ފުރަތަމަ ސަފްޙާ / ޚަބަރު / އަހަރެންނަށްވުރެ ބާރަށް ރޮނާލްޑޯ ދުވޭ: ބޯލްޓް

އަހަރެންނަށްވުރެ ބާރަށް ރޮނާލްޑޯ ދުވޭ: ބޯލްޓް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 14 ނޮވެމްބަރު 2020

ދުނިޠޭގެ އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ޔުސެއިން ބޯލްޓަށްވުރެ ބާރަށް ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދުވާކަމަށް ބޯލްޓް ބުނެފި އެވެ.

އެތުލެޓިކްސް އިން 2017 ވަނަ އަހަރު ރިޓަޔަރ ކޮށްފައިވާ ބޯލްޓަކީ 100 އަދި 200 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑް މިވަގުތުވެސް އޮތް ފަރާތެވެ. އޮލިމްޕިކްސް މުބާރާތުން އަށް ރަން މެޑަލް ހާސިލްކޮށްފައިވާ ބޯލްޓް 100 މީޓަރު ދުވުމުން ދުނިޔޭގެ ރެކޯޑް ހެދީ 2009 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގަ އެވެ. އެފަހަރު ބޯލްޓް ރޭސް ނިންމައިފައިވަނީ 9.58 ސިކުންތުންނެވެ. އަދި ހަމަ އެ މުބާރާތުގެ 200 މީޓަރު ދުވުން 19.19 ސިކުންތުން ނިންމައި އެ ރޭހުންވެސް ދުނިޔޭގެ ރެކޯޑް ހެދި އެވެ. އަދިވެސް 200 މީޓަރުގެ ދުވުމުގެ ދުނިޔޭގެ ރެކޯޑަކީ އެއީ އެވެ.

އެކަމަކު ބޯލްޓް ގަބޫލުކުރަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ އޭނާ އަށްވުރެ ދުވެލި ބާރު ކަމަށެވެ.

“އަހަރެންނަށް ހަމަ ޔަގީން ކްރިސްޓިއާނޯ އަހަރެންނަށްވުރެ ހަލުވި ކަން. އޭނަ ކޮންމެ ދުވަހަކު ވަރަށް ބުރަކޮށް މަސައްކަތްކުރޭ. އޭނަ އަކީ ވަރަށް ކުޅަދާނަ އެތުލީޓެއް. އޭނަ އަބަދުވެސް އުޅެނީ އެންމެ ކުރީގަ. އޭނަ އަކީ ބުރަކޮށް މަސައްކަތްކުރާ އަދި ކުރާ ކޮންމެ ކަމަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މީހެއް. އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި މިހާރުވެސް ރޮނާލްޑޯ އަހަރެންނަށްވުރެ ބާރަށް ދުވާނެ.” ހަފްތާ މަޖައްލާއަކަށް ދިން އިންޓަވިއު އެއްގައި 34 އަހަރުގެ ބޯލްޓު ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެތުލީޓު، އުމުރުން 35 އަހަރުގެ ރޮނާލްޑޯ އަށް ތައުރީފުކޮށް ވާހަކަ ދައްކާފައިވާ އިރު އޭނާ ވަނީ މި ސީޒަނުގައި ޔުވެންޓަސް އަށް އިޓާލިއަން ލީގުގައި ކުޅުނު ހަތަރު މެޗުގައި ހަ ގޯލު ކާމިޔާބުކޮށްދީ ފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!