އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލުން ފުރުސަތު ލިބުމާ އެކު އަލީ އަޝްފާގް (ދަގަނޑޭ) ދިވެހި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފި އެވެ. ދަގަނޑޭ ސަޕޯޓަރުންނަށް ޝުކުރުއަދާކުރީ ދެންމެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.
” އަލްހަމްދު ٱللَّٰه! މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި، މިފަދަ ދެވަނައެއް ނުވާ ސަޕޯޓަރުން އަޅުގަނޑާ އެކު ތިބުމަކީ އަޅުގަނޑު ނުހަނު އުފާ ކުރާކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ!” ދަގަނޑޭގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އަލްހަމްދު ٱللَّٰه! މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. (1/2) pic.twitter.com/x0tJVICSIN
— Ali Ashfaq (@AliAshfaq07) November 16, 2020
ކުއާޓާ ފައިނަލުގައި ވިއެޓްނާމްގެ އެންގުޔެން ވެން ކުއެޓްއާ ވާދަކޮށް ދަގަނޑޭ އަށް 51.45 އިންސައްތަ ލިބުނުއިރު ވިއެޓްނާގް ކުޅުންތެރިޔާއަށް ލިބުނީ 48.55 އިންސައްތަ އެވެ. ސެމީގައި ދަގަނޑޭ ވާދަކުރަން ޖެހޭނީ ވިއެޓްނާމްގެ ހެނޯއއީ އެފްސީގެ އެންގުޔެން ކުއާކް ހާއީއާ އެވެ. 80 އިންސައްތަ ވޯޓު ހޯދައި ވިއެޓްނާމްގެ މި ކުޅުންތެރިޔާ ސެމީގެ ޖާގައެއް ހޯދީ އިންޑިއާގެ އީސްޓް ބެންގާލްގެ މެހްތަބު ހުސައިންއާ ވާދަކޮށެވެ. އޭއެފްސީ ވެބްސައިޓްގައި ކުރިއަށްގެންދާ މި ޕޯލަށް 32 ކުޅުންތެރިއަކު ޖެހި ގޯލު ވަނީ ހިމަނައިފަ އެވެ.
ޕޯލްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ލަނޑެކެވެ. 7-0 އިން ނިއު ރޭޑިއަންޓް ކާމިޔާބުކުރި އެ މެޗުގައި ދަގަނޑޭ އެ ގޯލު ޖެހީ އެވަގުތު އޭނާ އަތުން ބޯޅަ ހޯދަން ކައިރިވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު ކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ. ދަގަނޑޭއާ ވާދަކުރި ވެން ކުޔެޓްގެ ގޯލަކީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ފިލިޕީންސްގެ ސެރެސް ނިގްރޯސް ކޮޅަށް ޖެހި ލަނޑެކެވެ.