ރެއާލް މެޑްރިޑުން އޭނާގެ ސޮއި ނުހޯދުމުން ޝުކުރުވެރިވާކަމަށާއި، ބާސެލޯނާ އަކީ އަބަދުވެސް އޭނާ އެންމެ ކުޅެން ބޭނުންވި ކްލަބްކަމަށް ޕެޑްރީ ބުނެފި އެވެ.
ސްޕެއިންގެ ލަސް ޕަލްމާސް އިން ޕެޑްރީ ބާސެލޯނާ އަށް ބަދަލުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ. 17 އަހަރުގެ އެޓޭކިން މިޑްފީލްޑަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއާ ގުޅުނީ ފަސް މިލިއަން ޔޫރޯގެ އެއްބަސްވުމެއްގަ އެވެ. ބާސެލޯނާއާ ގުޅުމުގެ ކުރިން ޕެޑްރީ ވަނީ ވާދަވެރި ރެއާލް މެޑްރިޑްގެ ޓްރަޔަލެއްގައި ބައިވެރިވެފަ އެވެ.
“އަހަރެން ދިޔައިން ރެއާލާ އެކު ސެޝަންތަކެއްގައި ބައިވެރިވާން. އެމީހުން ބުނީ އެއީ އަހަރެންގެ ލެވެލްއެއް ނޫންކަމަށް. ރެއާލަށް ކުޅުމުގެ ފެންވަރު އަހަރެންގެ ކިބައިގައި ނެތޭ ބުނި މީހަކަށް އަހަރެން ޝުކުރުއަދާކުރަން. އަހަރެން މިހާރު މިހުރީ އަބަދުވެސް އެންމެ ލޯބިވާ ކްލަބްގައި” ޕެޑްރީ ބުންޏެވެ.
ބާސެލޯނާގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި ޕެޑްރީ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 10 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ޕެޑްރީ ގޯލު ޖެހި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފެރެންވަރޯސީއާ ދެކޮޅަށް ކުޅުނު މެޗާއި ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޒުވާން އުމުރުގައި ބާސެލޯނާ ކަހަލަ ބޮޑު ކްލަބަކަށް ބަދަލުވެ ޕެޑްރީ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ބައެއް މެޗުތަކުގައި ޕެޑްރީ އެ ކްލަބުގެ ފުރަތަމަ އެގާރައިގައި ވެސް ބޭނުންކޮށްފަ އެވެ.
ސެޕެއިންގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކުގައި ބަރާބަރަށް ހިމެނެމުން އަންނަ ޕެޑްރީ އަށް ސީނިއާ ޓީމުން އަދި ފުރުސަތު ލިބިފައެއްނުވެ އެވެ.