ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫއެފާ ޔޫރޯ 2020 މުބާރާތުގެ ބާކީ ހަތަރު ޖާގަ އަށް ޔޫރަޕްގެ އަށް ގައުމަކުން މިރޭ ނުކުންނާނެ އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު 20 ޓީމަށް ވަނީ އަންނަ އަހަރު އޮންނަ ޔޫރޯގެ ސީދާ ޖާގަ ލިބިފަ އެވެ. ބާކީ ހަތަރު ޖާގަ ލިބޭނީ މިރޭ ކުޅޭ ޕްލޭއޮފް ހަތަރު ފައިނަލުން މޮޅުވާ ހަތަރު ގައުމަށެވެ. މިރޭގެ މެޗުތަކަށް ފަހު ގްރޫޕް ސްޓޭޖުގައި ވާދަކުރާ ހުރިހާ ޓީމެއް އެނގިގެންދާނެ އެވެ.
ޕްލޭއޮފް ފައިނަލްގައި މިރޭ ކުޅޭ މެޗުތައް
ޖޯޖިއާ – ނޯތު މެސެޑޯނިއާ (ރާއްޖެ ގަޑިން 10:00 ގައި)
ހަންގޭރީ – އައިސްލެންޑް (ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރު)
ނޮދާން އަޔަލެންޑް – ސްލޮވޭކިއާ (ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރު)
ސާބިއާ – ސްކޮޓްލެންޑް (ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރު)
4⃣ remaining #EURO2020 spots will be filled tonight! ????
Who'll qualify? ????@bookingcom | #EQfixtures
— UEFA EURO 2024 (@EURO2024) November 12, 2020
ޖޯޖިއާ ޕްލޭއޮފް ފައިނަލަށް ދަތުރުކުރީ ބެލަރޫސްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. ނޯތު މެސެޑޯނިއާ ވަނީ ޕްލޭއޮފް ސެމީ ފައިނަލުގައި 2-1 އިން ކޮސޯވޯ ބަލިކޮށްފަ އެވެ. ޕްލޭއޮފް ސެމީ ފައިނަލުގައި ހަންގޭރީން 3-1 އިން ބަލްގޭރިއާ ބަލިކުރިއިރު އައިސްލެންޑުން ވަނީ 2-1 އިން ރޫމޭނިއާ ބަލިކޮށްފަ އެވެ. ނޮދާން އަޔަލެންޑް ފައިނަލް ބުރުން ފުރުސަތު ހޯދީ ބޮޒްނިއާއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެ ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ. ނޮދާން އަޔަލެންޑާ ދެކޮޅަށް ނުކުންނަ ސްލޮވާކިއާ ފައިނަލް ބުރުން ފުރުސަތު ހޯދީ ޕެނަލްޓީ ޖަހައިގެން 4-2 އިން ރިޕަބްލިކް އޮފް އަޔަލެންޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސާބިއާ ފައިނަލުން ފުރުސަތު ހޯދީ ނޯވޭގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. ސްކޮޓްލެންޑް ސެމީގައި މޮޅުވީ އިސްރާއީލްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.
ކޮވިޑާ ގުޅިގެން ފައިނަލް ބުރުގެ މެޗުތައް ކުރިން ކުޅެ ހަމަޖެހިފައި އޮތީ މި އަހަރުގެ މާޗް މަހު އެވެ. އެކަމަކު މުބާރާތް އަންނަ އަހަރަށް ފަސްކުރުމުން ޕްލޭއޮފް މެޗުތައް ވެސް އޮކްޓޫބަރު / ނޮވެމްބަރ އަށް ބަދަލުކުރީ އެވެ. އަންނަ އަހަރު ޔޫރޯ އޮންނާނީ ޖޫން 11 އިން ޖުލައި 11 ގެ ނިޔަލަށެވެ.

ޔޫއެފާއިން ޔޫރޯ ބާއްވާތާ 60 އަހަރުވީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރު ޔޫރޯ ބާއްވާނީ ޔޫރަޕްގެ ތަފާތު 12 ގައުމެއްގަ އެވެ. އެއީ އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ.
މުބާރާތް ހުޅުވާ މެޗު އިޓަލީގެ ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި ކުޅޭއިރު ސެމީ ފައިނަލް މެޗުތަކާއި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. ވެމްބްލީ ސްޓޭޑިއަމްގައި އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅުނީ 1996 ވަނަ އަހަރު އެވެ.