ފުރަތަމަ ސަފްޙާ / ޚަބަރު / އާޖެންޓީނާ މޮޅުކޮށްދޭން މެސީ ޖެހި ގޯލު ވީއޭއާރުން ބާތިލްކޮށްފި

އާޖެންޓީނާ މޮޅުކޮށްދޭން މެސީ ޖެހި ގޯލު ވީއޭއާރުން ބާތިލްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 13 ނޮވެމްބަރު 2020

ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މިހާރު ކުޅެމުން އަންނަ ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ފަތިހު އާޖެންޓީނާ އާއި ޕެރަގުއޭ ވާދަކުރި މެޗުގައި ނަތީޖާ ހަމަހަމަވެފައިވަނިކޮށް ޕެރަގުއޭ ކޮޅަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވައްދާލި ގޯލު ވީއޭއާރުން ބާތިލްކޮށްފި އެވެ. އާޖެންޓީނާގެ ބޮންބޮނޭރާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާ އާއެކު ޖުމްލަ ތިން މެޗު ކުޅެގެން ލިބުނު ހަތް ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އޮތީ އާޖެންޓީނާ އެވެ. އެކަމަކު މިރޭ ފަތިހު ބްރެޒިލް އާއި ވެނެޒުއޭލާ ވާދަކުރާ މެޗުން ބްރެޒިލް މޮޅުވެއްޖެ ނަމަ ދެ ޕޮއިންޓްގެ ލީޑަކާ އެކު ޓޭބަލްގެ އެއްވަނަ ބްރެޒިލްއަށް ލިބޭނެ އެވެ. ޕެރަގުއޭ އޮތީ ތިން މެޗު ކުޅެގެން ލިބުނު ފަސް ޕޮއިންޓާއެކު ޓޭބަލްގެ ހަތަރުވަނައިގަ އެވެ.

މިއަދު ފަތިހު ކުޅުނު ކޮލިފައިން މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޕެރަގުއޭ އިންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި އެ ޓީމަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން އަންހެލް ރޮމޭރޯ އެވެ. ޕެރަގުއޭ އިން ލަނޑު ޖަހައި ލީޑު ނެގުމާއެކު އާޖެންޓީނާއިން ކުޅުން ރަގަޅުކޮށް ލަނޑެއް ޖަހަން ކުރި މަސައްކަތުގެ ނަތީޖާ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމީހުން ނެރުނެވެ. މެޗުގެ 41 ވަނަ މިނެޓްގައި އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޖިއޮވާނީ ލޮ ސެލްސޯ ނަގައިދިން ކޯނަރަކުން ނިކޮލަސް ގޮންޒާލެސް އެވެ. މިއީ އުމުރުން 22 އަހަރުގެ ގޮންޒާލެސް ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއަށް ލީޑު ނަގަން ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އެޓީމުގެ ރޮޑްރިގޯ ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ޕެރަގުއޭގެ ގޯލްކީޕަރު އެންތަނީ ސިލްވާ ހުޝިޔާރުކަމާއެކު ދިފާއުކުރުމުންނެވެ.

މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަގަޅަށް ކުޅުނު އާޖެންޓީނާގެ ޓީމުން ދެވަނަ ހާފުގައި އުފެއްދި ހަމަލާއެއްގައި މެސީ ވަނީ  ޕެރަގުއޭގެ ގޯލްކީޕަރު ބީޓްކޮށް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. އެކަމަކު ވީއޭއާރު ޗެކްކުރުމަށްފަހު ފަހު ނިންމައިފައިވަނީ ހަމަލާ އުފެއްދުމުގެ ތެރޭގައި އާޖެންޓީނާގެ ކުޅުންތެރިއަކު ފައުލްކޮށްފައިވާ ކަމަށެވެ. އޭގެ ފަހުންވެސް މެސީ ވަނީ ގޯލެއް ކާމިޔާބުކުރުމާ ވަރަށް ގާތަށް ގޮސްފަ އެވެ. މެޗުގެ 72 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމެއް މެސީ ފޮނުވާލުމުން ގޮސް ޖެހުނީ ގޯލުގެ ހުރަސް ދަނޑީގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!