ޔޫކްރޭން ފުޓްބޯޅަ ޓީމުގެ ތިން ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން ޔޫއެފާ ނޭޝަންސް ލީގުގައި އެޓީމު މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށް މުޅި ޓީމު ކަރަންޓީނަށް ލައިފި އެވެ.
މެޗުގެ ކުރިން ހެދި ޓެސްޓުތަކުން ޕޮޒިޓިވްވީ ޔޫކްރޭން ޓީމުގެ އެޑުއާޑް ސޮބޮލް އާއި ޔަވެން މަކަރެންކޯ އާއި ޑިމިޓްރޯ ރިޒްނީކް އެވެ. ކެންސަލް ކުރުމަށް ފަހު މެޗާ މެޗު އަމަލުކުރާ ގޮތެއް ޔޫއެފާއިން އަދި ނިންމާފައެއްނުވެ އެވެ.
ޔޫކްރޭން އާއި ސްވިޒަލެންޑް ހިމެނެނީ ނޭޝަންސް ލީގުގެ ގްރޫޕް އޭ4 ގަ އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޖަރުމަނާއި ސްޕެއިން މިރޭ ދަންވަރު ވާދަކުރާނެ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް އަންނަ އަހަރު އޮންނަ ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ. ޔޫކްރޭން އާއި ސްވިޒަލެންޑަށް ފައިނަލް ބުރުން ފުރުސަތު ގެއްލިފައި ވީނަމަވެސް މިރޭގެ މެޗުގެ ނަތީޖާ މުހިއްމުވަނީ އެ ގްރޫޕުން ރެލިގޭޓްވާ ޓީމެއް ހޯދުމަށެވެ. މިރޭގެ މެޗުތަކަށް ފަހު ގްރޫޕްގެ ފުލަށް ދާ ޓީމު އަންނަ އަހަރުގެ ނޭޝަންސް ލީގުގެ ބީ އަށް ރެލިގޭޓްވާނެ އެވެ.
ގްރޫޕްގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ޖަރުމަނު އޮތްއިރު ދެ ވަނައިގައި އޮތް ސްޕެއިނަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. ކުރީގެ މަޝްހޫރު ފޯވާޑް އަންދްރޭ ޝްވަޗެންކޯގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޔޫކްރޭނަށް ހަ ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ސްވިޒަލެންޑަކީ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ގްރޫޕުން އެއް ވަނަ ހޯދައި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރި ޓީމެކެވެ.
މި އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލް ބުރުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ފްރާންސެވެ. ހަތަރު ޖާގައިގެން ތެރެއިން ޖަރުމަނާއި ސްޕެއިންގެ ތެރެއިން އެއް ޓީމަކަށް މިރޭ ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ. ތިން ވަނަ ޖާގަ އަށް ބެލްޖިއަމް އާއި ޑެންމާކުން ވާދަކުރާ އިރު ހަތަރު ވަނަ ޖާގައަށް އިޓަލީ އާއި ޕޮލެންޑުގެ އިތުރުން ނެދަލެންޑްސް އިން ވާދަކުރެ އެވެ.