ފުރަތަމަ ސަފްޙާ / ޚަބަރު / ހަތަރު ކުލަބަކުން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި

ހަތަރު ކުލަބަކުން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ނޮވެމްބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ހަތަރު ކުލަބަކުން މުބާރާތުގެ ދެވަނަ ބުރު ނުވަތަ ގަދަ 16 ގެ ޖާގަ ކަށަވަރުކޮށްފި އެވެ. ގްރޫޕް ސްޓޭޖްގައި ކުރިއަށް އަދި ދެ މެޗު ކުޅެން އޮއްވައި މުބާރާތުގެ ނޮކައުޓް ސްޓޭޖުން ރޭ ޖާގަ ހޯދި ޓީމުތަކަކީ ސްޕެއިންގެ ބާސެލޯނާ އާއި ސެވިއްޔާގެ އިތުރުން އިނގިރޭސި ވިލާތުގެ ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސް އެވެ.

މުބާރާތުގައި ވާދަކުރާ 32 ޓީމުގެ ތެރެއިން 16 ޓީމަކުން ރޭ މެޗުތައް ކުޅެފައިވާއިރު އޭގެ ތެރެއިން ދެވަނަ ބުރުން ޖާގަ ހޯދި ބާސެލޯނާ އާއި ޔުވެންޓަސް މިފަހަރު ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. ގްރޫޕް ޖީ ގައި ވާދަކުރަމުން އަންނަ މި ދެ ޓީމުގެ ތެރެއިން ބާސެލޯނާއިން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރީ ރޭ ޔޫކްރެއިންގެ ޑައިނަމޯ ކިއެވް އާ ދެކޮޅަށް ކުޅުނު މެޗު 0-4 އިން ކާމިޔާބުކޮށް ޖުމްލަ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުވެންޓަސް ދެވަނަ ބުރަށް ދަތުރުކުރީ ހަންގޭރީގެ ކުލަބެއް ކަމަށްވާ ފެރަންޗްވާރޯސް އާ ވާދަކޮށް ކުޅުނު މެޗު 1-2 އިން ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕްގެ ތިން ވަނަ އަދި ހަތަރު ވަނައިގައި އޮތް ޓީމަށް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރި ޓީމުތަކުގެ ތެރެއިން ޗެލްސީ އިން އެ ފުރުސަތު ހޯދީ ރޭ ފްރާންސްގެ ރެނިސް އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 1-2 އިން ކާމިޔާބުކޮށްގެންނެވެ. މި ނަތީޖާއާއެކު ލިބުނު 10 ޕޮއިންޓާއެކު ޗެލްސީ އޮތީ ގްރޫޕް އީ ގެ އެއްވަނައިގަ އެވެ. މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކުރި ސެވިއްޔާ އިން ރޭ ރަޝިޔާގެ ޓީމަކާ ދެކޮޅަށް ކުޅުނު މެޗު 1-2 އިން ކާމިޔާބުކޮށް ހަމަ އެ އަދަދަށް ވަނީ ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕްގެ ދެވަނަ އާއި ތިން ވަނައިގައި އޮތް ޓީމަށްވެސް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާލާއިރު މެންޗެސްޓަރ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ތުރުކީގެ އިސްޓަންބުލްއާ ވާދަކޮށް ކުޅުނު މެޗު 1-4 އިން ކާމިޔާބުކުރި އިރު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނު ޕީއެސްޖީން ވަނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރުބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު 0-1 އިން ކާމިޔާބުކޮށްފަ އެވެ. މިފަހަރުގެ މުބާރާތުގެ އެންމެ ވާދަވެރިވާނެ ކަމަށް ބެލެވުނު މި ގްރޫޕްގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތް އިރު ޕީއެސްޖީ އާއި އާރުބީ ލައިޕްޒިގް އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފަ އެވެ. ދެ ޓީމަށްވެސް މިހާތަނަށް ކުޅުނު ހަތަރު މެޗުން ހޯދިފައިވަނީ ހަ ޕޮއިންޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!