ފުރަތަމަ ސަފްޙާ / ޚަބަރު / އުއްމީދާ އެކު އެފްއޭއެމް ފައުންޑޭޝަން ލޯންޗްކޮށްފި

އުއްމީދާ އެކު އެފްއޭއެމް ފައުންޑޭޝަން ލޯންޗްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 ނޮވެމްބަރު 2020

ފުޓްބޯޅައިގެ ކުރިއެރުމަށް ބޮޑު ބަދަލެއް ގެނައުމުގެ އުއްމީދާ އެކު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައުންޑޭޝަން ރަސްމީކޮށް އިއްޔެ ލޯންޗްކޮށްފި އެވެ. ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ރަސްމީކޮށް ލޯންޗްކުރުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރު ގަލޮޅު ދަނޑުގަ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެފްއޭއެމްގެ އިސްވެރިންގެ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެފްއޭއެމްގެ ފައުންޑޭޝަންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ މައިގަނޑު ހަތަރު ބަޔަކަށެވެ. އެއީ އެވެއާނެސް ޕްރޮގްރާމް އާއި އެޑިއުކޭޝަން، ސޯޝަލް އެންޑް ކޮމިއުނިޓީ ޕްރޮގްރާމްސް، އެޑިޝަނަލް ރިސޯސަސް އެންޑް ޗެރިޓަބަލް އިނީޝިއޭޓިވްސް އަދި ފުޓްބޯލް އިވެންޓްސް އެވެ.

އެފްއޭއެމް ފައުންޑޭޝަން ރަސްމީކޮށް ލޯންޗު ކުރުމުގެ ގޮތުން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ބައެއް ފަރާތްތައް ހަމަޖައްސައިފަ އެވެ. ގުޑްވިލް އެމްބަސަޑަރުންގެ ތެރޭގައި ހިމެނެނީ ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއީލް އާއި 2008 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އާއި، ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ފަދުވާ ޒާހިރު އާއި މަރްޔަމް މިރުފަތު އަދި ލައިޝާ ޖުނައިދުގެ އިތުރުން އެފްއޭއެމްގެ 14 އަހަރުން ދަށުގެ އެލީޓް ޕޫލްގައި ހިމެނޭ އަރަމުން އަންނަ ތަރި އީތަން އިބްރާހީމް ޒަކީ އެވެ.

ގުޑްވިލް އެމްބަސަޑަރުންގެ ނަންތައް އިއުލާންކުރުމުގެ އިތުރުން އިއްޔެގެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 100 މެޗު ހަމަކޮށްފައިވާ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް ހަނދާނީ ފިލާ އަރުވައިފަ އެވެ. މިއީ ފީފާ ސެންޗަރީ ކްލަބްގައި އިމްރާން ހިމެނުމުން އެ އިދާރާގެ ފަރާތުން އިމްރާނަށް ދީފައިވާ ހަނދާނީ ފިލައެކެވެ.

ފައުންޑޭޝަންގެ މަސައްކަތް ރަސްމީކޮށް ލޯންޗުކުރުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފައުންޑޭޝަން ވެގެންދާނީ ޒުވާނުންނާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދިރިއުޅުން ބަދަލުކޮށްދެވޭނެ ފައުންޑޭޝަނަކަށް ކަމަށެވެ. ބައްސާމް ވިދާޅުވީ ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެއީ އިންސްޓިޓިއުޝަނެއް ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ބައްސާމް ވާހަކަދައްކަވަނީ. – ފޮޓޯ: އެފްއޭއެމް

“ފަހަރުގައި ފޮތަކުން ކިޔަވާތަން ނުފެނިދާނެ. އެހެންނަމަވެސް ދަނޑުތަކުން އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިން ވަރަށް ގިނަ ފިލާވަޅުތަކެއް ހާސިލްކުރަމުންދޭ” ބައްސާމް ވިދާޅުވި އެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ފައުންޑޭޝަނާ އިތުރު ކުޅުންތެރިންތައް ގުޅުމުން މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

“މިއީ ދިވެހި ފުޓްބޯޅަ އާއިލާއަށް ވަރަށް އުފާވެރި ދުވަހެއް. މީގެ ސަބަބުން ދިވެހި މުޖުތަމައު އާއި ފުޓްބޯޅައިގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ އެތައް ކަމެއް ކުރެވިގެންދާނެ” އެފްއޭއެމްގެ ރައީސްކަން ދެ ވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ ބައްސާމް ވިދާޅުވި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!