މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ކުޅުނު ޔޫކްރޭންގެ ފޯވާޑް ސިލިޗް ކީރްލޯއާ އެކު ކިރްގިސްތާންގެ ތިން ކުޅުންތެރިން އެޓީމަށް ގެނެސްފި އެވެ.
ޔޫވީ އަށް ގެނައި ކިރްގިސްތާނުގެ ތިން ކުޅުންތެރިންގެ ތެރެއިން އަނަޓޯލީ ވްލަސީޗޭވް ވަނީ 2018 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅު ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، އެޓީމަށް ގެނައި ކިރްގިސްތާނުގެ ގޯލްކީޕަރު ރުސްލާން އަމިރޯވް ވަނީ 2017 ވަނަ އަހަރުގެ މާލޭ ލީގުގައި ޔޫވީގެ ގޯލު ބަލަހައްޓައިފަ އެވެ. ޔޫވީ އަށް ގެނައި ކިރްގިސްތާންގެ ޑިފެންޑަރމަރަޓް އަދްޒިނިޔަޒޯފް އަކީ ރާއްޖޭގެ ފުޓްބޯޅަ އަށް އާ ކުޅުންތެރިއެކެވެ.
ޔޫވީގެ ކުރި ބެލެހެއްޓުމުގައި ސިލިޗް މިދިޔަ ސީޒަނުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ސީޒަނުގައި ސިލިޗް ވަނީ ޔޫވީ އަށް ފަސް ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ ސީޒަނަށް ފަހު ސިލިޗް ވަނީ ޔޫކްރޭންގެ ދެ ވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅެފަ އެވެ. ކީޕަރު ރުސްލާން ޔޫވީ ދޫކޮށްލުމަށް ފަހު ކުޅުނީ އުފަން ގައުމުގެ ލީގުގަ އެވެ.

މަރަޓް އަދްޒިނިޔަޒޯފް (ކ)، ކީޕަރ ރުސްލާން އަމީރޯވް (މ) އަދި އަނަޓޯލީ ވްލަސީޗޭވް (ވ)
އަނަޓޯލީ އަކީ 2018 ވަނަ އަހަރު ޓީސީން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު އަނިޔާގެ ސަބަބުން ބައެއް މެޗުތައް ގެއްލި ޓީސީގެ ފުރަތަމަ އެގާރައިން އަނަޓޯލީ އަށް ފަހުން ލިބުނީ މަދު ފުރުސަތެކެވެ. އޭގެފަހުން އޭނާ ވަނީ ޓީސީ ދޫކޮށްލާފަ އެވެ. އަނަޓޯލީ އަލުން ރާއްޖޭގެ ފުޓްބޯޅައާ ގުޅުނުއިރު އޭނާ އެންމެ ފަހުން ކުޅުނީ ކިރްގިސްތާނުގް ލީގުގަ އެވެ.
ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ވަރުގަދަކޮށެވެ. އެޓީމުން ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސާ (މެސީ) ގެ ސޮއި ވެސް ހޯދައިފަ އެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ ފަރުހާދު އިސްމާއީލް (ފަރޭ) އާއި މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ފެނުނު އަހުމަދު ނިޒާމް (ނިޒާމްބެ) އަދި އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ޔޫވީއާ ގުޅިފަ އެވެ.
އާ ސީޒަނަށް ޔޫވީ އިން ޕްރެކްޓިސް ފަށާފައިވާއިރު ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އަންނަނީ އެޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނީ ސާންތީގެ އެހީތެރިކަން ހޯދީ މިވަގުތު ސާންތީ ހުސްކޮށް ހުރުމުގެ ސަބަބުން ކަމަށެވެ. އަންނަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. ލީގު ފަށާނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ.