ފުރަތަމަ ސަފްޙާ / ޚަބަރު / ބޭލް އަލުން ފުޓްބޯޅަ އަށް ލޯބިޖެހިއްޖެ: އެސިސްޓެން ކޯޗް

ބޭލް އަލުން ފުޓްބޯޅަ އަށް ލޯބިޖެހިއްޖެ: އެސިސްޓެން ކޯޗް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 15 ނޮވެމްބަރު 2020

އެނބުރި ޓޮޓެންހަމް ހޮޓްސްޕާސް އަށް ދިއުމާ އެކު ގަރެތު ބޭލް ފުޓްބޯޅަ އަށް އަލުން ލޯބިޖެހިއްޖެ ކަމަށް ވޭލްސްގެ އެސިސްޓެންޓް މެނޭޖަރު ރޮބާޓް ޕޭޖް ބުނެފި އެވެ.

ރެއާލް މެޑްރިޑްގެ ޓީމުން ބާކީވެ 31 އަހަރުގެ ވޭލްސްގެ ކެޕްޓަން ބޭލް ޓޮޓެންހަމަށް މި ސީޒަނުގައި ބަދަލުވީ ލޯނު އުސޫލުންނެވެ. ޓޮޓެންހަމަށް ބަދަލުވުމުން ބޭލް އަށް ކުޅުމުގެ ފުރުސަތު ވަނީ ލިބެން ފަށައިފަ އެވެ. ވޭލްސް އިން ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އެސިސްޓެންޓް މެނޭޖަރު ބުނީ ބޭލް މިހާރު ހިތްހަމަޖެހިގެން ފުޓްބޯޅަ ކުޅޭތަން ފެންނަ ކަމަށެވެ.

“ޓޮޓެންހަމް ކަހަލަ ޓީމެއްގައި އެހުރީ އޭނާ މެޗުތަކުގައި ކުޅުވަން ބޭނުންވާ މެނޭޖަރަކާ އެކު. ކޮންމެ ހަފްތާއަކު ބޭލް އަށް ކުޅުމުގެ ފުރުސަތު ލިބޭއިރު 90 މިނެޓު ގިނަ މެޗުތަކެއްގައި ކުޅެން ބޭލް އެދަނީ ތައްޔާރުވަމުން” ބޭލްގެ ކުޅުމަށް އައި ބަދަލަށް އިޝާރަތްކުރަމުން ޕޭޖް ބުންޏެވެ.

ޕޭޖް ބުނީ ބޭލްގެ ފަރާތުން ވޭލްސް އަށް އަބަދުވެސް އެހީތެރިކަން ލިބޭ ކަމަށާއި، އަނިޔާގައި ނެތްނަމަ ބޭލް ޓީމާ އެކު އަބަދުވެސް ބައިވެރިވާ ކަމަށެވެ.

“އަހަރެމެންނަށް މިހާރު ބޭލް ލިބިފައި މިހުރީ ފުޓްބޯޅަ އަށް އަލުން ލޯބި ޖެހިފައިވާ ދަނޑިވަޅެއްގައި. އަހަރެމެން މަސައްކަތް ކުރާނަން ބޭލްގެ ހިތްހަމަޖެހުން ދަމަހައްޓަން” ޕޭޖް ބުންޏެވެ.

މި މަހު ކުޅޭ ބައިނަލްއަގްވާމީ މެޗުތަކުގައި ވޭލްސް ޓީމަށް އިރުޝާދު ދޭނީ ޕޭޖް އެވެ. އެއީ އެޓީމުގެ ކޯޗު ރަޔަން ގިގްސް އަށް ކުރެވިފައިވާ ތުހުމަތަކާއި ގުޅިގެން އޭނާ މިވަގުތު ޓީމާ ދުރުގައި ހުރުމުންނެވެ.

ނޭޝަންސް ލީގުގެ ދެ މެޗަށް ނުކުތުމުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ޕޭޖްގެ އިރުޝާދުގެ ދަށުން ވޭލްސް އިން އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ނޭޝަންސް ލީގުގައި މިރޭ ރިޕަބްލިކް އޮފް އަޔަލެންޑާ ކުޅޭ މެޗަށް ފަހު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ވޭލްސް އަންނަ ބުދަ ދުވަހުގެ ރޭ ނުކުންނާނީ ފިންލެންޑާ ދެކޮޅަށެވެ.

ޕޭޖް ބުނީ އުމުރާ އެކު ކުޅުންތެރިންގެ ކުޅުމަށް ބަދަލުތައް އަންނަކަން ކުރިން ފުޓްބޯޅަ ކުޅުނު މީހެއްގެ ހައިސިއްޔަތުން އޭނާ ތަޖުރިބާ ކޮށްފައިވާނެ ކަމަށެވެ. އެކަމަކު ބޭލްގެ ފަރާތުން އެފަދަ މަންޒަރެއް ނުފެންނަ ކަމަށް ޕޭޖް ބުންޏެވެ.

“ހުކުރު ދުވަހު ބޭލް ކުރި ޕްރެކްޓިހުގައި އަހަރެންނަށް އެނގުނު އޭނާ އަށް ބަދަލެއް ނާންނަކަން. އަދިވެސް ބޭލް ހުރީ ރަނގަޅު ފޯމުގައި. އެއީ ބޮޑު ހިތްހަމަޖެހުމެއް” މުހިއްމު މެޗުގެ ކުރިން ޕޭޖް ބުންޏެވެ.

ވޭލްސް ހިމެނޭ ގްރޫޕް ބީ4 ގައި އެޓީމު އޮތީ 10 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ފިންލެންޑަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އަޔަލެންޑަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައިވާ ބަލްގޭރިއާ އެވެ. ގްރޫޕްގެ އެއް ވަނަ ހޯދައި ލީގު އޭ އަށް ކޮލިފައިވުމަށް މިރޭގެ މެޗު ކާމިޔާބުކުރުން ވޭލްސް އަށް މުހިއްމެވެ. ވޭލްސްއާ އަޔަލެންޑް ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!