ފުރަތަމަ ސަފްޙާ / ޚަބަރު / ދަ ގްރާންޑޭގެ އަމާޒަކީ މިދިޔަ ސީޒަނަށްވުރެ ކުރިއަށް ދިއުން: އިންމަ

ދަ ގްރާންޑޭގެ އަމާޒަކީ މިދިޔަ ސީޒަނަށްވުރެ ކުރިއަށް ދިއުން: އިންމަ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 ނޮވެމްބަރު 2020

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ އަމާޒަކީ މިދިޔަ ސީޒަނަށް ވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށް އެޓީމުގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓް ވުމަށްފަހު ދަ ގްރާންޑޭއާ ހަވާލުވެ އިންމަ ވަނީ ރަނގަޅު މަސައްކަތްތަކެއްކޮށްފަ އެވެ. ސީޒަނުގެ ކުރީކޮޅު ރަނގަޅު ފޯމެއްގައި އޮވެ ލީގުގެ އެއް ވަނައިގައި އެޓީމު އޮތެވެ. އެކަމަކު ސީޒަނުގެ ފަހުކޮޅަށް ދިޔައިރު ޓީމަށް ދިމާވި މާލީ މައްސަލަތަކުގެ ސަބަބުން ކުޅުމަށް އަސަރުކުރި އެވެ. އެޓީމުން މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ނިންމާލީ ފަސް ވަނައިގައި އެވެ.

އާ ސީޒަނަށް ތައްޔާރުވާން މިދިޔަ ބުދަ ދުވަހުގެރޭ ޕްރެކްޓިސް ފެށުމަށް ފަހު މީޑިއާއާ ވާހަކަދައްކަމުން އިންމަ ބުނީ ހުރިހާ ޓީމަކަށް ދިމާވީ މާލީ ދަތިތައް އެޓީމަށް ވެސް ކުރިމަތިވެ، މުޅިން އާ ޓީމަކަށް ވުމުން އަސަރުކުރި ވަރު ބޮޑުވި ކަމަށެވެ.

“މިދިޔަ ސީޒަނުގައި ޓާގެޓްކުރީ ގަދަ ހަތަރަކަށް ވަންނަން. އެހެންނަމަވެސް މިދިޔަ ސީޒަނުގައި ދަނޑުން ބޭރުން ވަރަށް ގިނަ ކަންތައްތަކާއި ދިމާވި. ހާއްސަކޮށް ފައިނޭންޝިއަލް ކްރައިސިސް އެއް ސީޒަނުގެ ހުރިހާ ޓީމަކަށް ކުރިމަތިވި. އަލަށް އައި ޓީމަކަށް ވުމުން އަޅުގަނޑުމެން އެހެން ޓީމުތަކަށް ވުރެ ބޮޑަށް ވެއްޓިގެން ދިޔަ” އިންމަ ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިންމަ އެޓީމުގެ ޕްރެކްޓިހުގައި. ފޮޓޯ: އެފްއޭއެމް

އިންމަ ބުނީ ގަދަ ހަތަރެއްގެ ޓާގެޓް މިދިޔަ ސީޒަނުގައި ހާސިލްނުވިޔަސް އާ ސީޒަނުގައި އަމާޒަކީ އަލުން އެ ޓާގެޓަށް ދިއުން ކަމަށެވެ. މީގެ ކުރިން މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމުގައި މުހިއްމު ދައުރެއް އަދާކުރި އިންމަ ބުނީ މިދިޔަ ސީޒަނުގައި އެފްއޭ ކަޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމަކީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

“އެފްއޭ ކަޕްގައި ގްރާންޑޭ އަށް ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަދެވުނު މިދިޔަ ސީޒަނުގައި. އެ ހިތްހަމަޖެހުން އެބައޮތް. މިފަހަރުގެ ޓާގެޓަކީ އިރާދަކުރެއްވިއްޔާ މިދިޔަ ސީޒަނަށްވުރެ ކުރިއަށް މި ސީޒަނުގައި ދިއުން” ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމް ފުރި ތަޖުރިބާކާރު ކޯޗު އިންމަ ބުންޏެވެ.

އާ ސީޒަނާ ކުރިމަތިލާއިރު އެޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިފަހަރު ވެސް އެބަތިއްބެވެ. އެޓީމު ދޫކޮށްދިޔަ އެއް ކުޅުންތެރިއަކީ ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. ބަދަލުގައި އެޓީމުން ވަނީ މިދިޔަ 13 އަހަރު ދުވަހު ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އިބްރާހީމް ޝަފްރާޒް (ޝަފްލޭ) ގެނެސްފަ އެވެ. މިދިޔަ ސީޒަނުގައި އެޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ގިނަ ގޯލުތަކެއް ޖަހައިދިން އިރާގުގެ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު އެވެ. އެކަމަކު އޭނާ މި ސީޒަނުގައި ދަ ގްރާންޑޭ އިން ފެންނާނެ ކަމަކަށް ނުބެލެވެ އެވެ. އިންމަ ބުނީ މިހާރު އޮތް ޓީމަށް ބިދޭސީ ތިން ކުޅުންތެރިން އިތުރުވާނެ ކަމަށާއި، 10 ވަރަކަށް ދުވަސްތެރޭ އެކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށެވެ.

ދަ ގްރާންޑޭގެ ޕްރެކްޓިހުގެ ތެރެއިން. މި ޓީމަށް ބިދޭސީ ތިން ކުޅުންތެރިން އިތުރުކުރާނެ. – ފޮޓޯ: އެފްއޭއެމް

“މިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިން މިހާރުވެސް އެބަތިބި ޓީމުގައި. އެ ހިތްހަމަޖެހުން އެބައިން. އަދި މީގެ ތެރެއަށް ވަންނާނެ ބޭރުގެ ތިން ކުޅުންތެރިން. އެހެންވީމަ އިތުރަށް އަދި ވަރުގަދަވާނެކަމަށް މި ބަލަނީ” އިންމަ ބުންޏެވެ.

ދަ ގްރާންޑޭ އަކީ އާ ސީޒަނަށް ތައްޔާރުވާން އެންމެ ފަހުން ޕްރެކްޓިސް ފެށި ޓީމެވެ. ދަ ގްރާންޑޭގެ އިތުރުން މިފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ މާޒިޔާ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ކްލަބް ވެލެންސިއާ އަދި އަލަށް ޕްރޮމޯޓްވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި އަތޮޅުތެރެއިން ވާދަކުރި ފ. ނިލަންދޫ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމަށް މިއަހަރުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ދީފައެއްނުވެ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޑިސެމްބަރު އަށް ވަނަ ދުވަހު މާޒިޔާއާ އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗުންނެވެ. ލީގުގެ ކުޅުން ޑިސެމްބަރު 13 ވަނަ ދުވަހު ފަށާއިރު ދަ ގްރާންޑޭ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު 14 ވަނަ ދުވަހު ނުކުންނާނީ ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!