އިނގިރޭސި ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލް އަތުން ބަލިވެ އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ތުރުކީގެ އިސްތަމްބޫލް އަށް ނިސްބަތްވާ ޓީމެއްގެ އަތުން ލަދުވެތި ގޮތަކަށް ބަލިވުމާއެކު ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް މެންޗެސްޓަރ ޔުނައިޓެޑުން މިރޭ ލީގުގައި އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފި އެވެ. އެވަޓަންގެ ދަނޑުގައި ޔުނައިޓެޑުން ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އެވަޓަން އިންނެވެ. ޓޭބަލްގެ ފަސް ވަނައިގައި އޮތް އެވަޓަން އަށް މެޗުގައި ލީޑު ނަގައިދިނީ 19 ވަނަ މިނެޓްގައި ބާނާޑް އެވެ. އެކަމަކު މެޗުން މޮޅުވެގެން ޓޭބަލްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އޮތް އެވަޓަން އަށް އެ ޓީމުން ނެގި ލީޑް ދެމެހެއްޓޭ ގޮތްވީ އެންމެ ހަ މިނެޓް ވަންދެންނެވެ. ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލޫކް ޝޯ ނަގައިދިން ހުރަހަކުން ޕޯޗްގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ. ޔުނައިޓެޑަށް މެޗުގެ ލީޑް ނަގައިދިނީ ވެސް ފެނާންޑޭޒް އެވެ. މެޗުގެ 32 ވަނަ މިނެޓްގައި ފެނާންޑޭޒް ޖެހި މި ލަނޑަކީ މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ހަވަނަ ގޯލެވެ.
މެޗުގައި ޔުނައިޓެޑްގެ ތިންވަނަ ގޯލް ކާމިޔާބުކޮށް މެޗުން ތިން ޕޮއިންޓް އެ ޓީމަށް ކަށަވަރުކޮށްދިނީ އަލަށް ޔުނައިޓެޑާ ގުޅުނު އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް އެޑިންސަން ކަވާނީ އެވެ. މެޗުގެ އިތުރު ވަގުތުގައި ކަވާނީ ކާމިޔާބުކޮށްދިން މި ލަނޑަކީ ޔުނައިޓެޑްގެ ޖޯޒީގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
މިރޭގެ ނަތީޖާ އާއެކު ޔުނައިޓެޑް ވަނީ 15 ވަނައިން 13 ވަނަ އަށް ޖެހިލައިފަ އެވެ. އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މޮޅަކާއެކު ނިންމާލެވުމަކީ ބޮޑު ޕްރެޝަރެއްގައި ހުރި ޔުނައިޓެޑްގެ ކޯޗް އެލެ ގުނަ ސޯލްޝެއަރ އަށް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެ އެވެ. އަނެއްކޮޅުން ސީޒަން ފަށައިގެން ވަރަށް ރަގަޅު ނަތީޖާތަކެއް ހޯދަމުން އައި އެވަޓަން އަށް މިރޭގެ ނަތީޖާއަކީ ފަހަކަށް އައިސް އެ ޓީމަށް ކުރިމަތިވަމުން އަންނަ ނާކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. މިރޭގެ މެޗަކީ ލީގުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ.