ފުރަތަމަ ސަފްޙާ / ޚަބަރު / އަލިފުށީ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ރޮސްޓްރަމް ހަދަނީ

އަލިފުށީ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ރޮސްޓްރަމް ހަދަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 ނޮވެމްބަރު 2020

ސަރުކާރުން ރ. އަލިފުށީގައި އަޅާފައިވާ ޓާފް ދަނޑުގެ ރޮސްޓްރަމް މަސައްކަތާއި ލައިޓިން ސިސްޓަމް ގާއިމްކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި މި މަސައްކަތްތައް ހަވާލުކުރެވުނު ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އަބްދުﷲ އެވެ.

އަލިފުށީ ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމްކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 2.12 މިލިއަން ރުފިޔާ އަށެވެ. އެއްބަސްވުމުގައި ވާގޮތުން މަސައްކަތް ހަވާލުކުރާތާ 12 ދުވަހުގެ ތެރޭގައި ފަށައި 54 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. ދަނޑުގައި ރޮސްޓްރަމް ގާއިމްކުރުމުގެ މަސައްކަތަށް 4.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެ އެވެ. މި މަސައްކަތް ނިންމަން ޖެހެނީ 120 ދުވަހުގެ ތެރޭގަ އެވެ. އެހެންކަމުން މި އެއްބަސްވުންތަކާ އެކު އަންނަ އަހަރުގެ ކުރީކޮޅު އަލިފުށީ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ރޮސްޓްރަމްގެ މަސައްކަތް ނިމޭނެ އެވެ.

އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެންމެ ފުރަތަމަ ކުރީ ހެވީ ފޯސް ކުންފުނިންނެވެ. ސީއެސްއާރުގެ ދަށުން ހަވާލުކުރި ދަނޑުގެ ބިން އެއްވަރުކުރުމުގެ މި މަސައްކަތް ލަސްވެގެން ދިއުމާއެކު ފަހުން ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ އާރުކޭއެލް ކުންފުނިންނެވެ. ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ދޮޅު މަހެއްހާ ދުވަސްތެރޭ ނިންމާލީ އަމީން ކޮންސްޓްރަކްޝަނުންނެވެ. ޔޫތު މިނިސްޓްރީން ބުނީ އަލިފުށީ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތަށް 1.1 މިލިއަން ރުފިޔާ ހަރަދުވިއިރު ޓާފް އެޅުމަށް 4.2 މިލިއަން ރުފިޔާ ހަރަދުވިކަމަށެވެ.

އަލިފުށީ ދަނޑުގައި ޓާފް އަޅައި ނިންމާލިކަން މިނިސްޓަރު މަހުލޫފް އިއުލާންކުރެއްވީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އަލިފުށި ހިމެނޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަ ރަށެއްގެ ދަނޑުގައި ޓާފް އަޅައި ނިންމާލައިފަ އެވެ. އެއީ އަލިފުއްޓާއި ނ. ހޮޅުދޫ، ނ. ކެނދިކުޅުދޫ، ތ. ވިލުފުށި، އަދި ފ، ނިލަންދޫގެ އިތުރުން ޏ. ފުވައްމުލަކު އެވެ. ސަރުކާރުން މިހާރު ވަނީ އިތުރު 22 ރަށުގައި ތަރައްގީކުރާ ދަނޑުތަކުގައި ޓާފް އެޅުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!