ފުރަތަމަ ސަފްޙާ / ޚަބަރު / ގޯމޭޒަށް އަނިޔާވެ ލިވަޕޫލްގެ ހާސްކަން އިތުރުވަނީ

ގޯމޭޒަށް އަނިޔާވެ ލިވަޕޫލްގެ ހާސްކަން އިތުރުވަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 ނޮވެމްބަރު 2020

އިނގިރޭސި ގައުމީ ޓިމުގެ ޕްރެކްޓިހުގައި އުޅެނިކޮށް ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒްގެ ކަކުލަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

23 އަހަރުގެ ޑިފެންޑަރުގެ ކަކުލަށް އަނިޔާވުމުން އިތުރުން ޓެސްޓުތަކެއް ހަދަން ޖެހޭނެކަމަށް އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ބުނެފަ އެވެ. އަނިޔާއާ ގުޅިގެން އިންގްލެންޑުން މިރޭ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގުގައި އަންނަ ހަފްތާ ބެލްޖިއަމް އަދި އައިސްލެންޑާ ދެކޮޅަށް ކުޅޭ މެޗު ގޯމޭޒް އަށް ގެއްލޭނެ އެވެ. މީގެ އިތުރުން އަނިޔާގެ ސީރިއަސްކަމަށް ބަލައި ލިވަޕޫލްގެ ބައެއް މެޗުތަކުން ވެސް ގޯމޭޒް ފެނުމުގެ ފުރުސަތު ކުޑަ އެވެ.

“އަހަރެންނަކަށް ނޭނގެ ބުނާކަށް އެއީ ކިހާ ސީރިއަސް އަނިޔާއެއް ކަމެއް. އިތުރު ސްކޭންތައް ހަދައިގެން އެނގޭނީ. ގޯމޭޒް އަށް އަނިޔާވިއިރު އޭނާ ގާތުގައި އެއްވެސް ކުޅުންތެރިއަކު ނެތް” ކޯޗު ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓް ބުނީ ގޯމޭޒަށް މީގެ ކުރިން ވެސް އަނިޔާގެ މައްސަލަތައް ކުރިމަތިވި ކަމަށާއި، އުއްމީދަކީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ނުޖެހޭނެކަމަށެވެ.

ގޯމޭޒަށް އަނިޔާވުމުން އެންމެ ބޮޑު ބޮލުގަ ރިހުމެއް ކުރިމަތިވާނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށެވެ. އެޓީމުގެ މުހިއްމު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާއިރު ވެން ޑައިކްގެ ބަދަލުގައި ޑިފެންސަށް ކުޅުވި ފަބީނިއޯ ވެސް މިހާރު ހުރީ އަނިޔާގަ އެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ޑިފެންޑަރު ޓްރެންޓް އަލެކްޒަންޑަރ- އާނޯލްޑް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ.

ގޯމޭޒް އާއި އާނޯލްޑްގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަށް އަނިޔާވެ މަހެއްހާ މުއްދަތަށް ވަނީ ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. ޝޯ އަށް އަނިޔާވީ ލީގުގައި ރަށުން ބޭރުގައި އެވަޓަން އަތުން މޮޅުވި މެޗުގެ ދެ ވަނަ ހާފުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!