ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރި މެޗުން ބާސެލޯނާ ބަލިވެ އެ ޓީމު ޓޭބަލްގެ ދިހަ ވަނައަށް ވެއްޓިއްޖެ އެވެ. ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 0-1 އިންނެވެ.
މިޙާތަނަށް ލީގުގައި ބާސެލޯނާއިން އަށް މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ 11 ޕޮއިންޓެވެ. އެތުލެޓިކޯ އިން ރޭ ހޯދި މޮޅާއެކު އެ ޓީމު ވަނީ ޓޭބަލްގެ ދެވަނައަށް އަރައިފަ އެވެ. ޓޭބަލްގެ އެއްވަނައިގައި އެއް މެޗު އިތުރަށް ކުޅެގެން ރެއާލް ސޮސިއެޑާޑް އޮތް އިރު ދެވަނައިގައި އެތުލެޓިކޯ އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. ބާސެލޯނާ އާއި ޓޭބަލްގެ އެއްވަނައިގައި އޮތް ރެޢާލް ސޮސިއެޑާޑް އާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.
ރޭގެ މެޗުގައި އެތުލެޓިކޯ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކާމިޔާބުކުރީ ބެލްޖިއަމްގެ ޔަމިކް ކަރަސްކޯ އެވެ. މި ލަނޑު ކަރަސްކޯ ކާމިޔާބުކުރީ ބާސެލޯނާ ހާފުގެ މެދަކާ ހިސާބުން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކެއް ކުޅުމަށް ގައުމީ ޓީމާއެކު ދިޔަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދިގު ދަތުރަކަށްފަހު ބުރާސްފަތި ދުވަހު އެނބުރި އައިސް ރޭގެ މެޗުގައި ކުޅުނު ނަމަވެސް އޭނާގެ ފަރާތުން ރޭ ފެނުނީ ހިމޭން ކަމެވެ.
ރޭ އެތުލެޓިކޯ އަތުން ބާސެލޯނާ ވީ ބައްޔަކީ ލީގުގައި މިފަހަރު އެޓީމުން ތަޖުރިބާކުރި ތިންވަނަ ބައްޔެވެ. އަނެއްކޮޅުން އެތުލެޓިކޯ ރޭ ހޯދި މޮޅާއެކު އެޓީމުން މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ އިތުރަށް ދިގުދެމިފަ އެވެ.
ރޭ ސްޕެނިޝް ލީގުގައި މަޝްހޫރު ރެއާލް މެޑްރިޑުންވެސް މެޗެއް ކުޅެފައިވެ އެވެ. އެކަމަކު ރަށުން ބޭރުގައި ވިޔަ ރެއާލްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމަށް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. ރެޢާލް މެޑްރިޑުން މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައިފައި ވަނިކޮށް މެޗު ނިމެން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށް ވެފައި އޮއްވައި ލިބުނު ޕެނަލްޓީ އަކުން ވިޔަރެއާލް ގޯލު ޖެހުމާއެކު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރެއާލް މެޑްރިޑް މިވަގުތު އޮތީ 17 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައިގަ އެވެ.