ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫރޮޕާ ލީގު: ގްރޫޕް ސްޓޭޖްގައި ވީއޭއާރު ބޭނުންނުކުރާތީ އާޓެޓާ ހިތްހަމަނުޖެހިއްޖެ

ޔޫރޮޕާ ލީގު: ގްރޫޕް ސްޓޭޖްގައި ވީއޭއާރު ބޭނުންނުކުރާތީ އާޓެޓާ ހިތްހަމަނުޖެހިއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 ނޮވެމްބަރު 2020

ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ބީ ގައި ރޭ އަމިއްލަ ދަނޑުގައި ނޯވޭގެ މޯލްޑޭ އަތުން 4-1 އިން މޮޅުވި މެޗަށް ފަހު މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބޭނުންނުކުރާތީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ގްރޫޕް ސްޓޭޖުގައި ވީއޭއާރު ބޭނުންކުރަން އާޓެޓާ އެދުނީ ރޭ އެޓީމު 1-0 އިން ބަލިވެފައިވަނިކޮށް ފޯވާޑް އެޑީ އެންކެޓިއޭ ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމުމުންނެވެ. މޯލްޑޭގެ މާޓިން އެލިންސަންގެ ގޯލުން އާސެނަލް ފަހަތުގައި އޮތް ނަމަވެސް އެޓީމުން ވަނީ ފަހުން ހަތަރު ލަނޑު ޖަހައިފަ އެވެ. އާސެނަލްގެ ފުރަތަމަ ދެ ލަނޑު ވަނީ މޯލްޑޭގެ ކުޅުންތެރިން އަތުން ބައިކޮޅަށެވެ. ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭ އާއި ޖޯ ވިލޮކް އެވެ.

“އަހަރެންނަށް ނޭނގޭ ޓެކްނޮލޮޖީގެ މި ޒަމާނުގައި އެއީ ރަނގަޅު ގޯލެއްކަމަށް ނުނިންމި ސަބަބެއް. އަހަރެމެން ޝަކުވާ ކުރަމުން ދިޔައީ ކުޅުންތެރިޔާ އޮންސައިޑް މަގާމެއްގައި ހުރުމުން. އެއީ އެވަގުތުން ފެށިގެން މެޗު އެއްކޮށް ބަދަލުވާނެ ހާލަތެއް” އެންކެޓިއޭގެ ގޯލު ގަބޫލުނުކުރި މައްސަލައިގައި އާޓެޓާ މެޗަށް ފަހު ބުންޏެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގާ ހިލާފަށް ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖް މެޗުތަކުގައި ވީއޭއާރު ބޭނުމެއް ނުކުރެ އެވެ.

“އަހަރެން ގަބޫލުކުރާ ގޮތުގައި އެއީ ވީއޭއާރު ހުރިނަމަ އޭގެ އެހީގައި އަލުން ބަލައި ނިންމުން ބަދަލުކުރެވޭނެ ހާލަތެއް” އާޓެޓާ މެޗަށް ފަހު ބުންޏެވެ.

އާސެނަލް ހިމެނޭ ގްރޫޕްގެ އެއް ވަނައިގައި އެޓީމު އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ރޭ އާސެނަލް އަތުން ބަލިވި މޯލްޑޭ އެވެ. ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތް ރެޕިޑް ވިއޭނާ ރޭ ވަނީ ފުލުގައި އޮތް ޑުންޑޯކް 4-3 އިން ބަލިކޮށްފަ އެވެ. ސަތޭކަ ޕަސެންޓް ރެކޯޑާ އެކު މުބާރާތުގައި ކުރިއަށްދާ އާސެނަލުން މި މަހުގެ 26 ވަނަ ދުވަހު މޯލްޑޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން މުބާރާތުގެ އަނެއް ބުރަށް ދެވޭނެ އެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި ލުޑޮގޮރެޓްސް 3-1 އިން ބަލިކޮށް ގްރޫޕްގެ އެއް ވަނަ އަށް އަރައިފަ އެވެ. ރޭގެ މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ ކޭން އާއި ލޫކަސް މޯރާ އަދި ސޮން ހެއުން މިން އެވެ. ރޭގެ މެޗަކީ ޓޮޓެންހަމަށް ކޭން ކުޅެދިން 300 ވަނަ މެޗެވެ. މެޗުގައި ޖެހި ލަނޑާ އެކު އެ ކްލަބަށް އޭނާ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 200 އަށް އަރައިފަ އެވެ.

އިނގިރޭސި ކްލަބް ލެސްޓާ ވެސް ވަނީ މުބާރާތުގެ ސަތޭކަ ޕަސެންޓް ރެކޯޑް ދަމަހައްޓައިފަ އެވެ. ސްޕޯޓިން ބްރާހާއާ ވާދަކޮށް އަމިއްލަ ދަނޑުގައި ލެސްޓާ މޮޅުވީ 4-0 އިންނެވެ. މެޗުގައި ލެސްޓާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކިލެޗީ އީނާޗޯ އާއި ޑެނިސް ޕަރެޓްގެ އިތުރުން ޖޭމްސް މެޑިސަން އެވެ. ޖެމީ ވާޑީގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އީނާޗޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ޔޫރޮޕާ ލީގުގެ އެހެން ނަތީޖާތަކަށް ބަލާއިރު ރޯމާ ވަނީ ރޭ އަމިއްލަ ދަނޑުގައި ސީއެފްއާރު ކްލޫޖް 5-0 އިން ބަލިކޮށްފަ އެވެ. ނަޕޯލީ ރަށުން ބޭރުގައި 2-1 އިން ޕައޯކް ސަލޮނިކާ ބަލިކުރިއިރު ސްޕެނިޝް ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ރެއާލް ސޮސިއެޑާޑް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އޭޒެޑް އަލްކަމާ ބަލިކޮށްފަ އެވެ.

ފަހަކަށް އައިސް ނަތީޖާތައް ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާ އޭސީ މިލާން ރޭ ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ފްރާންސްގެ ލީލް އަތުން ބަލިވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ސްޕާޓާ ޕްރާހާ ވަނީ ރަށުން ބޭރުގައި 4-1 އިން ސެލްޓިކް ބަލިކޮށްފަ އެވެ. މިލާން ބަލިވުމުން އެޓީމު ވަނީ 6 ޕޮއިންޓާ އެކު ދެ ވަނަ އަށް ވެއްޓިފަ އެވެ. އެއް ވަނައިގައި ލީލް އޮތީ 7 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި ސްޕާޓާ ޕްރާހާ 3 ޕޮއިންޓާ އެކު އޮތްއިރު ފުލުގައި އޮތް ސެލްޓިކަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!