ފުރަތަމަ ސަފްޙާ / ޚަބަރު / ދަގަނޑޭ ފައިނަލަށް ގެންދިއުމުގެ ހަނގުރާމަ ބުރާސްފަތި ދުވަހު، ސަޕޯޓަރުން ތައްޔާރުވޭ

ދަގަނޑޭ ފައިނަލަށް ގެންދިއުމުގެ ހަނގުރާމަ ބުރާސްފަތި ދުވަހު، ސަޕޯޓަރުން ތައްޔާރުވޭ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 17 ނޮވެމްބަރު 2020

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ވިއެޓްނާމްގެ އެންގުޔެން ކުއާންގް ހާއީއާ ވާދަކުރަން ޖެހިއްޖެ އެވެ.

އޭއެފްސީ ވެބްސައިޓްގައި އޮންލައިންކޮށް ކުރިއަށްގެންދާ ޕޯލްގައި ދަނޑޭ ސެމީ ފައިނަލަށް ދަތުރުކުރީ ވިއެޓްނާމްގެ އެންގުޔެން ވެން ކުއާޓްއާ ވާދަކޮށް ހަނިގޮތަކަށް ކުރި ހޯދައިގެންނެވެ. ކުއާޓާ ފައިނަލުގައި ދަގަނޑޭ އަށް 51.45 އިންސައްތަ ވޯޓު ލިބުނުއިރު ވިއެޓްނާމްގެ ކުޅުންތެރިޔާ އަށް ލިބުނީ 48.55 އިންސައްތަ އެވެ. މި މެޗުގައި ވިއެޓްނާމްގެ ކުޅުންތެރިޔާ ވަނީ ވަރަށް ފަހަކާ ޖެހެންދެން ވެސް ދަގަނޑޭ އަށް ވުރެ ކުރީގައި އޮވެފަ އެވެ. އެކަމަކު ދިވެހިންގެ ހިތްވަރުން ޕޯލް ބަންދުކުރުމުގެ ކުރިން ދަގަނޑޭ އަށް ކުރި ހޯދައިދިނެވެ. ދަގަނޑޭއާ ދެކޮޅަށް ސެމީގައި ނުކުންނަ ވިއެޓްނާމްގެ ކުޅުންތެރިޔާ ވަނީ ކުއާޓާ ފައިނަލުގައި އިންޑިއާގެ މެހްތަބު ހުސައިންއާ ވާދަކޮށް 80 އިންސައްތަ ހޯދައިފަ އެވެ.

@AliAshfaq07 won the @theafcdotcom fans' poll for the best solo goal in @AFCCup, for his coolly scored goal against Indonesian club Persibo Bojonegoro for New Radiant Sports Club on 12 March 2013 ????⚽????
Congratulations ???????? pic.twitter.com/MKLDJH94Cc

— Fahuminet (@fahuminet) June 18, 2020

32 ކުޅުންތެރިއަކު ޖެހި ގޯލުތައް ހިމަނައިގެން އޭއެފްސީ ވެބްސައިޓްގައި ބްރެކެޓް ޗެލެންޖް ފެށީ މީގެ ފަސް ހަފްތާ ކުރިންނެވެ. ސެމީ ފައިނަލްގައި ދަގަނޑޭ އާއި ކުއާންގްގެ އިތުރުން ވާދަކުރަނީ މެލޭޝިއާގެ އުމުރުން 23 އަހަރުގެ ފޯވާޑް ސަފާވީ ރާސިދު އާއި ހޮންގް ކޮން އަށް އުފަން 35 އަހަރުގެ ފޯވާޑް ޗާން ސިއު ކީ އެވެ.

ސަފާވީ އާއި ޗާން ސިއު ކީ ވާދަކުރާ ފުރަތަމަ ސެމީ ފައިނަލްގެ ޕޯލް ފަށާނީ މާދަމާ އެވެ. ދަގަނޑޭ އާއި ކުއާންގް ވާދަކުރާ ސެމީ މެޗު ފަށާނީ ބުރާސްފަތި ދުވަހު އެވެ. ކޮންމެ ޕޯލަކަށް ވެސް މިފަހަރު ލިބޭނީ އެއް ދުވަހެވެ.

???? #AFCCup Bracket Challenge SFs TOMORROW ????

???? Check out the 4️⃣ contenders…

???? https://t.co/kS1QyZ9zKi pic.twitter.com/NtpdGmCz16

— AFC (@theafcdotcom) November 17, 2020

ދަގަނޑޭއާ ދެކޮޅަށް ނުކުންނަ 23 އަހަރުގެ ކުއާންގް އަކީ 2017 ވަނަ އަހަރު ވިއެޓްނާމްގެ ގައުމީ ޓީމަށް ކުޅެން ފަށައި މިހާތަނަށް 24 މެޗުގައި ހަ ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ. ބްރެކެޓް ޗެލެންޖުގައި ނޮމިނޭޓް ވެފައިވަނީ ކުއާންގްގެ ކުރީގެ ކްލަބް ހެނޯއީ އެފްސީ އަށް އޭއެފްސީ ކަޕްގައި ޖަހައިދިން ލަނޑެކެވެ. ލޯނު އުސޫލުގެ ދަށުން ކުއާންގް މިހާރު ކުޅެނީ ވިއެޓްނާމްގެ ސައިގޮން އަށެވެ.

ޕޯލްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ ނިއު ރޭޑިއަންޓާ އެކު 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ލަނޑެކެވެ. 7-0 އިން ނިއު ރޭޑިއަންޓް ކާމިޔާބުކުރި އެ މެޗުގައި ދަގަނޑޭ އެ ގޯލު ޖެހީ އެވަގުތު އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު ކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ. އޭއެފްސީ ކަޕްގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ދަގަނޑޭގެ އެ ގޯލަށް މިދިޔަ ޖޫން މަހު ވެސް ވަނީ އެއް ވަނަ ލިބިފަ އެވެ. އެފަހަރު ދަގަނޑޭގެ ގޯލަށް އެއްވަނަ ލިބުނީ 54 އިންސައްތަ ވޯޓާ އެކު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!