ފުރަތަމަ ސަފްޙާ / ޚަބަރު / މަޝެރާނޯ ފުޓްބޯޅަ އިން ރިޓަޔާކޮށްފި

މަޝެރާނޯ ފުޓްބޯޅަ އިން ރިޓަޔާކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 16 ނޮވެމްބަރު 2020

ފުޓްބޯޅަ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި އާޖެންޓީނާގެ ހާވިއޭ މަޝެރާނޯ ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

މިހާރު އުމުރުން 36 އަހަރުގެ މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު އޭނާ އެންމެ ފަހުން ފެނުނީ އުފަންގައުމު އެސްޓޫޑިއެންޓެސް ޓީމުންނެވެ.

މިޑްފީލްޑާއި ޑިފެންސަށް ވެސް ކުޅެފައިވާ މަޝެރާނޯގެ ކުޅުން ފާހަގަވާން ފެށީ އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑަށް 2006 ވަނަ އަހަރު ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި އެއް އަހަރު ހޭދަކުރުމަށް ފަހު މަޝެރާނޯ ބަދަލުވީ ލިވަޕޫލަށެވެ. 2007 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭސީ މިލާން އަތުން ލިވަޕޫލް ބަލިވި މެޗުގައި މަޝެރާނޯ ވަނީ ކުޅެފަ އެވެ.

މަޝެރާނޯ ކްލަބް ކެރިއަރުގައި ކާމިޔާބު ދުވަސްތައް ހޭދަކުރީ 2010 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ހިސާބުންނެވެ. ބާސެލޯނާއާ އެކު އަށް ސީޒަން ހޭދަކޮށް 2018 ވަނަ އަހަރު އެ ކްލަބް ދޫކޮށްލިއިރު މަޝެރާނޯ ވަނީ ޗެމްޕިއަންސް ލީގުގެ ދެ ތައްޓާއި ސްޕެނިޝް ލަލީގާ ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާ ދޫކޮށް މަޝެރާނޯ ބަދަލުވީ ޗައިނާގެ ލީގަށެވެ. އެއަށްފަހު ކެރިއަރު ނިންމާލުމުގެ ކުރިން އުފަން ގައުމަށް ބަދަލުވި އެވެ.

“އަހަރެން މިއަދު މި އިއުލާންކުރަނީ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރިކަން. ކެރިއަރު ނިންމާލުމުގެ ފުރުސަތު ދިނީތީ އަހަރެން މި ކްލަބަށް ޝުކުރުއަދާކުރަން” ކުޅުން ހުއްޓާލިކަން އިއުލާންކުރަމުން މަޝެރާނޯ ބުންޏެވެ.

އާޖެންޓީނާގެ ރިވަ ޕްލޭޓުން ފުޓްބޯޅަ ކެރިއަރު ފެށި މަޝެރާނޯ ވަނީ އެގައުމަށް 147 މެޗު ކުޅެދީފަ އެވެ. އަދި އޭނާ ވަނީ 2004 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް އާޖެންޓީނާއާ އެކު ކާމިޔާބުކޮށްފަ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!