ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އެޓަލާންޓާއާ ވާދަކޮށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވެއްޖެ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީ ގައި ރޭ ކުޅުނު މި މެޗުން ލިވަޕޫލް ބަލިވީ 0-2 އިންނެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެންފީލްޑްގައި ކުޅުނު 90 މިނެޓުގެ ވާދަވެރި މެޗަކުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖްގައި ވާދަކުރި ފުރަތަމަ މެޗު 0-5 އިން ކާމިޔާބުކުރީ ލިވަޕޫލް އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ފަރާތުން ރޭ ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ލެސްޓަރ ސިޓީގެ މައްޗަށް 0-3 އިން ކުރި ހޯދި މެޗުގައި ނުކުތް ޓީމަށް ބަދަލުތަކެއް ގެނެސްގެން ރޭ އެޓަލާންޓާ އާ ދެކޮޅަށް ނުކުތް ލިވަޕޫލް ޓީމަށް މެޗުގައި އެޓަލާންޓާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަކާއެއް ވެސް ފޮނުވާލެވިފަ އެއް ނުވެ އެވެ. މިއީ މިދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި އެންމެ ފަހަރަކުވެސް ތަޖުރިބާކުރަންޖެހުނު ކަމެއް ނޫނެވެ.
ރޭގެ މެޗުގައި ލިވަޕޫލަށް ލަނޑެއް ކާމިޔާބުކުރަން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ލެސްޓަރ އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ނުކުޅެވުނު މިސްރުގެ ފޯވާޑް ސަލާހަށެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފުގައި އެޓަލާންޓާގެ ގޯލަށް ސަލާހް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ކުޅުނު އެޓަލާންޓާއިން ރޭގެ މެޗުގައި ލިވަޕޫލްގެ ގޯލަށް ވައްދާލި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. މެޗުގެ 60 ވަނަ މިނެޓްގައި އެޓަލާންޓާގެ ފުރަތަމަ ލަނޑު ޖޮސިޕް އިލިސިޗް ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން އެޓަލާންޓާއަށް ކާމިޔާބުކޮށްދިނީ ރޮބިން ގޮސެންސް އެވެ.
އެޓަލާންޓާއިން ރޭގެ މެޗުގައި ލީޑް ހަމަ ނެގުމާއެކު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެއްފަހަރާ ހަތަރު ބަދަލެއް ގެނައެވެ. އެގޮތުން ލެސްޓަރ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުގައި ބޮޑު ހިއްސާ އެއް އަދާކުރި ޑިއޮގޯ ޖޯޓާ އާއި، ރޮބާޓޯ ފިރްމީނޯ އަދި އެންޑްރޭ ރޮބަޓްސަންގެ އިތުރުން ފަބީނިއޯ ވަނީ ކުޅެން އަރުވައިފަ އެވެ. އެކަމަކު އެ ހުރިހާ ބަދަލަކާ އެކު ވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަމިއްލަ ދަނޑުގައި ފުރިހަމަ ވަގުތުގެ ތެރޭގައި ބަލިނުވެ ލިވަޕޫލުން ދަމަހައްޓަމުން އައި ރެކޯޑް އެ ޓީމަށް ހިފެހެއްޓޭ ގޮތެއް ނުވި އެވެ.
ރޭގެ މެޗުން ލިވަޕޫލް ބަލިވި ނަމަވެސް އެ ޓީމު އަދިވބެސް އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ. ދެވަނަ ބުރަށް ކޮލިފައި ވުމަށްޓަކައި އެ ޓީމަށް ބޭނުންވަނީ ކުރިއަށް އޮތް ދެ މެޗުން ތިން ޕޮއިންޓެވެ. ލިވަޕޫލަށް ގްރޫޕް ސްޓޭޖްގައި ދެން ކުޅެން އޮތް ދެ މެޗަކީ ނެދަލޭންޑްސްގެ އަޔަކްސް އެމްސްޓެޑަމްއާ ދެކޮޅަށް އެންފީލްޑްގައި ކުޅެންޖެހޭ މެޗާއި، ރަށުން ބޭރުގައި ޑެންމާކްގެ މިޖިލާންޑް އާ ދެކޮޅަށް ކުޅޭ މެޗެވެ.