ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަކީ ތަފާތު ލެވެލް އެއްގެ ކުޅުންތެރިއެއް ކަމަށް އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. އެންރީކޭ މިހެން ބުނެފައިވަނީ ޔޫރަޕްގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތް އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޖިއަން ލުއިޖީ ބުފޮންގެ ރެކޯޑާ ރާމޯސް ހަމަކުރުމާ ގުޅިގެން އޭނާއަށް ތައުރީފުކޮށް ވާހަކަދައްކަމުންނެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 34 އަހަރުގެ ރާމޯސް ބުފޮންގެ ރެކޯޑާ ހަމަހަމަކުރީ ރޭ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅެގެންނެވެ. ރޭގެ މެޗުގައި ރާމޯސް ކުޅެން ނުކުތީ މެޗު ނިމެން ފަސް މިނެޓަށް ވެފައި އޮއްވަ އެވެ. ރޭގެ މެޗާއެކު ރާމޯސް ގައުމީ ޓީމަށް ކުޅެދީފައިވާ މެޗުގެ އަދަދު 176 އަށް އަރާފައިވާއިރު މީގެ 15 އަހަރު ކުރިން ފެށިގެން ސްޕެއިންގެ ގައުމީ ޓީމުގެ ޑިފެންސް ލައިންގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މި ކުޅުންތެރިޔާއަށް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ދުނިޔޭގެ ރެކޯޑް ގާއިމު ކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މިވަގުތު އޮތް މިސްރުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަހުމަދު ހަސަން ގެ ރެކޯޑާ އެއްވަރުކުރަން ރާމޯސް އަށް މިހާރު ބޭނުންވަނީ އެންމެ އަށް މެޗެވެ.
“ސާޖިއޯ އަކީ ތަފާތު ކުޅުންތެރިއެއް. އޭނަ އެހުރީ މުޅިން އެހެން ލެވެލް އެއްގައި. އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހޯދޭނީ ހަމައެކަނީ ވަރަށް ނަސީބު ރަގަޅު ހުނަރުވެރި ކުޅުންތެރިންނަށް.” ނެދަލޭންޑްސް އާ ދެކޮޅަށް ކުޅެ 1-1 އިން ރޭ ސްޕެއިން އިން އެއްވަރުކުރި މެޗަށްފަހު މެޗަށް ފަހު ވާހަކަދައްކަމުން ސްޕެއިންގެ ކޯޗު އެންރީކޭ ބުނެފައިވެ އެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި އަންނަ ހޮނިހިރު ދުވަހު ސްޕެއިން އިން ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ރާމޯސް ކުޅެފި ނަމަ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ޔޫރަޕްގެ ކުޅުންތެރިޔާގެ ރެކޯޑް ރާމޯސް އަށް ލިބޭނެ އެވެ.