އާސެނަލްގެ ފޯވާޑް އެމެރިކް އޮބާމިޔަން ލަނޑުޖެހުމަށްފަހު ބައެއް ފަހަރު މާސްކު އަޅައިގެން އުފާފާޅުކުރާތީ އެކަމަށް ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ފާޑުކިޔުމުން ކްރޫސް އަށް ރައްދު ދިނުމުގެ ގޮތުން އޭނާގެ ދަރިޔަކު ހުރޭތޯ އޮބާމިޔަން ސުވާލުކޮށްފި އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޫސްގެ ފާޑުކިޔުމަށް ޖަވާބުދެމުން 31 އަހަރުގެ އޮބާމިޔަން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާސްކު އަޅައިގެން އޭނާ އުފާފާޅުކުރަނީ ކުޑަކުދިން އުފާކޮށްދިނުމަށް ކަމަށެވެ.
އޮބާމިޔަން ލަނޑުޖެހުމަށްފަހު އުފާފާޅުކުރި އެއް ހާދިސާއަށް އިޝާރަތްކުރަމުން ކްރޫސް ބުނެފައިވަނީ އެއީ އޭނާއަށް ފާހަގަކުރެވޭ ގޮތުގައި ވަރަށް ވިޔާނުދާ އަމަލެއް ކަމަށާއި، އެކަހަލަ އެއްޗެއް ކުޅުންތެރިޔާގެ އިސްޓާކީނުގެ ދަށަށް ލައި ފޮރުވާފައި އޮންނަ ނަމަ އެއީ އަދި މާ ގޯސްކަމެއް ކަމަށެވެ.
“އޮބާމިޔަން ލަނޑުޖެހުމަށްފަހު އެއްފަހަރަކު މާސްކެއް ނަގައި މޫނުގައި އެޅި. އެއީ އަހަރެންނަށް މައްސަލައަކަށްވާ ހިސާބަކީ. އަހަރެންނަކަށް ހިއެއް ނުވޭ އެދެއްކެނީ ރަގަޅު ނަމޫނާއެއް ހެނެއް.. އެއީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް.” ކްރޫސް ބުނެފައިވެ އެވެ.
ގެބޯންގެ ފޯވާޑް އޮބާމިޔަން އަށް ނިސްބަތްކޮށް 30 އަހަރުގެ ކްރޫސް ކުރި މި ކޮމެންޓް އޭނާ ނެގީ ވަރަށް ސީރިއަސްކޮށެވެ.
“މި ޓޯނީ ކްރޫސްގެ ގެ ދަރިން ތިބޭތަ.؟ އަހަރެން ބައެއް ފަހަރު އެކަންކޮށްފަ ހުންނާނީ އަހަރެންގެ ދަރިފުޅަށްޓަކައި. އަހަރެން އަދިވެސް އެކަން ކުރާނަން. އަހަރެން އުއްމީދުކުރަން ކްރޫސްއަށްވެސް ކޮންމެވެސް ދުވަހަކުން ކުދިން ލިބޭނެ ކަމަށް. އަދި އެކުދިން އުފާކޮށްދޭން ބޭނުންވާނެ ކަމަށް.” ތިން ކުދިން ތިބި ކްރޫސް ޓެގުކޮށް އޮބާމިޔާން އާންމުކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.