ފުރަތަމަ ސަފްޙާ / ޚަބަރު / ޖޭޖޭ އަށް ކުޅުނު ޖަޕާން މިޑްފީލްޑަރު ސަސް އަށް

ޖޭޖޭ އަށް ކުޅުނު ޖަޕާން މިޑްފީލްޑަރު ސަސް އަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 13 ނޮވެމްބަރު 2020

ދެ ވަނަ ޑިވިޝަނުގެ ޖޭޖޭ ސްޕޯޓްސް ކްލަބަށް 2018 ވަނަ އަހަރު ކުޅުނު ޖަޕާނުގެ އެއިސުކީ މޯރީ ފުރަތަމަ ޑިވިޝަނުގައި މި އަހަރު އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ގުޅިއްޖެ އެވެ. އެއިސުކީ ސަސްއާ ގުޅުނުކަން އެ ކްލަބުން ރޭ ވަނީ އިއުލާންކޮށްފަ އެވެ.

އެއިސުކީ އަކީ އެޓީމަށް ގެނައި ބިދޭސީ ފުރަތަމަ ކުޅުންތެރިޔާ އެވެ. ޖޭޖޭ އަށް ދެ ވަނަ ޑިވިޝަނުގައި 2018 ވަނަ އަހަރު ކުޅެ އެޓީމު މުބާރާތުގެ ފައިނަލަށް ގެންގޮސްދިނުމުގައި އެއިސުކީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެފަހަރުގެ ފައިނަލުގައި ޖޭޖޭ ބަލިވީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ވާދަކޮށެވެ. 26 އަހަރުގެ އެއިސުކީ އަކީ މެދުތެރޭގެ އިތުރުން ފަހަތަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.

ރާއްޖޭގެ އިތުރުން އެއިސުކީ ވަނީ ލާއޯސްގެ ލާއޯ ޓޮޔޯޓާ އެފްސީ އާއި މޮންގޯލިއާގެ އެތުލެޓިކް 220 އެފްސީ އަށް ކުޅެފަ އެވެ. އެއިސުކީ އެންމެ ފަހުން ކުޅުނީ އަރްމީނިއާގެ ފުރަތަމަ ޑިވިޝަނުގެ ޓޮޕްރެޑޯ ޔެރެވަން އަށެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކަށާއި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދު ދީފައިވާ އަހުމަދު ނާޝިދު (ނާދު) އެވެ. ނާދުގެ އިރުޝާދުގެ ދަށުން ސަސް އިން ޕްރެކްޓިސް ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ނާދު ބުނީ ޓީމުގެ ފުރަތަމަ އަމާޒަކީ ގަދަ ހައެއްގައި ހިމެނުން ކަމަށެވެ. އަދި ނަތީޖާތައް ނުކުންނަ ގޮތަކުން ލީގުގައި އެޓީމު ކުރިއަށް ދިއުމަށް މަސައްކަތް ކުރާނެކަމަށް ނާދު ބުނެފައިވެ އެވެ. އާ ސީޒަނާ އެޓީމުން ކުރިމަތިލާއިރު ދެ ވަނަ ޑިވިޝަންގެ ރަނަރަޕް މަގާމް ހޯދިއިރު އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމެނޭނެކަމަށް މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ބައެއް ކުޅުންތެރިން އެޓީމަށް ވަނީ ގެނެސްފަ އެވެ.

އެޓީމަށް ގެނައީ މިދިޔަ ހަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ފައްރާހް (ފައްރަ) އާއި ކުރިން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)، ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އުމުރުން 35 އަހަރުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނަށް ތައާރަފްވި އަހުމަދު އައިހަމް އަދި މިދިޔަ އަހަރުތަކުގައި ސަސް އަށް ކުޅުނު އަހުމަދު ފަރުހާން (ގައްބެ) ގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ކްލަބް ޕީކޭ އަށް ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ހަމީދު (ހެލްމެޓް) އެވެ.

އާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. އެދުވަހު ކުޅޭ ސީޒަން ހުޅުވާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް އީގަލްސް އެވެ. ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ސަސް ނުކުންނަނީ އީގަލްސްއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!