ފުރަތަމަ ސަފްޙާ / ޚަބަރު / ބެލްޖިއަމް އަތުން ބަލިވެ އިންގްލެންޑަށް ފުރުސަތު ގެއްލިއްޖެ

ބެލްޖިއަމް އަތުން ބަލިވެ އިންގްލެންޑަށް ފުރުސަތު ގެއްލިއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 16 ނޮވެމްބަރު 2020

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މުބާރާތުގެ ފަހު ބުރަށް ދިއުމުގެ ފުރުސަތު އެ ގައުމަށް ގެއްލިއްޖެ އެވެ. ބެލްޖިއަމްގެ ލީވެން ގައި ކުޅުނު މި މެޗުން އިންގްލެންޑް ބަލިވީ 0-2 އިންނެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް އާ ދެކޮޅަށް ރޭ އިންގްލެންޑުން ކުޅުނު މެޗުގައި  އިންގްލެންޑުން ގިނައިރު ބޯޅަ ގެންގުޅެގެން ކުޅެފައިވީ ނަމަވެސް އެ ޓީމަށް ބެލްޖިއަމްގެ ގޯލަށް ނުރައްކާކުރެވޭ ވަރުގެ މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ.

ބެލްޖިއަމުން ރޭގެ މެޗުގައި ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޔޫރީ ޓިލްމަންސް އެވެ. ދެވަނަ ލަނޑު އޭގެ 13 މިނެޓް ފަހުން ބެލްޖިއަމް އަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން މާޓެންސް އެވެ. ބެލްޖިއަމުން ދެވަނަ ގޯލު ކާމިޔާބުކުރުމުގެ ކުރިން އިންގްލެންޑުން މެޗުގެ ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ބޯޅަ ގޯލު ރޮނގު މަތިން ކަހަލަ ގޮތަކަށް ބެލްޖިއަމްގެ ފޯވާޑް ރޮމޭލޫ ލުކާކޫ ވަނީ ދިފާއުކޮށްފަ އެވެ.

އިންގްލެންޑާއި ބެލްޖިއަމް ހިމެނޭ ގްރޫޕްގައި ދެން ހިމެނޭ ޑެންމާކް އަދި އައިސްލެންޑް ވާދަކުރި މެޗު 1-2 އިން ކާމިޔާބުކުރީ ޑެންމާކެވެ. މި ގްރޫޕުން ފައިނަލް ބުރަށް ކޮލިފައިވާނެ ޓީމެއް އެނގޭނީ އަންނަ ބުދަ ދުވަހުގެ ރޭ ބެލްޖިއަމް އާއި ޑެންމާކް ވާދަކުރާ މެޗް ނިމުމުންނެވެ. ޑެންމާކަށް ހަމައެކަނި އޮތް ފުރުސަތަކީ ބެލްޖިއަމް ބަލިކުރުމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!