ފުރަތަމަ ސަފްޙާ / ޚަބަރު / ތިންވަނަ މެޗުންވެސް މޮޅުވެ ބްރެޒިލް އަލުން އެއްވަނަ އަށް

ތިންވަނަ މެޗުންވެސް މޮޅުވެ ބްރެޒިލް އަލުން އެއްވަނަ އަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 14 ނޮވެމްބަރު 2020

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ގޮތުން ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅެމުން އަންނަ މެޗުތަކުގެ ތެރެއިން މިއަދު ފަތިހު ބްރެޒިލް އާއި ވެނެޒުއޭލާ ވާދަކުރި މެޗު ބްރެޒިލް ކާމިޔާބުކޮށް ޓޭބަލްގެ އެއްވަނައަށް އަލުން އަރައިފި އެވެ. ބްރެޒިލްގެ ސައު ޕޯލޯގައި ކުޅުނު މި މެޗު އެ ގައުމުން ކާމިޔާބުކުރީ 0-1 އިންނެވެ.

މި ނަތީޖާއާއެކު ބްރެޒިލް ޓޭބަލްގެ އެއްވަނައަށް އެރިއިރު އެ ޓީމު ވަނީ މިފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން މިފަހަރުގެ ކޮލިފައިންގައި އެ ޓީމު މޮޅުވެފައިވަނީ ބޮލީވިއާ އަދި ޕެރޫ އަތުންނެވެ. ބްރެޒިލްގެ ފަހަތުން ޓޭބަލްގެ ދެވަނައިގައި ހަތް ޕޮއިންޓާއެކު އާޖެންޓީނާ އޮތްއިރު ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެކުއެޑޯ އެވެ.

މިއަދު ކުޅުނު މެޗުގައި ބްރެޒިލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ބްރެޒިލްގެ އެންމެ މަޝްހޫރު ފޯވާޑް ނޭމާ ކުޅެފައެއް ނުވެއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މީގެ ހަތަރު ދުވަސް ފަހުން ބްރެޒިލް ވާދަކުރާނީ އުރުގުއޭ އާ އެވެ. މި މެޗު ކުޅޭނީ އުރުގުއޭ ގައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!