ފޯވާޑް ރޮމެލޫ ލުކާކޫ އާއި ހުށިޔާރު ޑިފެންޑަރު ވާޖިލް ވެން ޑައިކް ޗެލްސީ އަށް ގެންނަން މަސައްކަތް ކުރިކަމަށް އެޓީމުގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ކޮންޓޭ ބުނީ އެ ދެކުޅުންތެރިން ގެނައުމާ ގާތަށް ޖެހެލިކަމަށާއި، އެކަމަކު ޗެލްސީން އޭނާ ބުނި ބަސް އަޑުނޭހި ކަމަށެވެ. އެކުޅުންތެރިން ޗެލްސީ އަށް ގެންނަން ބޭނުންވީ އަހަރުތަކެއް ވަންދެން ގަދަ ބާރެއްގެ ގޮތުގައި ޗެލްސީ ބޭއްވުމަށް ކަމަށް ކޮންޓޭ ބުންޏެވެ.
ޗެލްސީގައި ހޭދަކުރި ހަމައެކަނި ސީޒަނުގައި ކޮންޓޭ ވަނީ އެކްލަބަށް އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ. ކާމިޔާބު ސީޒަނަކަށް ފަހު ވެސް ޗެލްސީން ވަނީ ކޮންޓޭގެ އެއްބަސްވުން އުވާލުމަށް ފަހު އެ މަގާމް މައުރީޒިއޯ ސާރީއާ ހަވާލުކޮށްފަ އެވެ.
“ލީގު ހޯދުމަށް ފަހު އަހަރެން އެދުނިން ދެ ކުޅުންތެރިއަކު ގެންނަން އަދި އެކުޅުންތެރިން ގެނައުމާ ވަރަށް ގާތަށް ޖެހިލި. އެއް ކުޅުންތެރިއަކީ ލުކާކޫ. ދެ ވަނަ ކުޅުންތެރިއަކީ ވެން ޑައިކް. މި ކުޅުންތެރިންނާ ބަރާބަރަށް ވާހަކަދައްކަމުން ދިޔައިން. އަހަރެން ބުނީ މި ކުޅުންތެރިން ލިބިއްޖެ ނަމަ ޗެލްސީގެ ފެންވަރު 30 ޕަސެންޓް މަތިވާނެ ކަމަށް” މިހާރު އިންޓަ މިލާނަށް އިރުޝާދުދޭ ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ އޭނާގެ ކޯޗުކަމުގައި ލުކާކޫ ދައްކަމުން އަންނަ ކުޅުން ފެންނާނެ ކަމަށާއި ވެން ޑައިކް ލިވަޕޫލްގައި ދައްކާ ކުޅުމަކީ އޭރު ދިން ހިޔާލު ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ.
“އެގޮތަށް ކަންތައްވުމުން ޗެލްސީގެ ފެންވަރު މަތިކޮށް ގިނަ އަހަރުތަކެއް ވަންދެން ކާމިޔާބު ކްލަބަކަށް ހެދުމުގެ އުއްމީދު ގެއްލުނު” ކޮންޓޭ ބުންޏެވެ.
ކުރިން ޗެލްސީ އަށް ކުޅެ ފުރުސަތު ނުލިބުމުން ލުކާކޫ ވަނީ ވެސްޓް ބްރޮމް އާއި އެވަޓަން އަށް ކުޅެފަ އެވެ. އެވަޓަން އަށް ދާއިމީކޮށް ބަދަލުވުމަށް ފަހު ދެއްކި މޮޅު ކުޅުމާ އެކު 2017 ވަނަ އަހަރުގެ ޖުލައި މަހު ލުކާކޫ ބަދަލުވީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. އެކަމަކު އެޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ ލުކާކޫ ވަނީ މިދިޔަ އަހަރު އިންޓަ އަށް ބަދަލުވެފަ އެވެ. އިންޓަ އަށް ބަދަލުވުމަށް ފަހު މިދިޔަ ސީޒަނުގައި ލުކާކޫ 34 ލަނޑު ޖެހިއިރު މި ސީޒަނުގައި މިހާތަނަށް ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.
ކޮންޓޭ ބުނީ އިންގްލެންޑުގައި ލުކާކޫ އަށް ކޯޗުކަން ކޮށްދިނުމުގެ ފުރުސަތު ލިބުނު ނަމަ ލުކާކޫގެ ކުޅުމުން ކުރިއެރުން ފެނުނީސް ކަމަށެވެ.
“އަހަރެއްތެރޭ އިންޓަ މިލާނުގައި ލުކާކޫ ބޮޑު ކުރިއެރުމެއް ހޯދައިފި. ލުކާކޫ އަށް އަދިވެސް ކުރިއަށް ދެވޭނެ. އޭނާ އަށް ވެވޭނެ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑަށް” ލުކާކޫ އަށް އަބަދުވެސް ތައުރީފްކުރާ އުމުރުން 51 އަހަރުގެ ކޮންޓޭ ބުންޏެވެ.
ޗެލްސީގައި ސީޒަނެއް ހޭދަކުރުމަށް ފަހު އިޓަލީ އަށް ބަދަލުވި ނަމަވެސް ކޮންޓޭ ބުނީ އަދި އިންގްލެންޑުން އޭނާ ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ. އިންގްލެންޑުގެ މާހައުލާ މެދު އޭނާ އާއި އާއިލާ ވެސް ހިތްހަމަޖެހޭ ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ. ކޯޗެއްގެ ގޮތުގައި އިންގްލެންޑަށް އަނބުރާ ދާންބޭނުންވާކަމަށް ކޮންޓޭ ބުނީ މެންޗެސްޓަރ ޔުނައިޓެޑުން އޭނާ ގެންދަން މަސައްކަތް ކުރިކަމަށް ބުނެ ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.