ކޯޗު ހޯސޭ މޮރީނިއޯ އަކީ އޭނާގެ ރައްޓެއްސެއް ކަމަށާއި، އެކަމަކު ކުޑައިރު ނަމޫނާއެއްގެ ގޮތުގައި ބެލި ކޯޗު ޕެޕް ގާޑިއޯލާއާ މިހާރު ވާހަކަ ނުދައްކާކަމަށް އާސެނަލާއި ބާސެލޯނާ އަދި ޗެލްސީ އަށް ކުރިން ކުޅުނު ސްޕެއިންގެ ސެސް ފެބްރިގާސް ބުނެފި އެވެ.
އުމުރުން 33 އަހަރުގެ ފެބްރިގާސް މިހާރު ކުޅެނީ ފްރާންސްގެ މޮނާކޯ އަށެވެ. 2003 ވަނަ އަހަރު އުމުރުން އެންމެ 16 އަހަރުގައި އާސެނަލްގެ ސީނިއާ ޓީމުން ފުރުސަތު ހޯދި ފެބްރިގާސް އަކީ ފޯމުގައި ހުރި ދުވަސްވަރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އާސެނަލްގައި ދެއްކި މޮޅު ކުޅުމާ އެކު ފެބްރިގާސް ބާސެލޯނާ އަށް ބަދަލުވެ 2011 ވަނަ އަހަރު ވަނީ ގާޑިއޯލާގެ ކޯޗުކަމުގައި އެޓީމަށް ކުޅެފަ އެވެ. ބާސެލޯނާގައި ހޭދަކުރި ތިން ސީޒަނުގައި ފެބްރިގާސް ވަނީ އެ ކްލަބާ އެކު ހަ ތަށި ކާމިޔާބުކޮށްފަ އެވެ.
ބާސެލޯނާ އިން ފުރުސަތުތައް ލިބުން މަދުވުމުން ފެބްރިގާސް ވަނީ 2014 ވަނަ އަހަރު ޗެލްސީ އަށެވެ.
“އަހަރެން ބާސެލޯނާ ދޫކޮށް ޗެލްސީ އަށް ބަދަލުވުމުގެ މައިގަނޑު ސަބަބަކީ މޮރީނިއޯ. މޮރީނިއޯ ބުނީ ޗެލްސީ އާއި އާސެނަލްގެ މެޗުތަކާއި ރެއާލް މެޑްރިޑާއި ބާސެލޯނާގެ މެޗުތަކުގައި އަހަރެންނާ ދެކޮޅަށް ކޯޗުކޮށްދިން ކަމަށް. އެހިސާބުން ވާދަވެރިކަން ނިމުނީ ކަމަށްބުނެ ޗެލްސީގައި އަހަރެންގެ ބޭނުން ހިފާނެގޮތް މޮރީނިއޯ ބުނެދިން” މޮރީނިއޯގެ ކޯޗުކަމުގައި ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ފެބްރިގާސް ބުންޏެވެ.
“ޕްރޮފެޝަނަލްކޮށް އަހަރެން މަސައްކަތްކުރީ. މިއަދުވެސް މޮރީނިއޯއާ އަހަރެންނާ ގުޅުން އޮވޭ. އަހަރެން ދެކެނީ އެއީ ރަހްމަތްތެރިއެއްގެ ގޮތުގައި. އަހަރެންގެ ކެރިއަރުގައި މޮރީނިއޯ ވަރަށް ބޮޑަށް އެހީތެރިވެދިން. އަހަރެންނަށް ބުނެވިދާނެ ކެރިއަރުގައި އެންމެ މޮޅު ފުޓްބޯޅަ ކުޅެވުނީ އެދުވަސްވަރޭވެސް” ފެބްރިގާސް ބުންޏެވެ.
މޮރީނިއޯގެ ކޯޗުކަމުގައި ދޮޅު އަހަރު ދުވަހު ކުޅުނުއިރު ފެބްރިގާސް އަކީ އޭރު ޗެލްސީގެ މެދުތެރޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. ފެބްރިގާސް ވަނީ މޮރީނިއޯގެ ކޯޗުކަމުގައި ޗެލްސީއާ އެކު 2015 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.
ގާޑިއޯލާއާ ގުޅޭގޮތުން ފެބްރިގާސް ބުނީ ކުޑައިރު ނަމޫނާއަކަށް ބެލީ ގާޑިއޯލާ ކަމަށާއި، ފުޓްބޯޅަ އެންމެ ބޮޑަށް ދަސްވީ ގާޑިއޯލާ ގާތުގައި މަސައްކަތްކުރި ދުވަސްވަރު ކަމަށެވެ.
“ގާޑިއޯލާއާ އަހަރެންނެއް އޭގެފަހުން (ބާސެލޯނާ ދޫކޮށްލި ފަހުން) ވާހަކައެއް ނުދައްކަން. ބައެއް ކަންކަން ހުންނާނެ ވުމަށްފަހު އެވާހަކަ ދެއްކުން ރަނގަޅު ނޫން ކަންކަން. އަހަރެން ކުޑައިރު ނަމޫނާއަކަށް ބެލީ ގާޑިއޯލާ. އަހަރެންނަށް އެންމެ ބޮޑަށް ފުޓްބޯޅަ ދަސްވީ ގާޑިއޯލާ ކައިރިންނޭ ބުނެވިދާނެ” ފެބްރިގާސް ބުންޏެވެ.