ފުރަތަމަ ސަފްޙާ / ޚަބަރު / ރާއްޖެ ހިމެނޭ ކޮލިފައިންގެ ބާކީ މެޗުތައް އަންނަ އަހަރަށް ޝެޑިއުލްކޮށްފި

ރާއްޖެ ހިމެނޭ ކޮލިފައިންގެ ބާކީ މެޗުތައް އަންނަ އަހަރަށް ޝެޑިއުލްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 11 ނޮވެމްބަރު 2020

ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތައް އަންނަ މާޗް މަހު އަލުން ފަށަން އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީ އިން ނިންމައިފި އެވެ.

މެޗުތައް މާޗް މަހާއި ޖޫން މަހަށް ޝެޑިއުލްކޮށްފައިވާކަން އިއުލާންކުރީ އިއްޔެ މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ބޭއްވި އޭއެފްސީ ކޮމްޕެޓިޝަންސް ކޮމިޓީގެ ތިން ވަނަ ބައްދަލުވުމުގަ އެވެ.

ކޮވިޑާ ގުޅިގެން ކުޅުން މެދުކަނޑާލިއިރު ފަސް ބުރުގެ މެޗުތައް ވަނީ ކުޅެފަ އެވެ. އިއްޔެގެ ބައްދަލުވުމުގައި ނިންމީ ހަތް ވަނަ ބުރާއި އަށް ވަނަ ބުރުގެ މެޗުތައް މާޗް މަހު ކުޅުމަށް ފަހު ނުވަ ވަނަ ބުރާއި ފަހު ބުރުގެ މެޗުތައް ޖޫން މަހު ބޭއްވުމަށެވެ. މި މެޗުތައް ނިންމަންޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ އަހަރުގެ ޖޫން 15 އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ޖޫން މަހުގެ ނިޔަލަށް ނިންމާލުމަށް ފަހު އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ފަށާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭއެފްސީގެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ އޭޝިއަން ކަޕް ކޮލިފައިންގެ 10 ބުރުގެ މެޗުތައް 2022 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމަންޖެހޭނެ ކަމެވެ.

އިއްޔެގެ ބައްދަލުވުމުގައި ވަނީ 2022 ވަނަ އަހަރާއި 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ބޭއްވުމަށް ބިޑަށް ހުޅުވާލަން ނިންމައިފަ އެވެ. 2022 ވަނަ އަހަރުގެ 23 އަހަރުން ދަށުގެ އޭއެފްސީ މުބާރާތް ކުރިން ބާއްވަން ނިންމާފައިވަނީ ޗައިނާގަ އެވެ. އެހެންނަމަވެސް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 23 އަހަރުން ދަށުގެ މުބާރާތް އެއަހަރު ނުބޭއްވޭނެކަމަށް އޭއެފްސީ އަށް އަންގައިފަ އެވެ.

ކޮލިފައިން މެޗުތައް މާޗް މަހު ފަށަން ނިންމިއިރު މީގެ ކުރިން ވަނީ ދެ ފަހަރަކު މި މެޗުތައް ކުޅެން ތާރީހުތައް އިއުލާންކޮށްފަ އެވެ. މިއަހަރުގެ މާޗް މަހު ކުޅެން އޮތް މެޗުތައް ފަސްކުރީ ކޮވިޑްގެ ނުރައްކާ ބޮޑުވުމުންނެވެ. އެފަހަރު މެޗުތައް ފަސްކުރީ މިއަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ކުޅޭ ގޮތަށެވެ. އެހެންނަމަވެސް ކޮވިޑް ފެތުރޭ ނިސްބަތް ގިނަވެ ދަތުރުފަތުރު ކުރުމުގައި ގޮންޖެހުންތަކެއް ހުރުމުން އޭއެފްސީ އިން ނިންމީ އަންނަ އަހަރު މެޗުތައް ބޭއްވުމަށެވެ.

އޭޝިއާ ސަރަހައްދުން ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއް ވަނައިގައި މިވަގުތު އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދާފައިވާ ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި ފިލިޕީންސް އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ފަސް މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ރާއްޖެ ހަތަރު ވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމް ވަނީ ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތީ ރަށުން ބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް މެޗާއި ގަލޮޅު ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. މާޗް މަހު ރާއްޖޭގެ ޓީމުން ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ނުކުންނައިރު ގަލޮޅު ދަނޑުގައި ސީރިއާ ވާދަކުރާނެ އެވެ. ކޮލިފައިންގެ ފަހު މެޗުގައި ޖޫން މަހު ރާއްޖެ ވާދަކުރާނީ ރަށުން ބޭރުގައި ފިލިޕީންސްއާ އެވެ.

ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ރާއްޖޭގެ ޓީމުން މީގެ ކުރިން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިތުރުވުމާ ގުޅިގެން ޖުލައި ފަހުކޮޅު ވަނީ ޕްރެކްޓިސްތައް މެދުކަނޑާލައިފަ އެވެ. އޭގެފަހުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް އަލުން ފަށާފައި ނުވިނަމަވެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދައާ އެކު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން އާ ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ވަނީ ފަށައިފަ އެވެ.

މާޗް މަހު ރާއްޖޭން ކޮލިފައިން މެޗުތަކަށް ނުކުންނައިރު ކޯޗަކަށް ހުންނާނީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. އެސިސްޓެންޓުންގެ ގޮތުގައި ތިބޭނީ ނެދަލެންޑްސްގެ ރެނޭ ހިޑިންކް އާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.

މިއަހަރު ބައިނަލްއަގްވާމީ މެޗުތައް ނުކުޅެވުމާ އެކު އަންނަ އަހަރު ގައުމީ ޓީމުގެ ގިނަ މެޗުތަކެއް އޮންނާނެ އެވެ. މިގޮތުން ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗުގެ އިތުރުން ސެޕްޓެމްބަރު މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިން ވެސް އޮންނާނެ އެވެ. އަދި، ފަސްކޮށްފައިވާ ސާފް ސުޒުކީ ކަޕް ވެސް އަންނަ އަހަރު ބަންގްލަދޭޝްގައި އޮންނާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!