ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ކޯވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ އުރުގުއޭ އިން ބްރެޒިލްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗާއި، އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗު އޭނާ އަށް ގެއްލިއްޖެ އެވެ.
ކުރިން ލިވަޕޫލް އަދި ބާސެލޯނާއަށް ކުޅެފައިވާ 33 އަހަރުގެ ސުއަރޭޒް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މިރޭ އުރުގުއޭ ކުޅެން ހަމަޖެހިފައިއޮތް މެޗުގެ ކުރިން ގައުމީ ޓީމުގެ ހުރިހާ މެންބަރުން ކޯވިޑަށް ޓެސްޓްކުރިއިރު ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ. އުރުގުއޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިކަން ކަށަވަރުކޮށްދީފައިވާއިރު ސުއަރޭޒްގެ އިތުރުން އުރުގުއޭގެ ގޯލްކީޕަރު ރޮޑްރިގޯ މުނޯޒް އާއި އޮފިޝަލުންގެ ތެރެއިން އެކަކު ކޯވިޑަށް ޕޮޒިޓވް ވެފައިވާކަން އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ
މި ސީޒަނުގައި ބާސެލޯނާއިން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމަށްފަހުި ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސުއަރޭޒް ވަނީ މިހަފްތާގެ ހޮނިހިރު ދުވަހު އުރުގުއޭ އިން ކޮލަމްބިޔާ އާ ދެކޮޅަށް ކުޅެ 0-3 އިން މޮޅުވި މެޗުގައި ކުޅެފައެވެ. އެކަމަކު ކޯވިޑަށް ޕޮޒިޓިވް ވުމާއެކު ސުއަރޭޒް އަށް ދެން ހުންނަންޖެހޭނީ 14 ދުވަހުގެ މުއްދަތަށް އައިސޮލޭޝަންގަ އެވެ. އުރުގުއޭ މިވަގުތު އޮތީ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަހައްދުގެ ޓީމުތައް ވާދަކުރާ ގްރޫޕް ޓޭބަލްގެ ހަތަރުވަނައިގަ އެވެ.