އޭނާގެ ވަކި އަމާޒެއް އޮތުމަށް ވުރެ މުހިއްމީ ކްލަބުގެ އަމާޒަށް ދިއުން ކަމަށެވެ.
“ކޯޗެއްގެ ހައިސިއްޔަތުން އެންމެ ބޮޑު އެއް ވިސްނުމަކީ މިހާތަނަށް މާޒިޔާއަށް ނުހޯދޭ ކާމިޔާބީ ހޯދުމަށް ޓާގެޓްކޮށްގެން މަސައްކަތްކުރުން” އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައިވާ މާޒިޔާގެ ކޯޗު ނިޒާމްބެ ބުންޏެވެ.
މާޒިޔާ އިން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. ރަނގަޅު ފެންވަރެއްގައި ހިންގަމުން އަންނަ އެ ކްލަބުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އޭއެފްސީ ކަޕްގައި ރަނގަޅު ކާމިޔާބީއެއް ހޯދުމެވެ. މާޒިޔާއާ އެކު ނިޒާމްބެ ދާން ބޭނުންވާ އަމާޒަކީ ވެސް އެއީ އެވެ.
“ކޯޗެއްގެ އަމާޒަށްވުރެ ބޮޑަށް ކްލަބްގެ އަމާޒު މުހިއްމު އެއްޗަކީ. މާޒިޔާ އަކީ މިދިޔަ ހަތެއް ނޫނީ އަށް އަހަރަށް ބަލާއިރު އެމީހުންގެ ސްކޮޑަށް އަދި އެހެން ކަންކަމަށް ބަލާއިރު ތައްޓަށް ނޫން ގޮތަކަށް ނުކުންނަ ޓީމެއް ނޫން. އެހެންވީމަ އެގޮތަށް މިއަހަރު ވެސް ވިސްނުން ހުރީ” ޓީސީ ފުރަތަމަ ޑިވިޝަނުގެ ބާރަކަށް ހަދައި 2018 ވަނަ އަހަރު އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ނިޒާމްބެ (ކ) މާޒިޔާގެ ޕްރެކްޓިހުގައި، އެޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން ނިޒާމްބެ ބޭނުންވޭ. ފޮޓޯ: މާޒިޔާ
އާސީޒަނަށް ތައްޔާރުވާން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށި ޓީމަކީ މާޒިޔާ އެވެ. ނިޒާމްބެ ބުނީ ޕްރީ ސީޒަނުގެ ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށާއި، ހަމައެކަނި ކަންބޮޑުވުމަކީ މި ހާލަތުގެ ގޮތުން ޓީމު އެއްކޮށް ކޭމްޕް ކުރާނެ ފުރުސަތެއް ނުލިބުން ކަމަށެވެ.
ބޮޑު ބްރޭކަކަށް ފަހު ކުޅުން ފަށަން ތައްޔާރުވާއިރު ހުރިހާ ޓީމަކަށް ވެސް ކުރިމަތިވެފައިވަނީ ކުޅުންތެރިންގެ ފިޓްނެސް މައްސަލަ އެވެ. ނިޒާމްބެ ބުނީ އޭއެފްސީ މެޗުތަކަށް ތައްޔާރުވާން ފެށިއިރު ކުޅުންތެރިންގެ ފިޓްނެސް ލެވެލް ހުރީ ކަންބޮޑުވާ ހިސާބެއްގައި ކަމަށެވެ. އެހެންނަމަވެސް އޭރު މެދުކަނޑާލީ ކުޅުންތެރިންނަށް ޕްލޭންތަކެއް ދިނުމަށް ފަހުގައި ކަމަށާއި، އަނބުރާ އައިއިރު ކުޅުންތެރިން ތިބި ހާލަތު ރަނގަޅު ކަމަށް ނިޒާމްބެ ބުންޏެވެ.
“ވަރަށް ބޮޑެތި ބަދަލުތައް. ކުޅުންތެރިންގެ ފިޒީކަށް ވެސް ދަނޑުމަތީގައި އެކުޅުންތެރިންގެ ހަރަކާތްތަކަށް ވެސް އަދި އެމީހުން އެކުޅޭ ގޭމަށް ވެސް. މުޅި ޓީމަށް ވަރަށް ރަނގަޅު އިމްޕްރޫވްމެންޓެއް ގެނެވިއްޖެ. ބާކީ މިއޮތް ދުވަސްތަކުގައި ޓީމުގެ ކުޅުމަށް ގެންނަންޖެހޭ ވައްޓަފާޅިއަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނީ” ޕްރެކްޓިސް ފެށުމަށް ފަހު ޓީމަށް އައި ބަދަލާއި ގުޅޭގޮތުން ނިޒާމްބެ ބުންޏެވެ.
އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ހުރިހާ ޓީމަކުން ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނާ އެކު ގިނަ ކްލަބްތައް ވަނީ ވަރުގަދަކޮށްފަ އެވެ. ނިޒާމްބެ ބުނީ އެހެން ފަހަރުތަކަށް ވުރެ ކުރިއަށް އޮތް ސީޒަންގައި ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ.
“މިދިޔަ ދެ ސީޒަނަށް ވުރެ މި ސީޒަން ވާދަވެރިވާނެ. ވާދަވެރި ޓީމުތަކެއް ފެނިގެންދާނެ. އެއީ ކުޅުންތެރިން ބެހިފައި އޮތްގޮތަށް ބަލާއިރު ތަންކޮޅެއް ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެކަމަށް ގަބޫލުކުރަނީ” ސީޒަނެއްގެ މެދުކެނޑުމަށް ފަހު ފުރަތަމަ ޑިވިޝަނުގެ ޓީމަކާ އެކު ނުކުންނަ ކޯޗު ބުންޏެވެ.