ޓީސީ ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު ވަރުގަދަ ޓީމެއް ކަމަށާއި، އާ ސީޒަނާ ކުރިމަތިލާއިރު އަމާޒަކީ ތައްޓެއް ކާމިޔާބުކުރުން ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ. ޝާޒް މިހެންބުނީ އާ ސީޒަނަށް ތައްޔާރުވާން އިއްޔެ ހަވީރު ޓީސީ އިން ޕްރެކްޓިސް ފެށުމަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގަ އެވެ.
ޓީސީ އިން ފަރިތަކުރުންތައް ފެށިއިރު އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމާ ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) ގެ އެއްބަސްވުން ހަމަވެފައިވާއިރު ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ ވަނީ ޓީސީ ދޫކޮށް ކްލަބް ވެލެންސިއާ އަށް ބަދަލުވެފަ އެވެ. ދަގަނޑޭ އެހެން ޓީމަކާ ގުޅިފައިނުވާއިރު އެނގިފައިވާ ގޮތުގައި ޓީސީ އިން އަންނަނީ ދަގަނޑޭ އަލުން އެޓީމަށް ގެންނަން މަސައްކަތް ކުރަމުންނެވެ. މި ދެކުޅުންތެރިންގެ އިތުރުން މިދިޔަ ސީޒަނުގައި ޓީސީގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އިސްމާއީލް އީސާ (މެސީ) ވަނީ ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވެފަ އެވެ. ޓީސީގެ އެއްބަސްވުމުގައި ހުރެ އީސަ އެ ކްލަބް ދޫކޮށްލީ ކްލަބުން ރިލީޒް ހޯދައިގެންނެވެ. ދަގަނޑޭ އާއި އަކްރަމް އަދި އީސަގެ އިތުރުން މިދިޔަ ހަ އަހަރު ދުވަހު ޓީސީގައި މޮޅު ކުޅުމެއް ދެއްކި ކެޕްޓަން އަހުމަދު ފައްރާހް (ފައްރަ) ވަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބަދަލުވެފަ އެވެ.
މީގެ އިތުރުން މިދިޔަ ދެ ސީޒަނުގައި އެޓީމަށް ގިނަ ގޯލުތަކެއް ޖަހައިދިން އިޝާން އިބްރާހީމް (ސައްޓު) މިހާރު ވަނީ ފުރަތަމަ ޑިވިޝަން ފުޓްބޯޅައާ ދުރަށް ގޮސްފަ އެވެ. ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ފުޓްބޯޅަ ޓީމާއި ޓީސީގައި ކާމިޔާބު ތިން ސީޒަން ހޭދަކުރުމަށް ފަހު ސައްޓު މިހާރު މަސައްކަތް ކުރަނީ އޭނާ ނިސްބަތްވާ ބ. އޭދަފުށީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް އޮފީހުގެ މެނޭޖަރެއްގެ ގޮތުގަ އެވެ. އޭނާ ދެން ފެންނާނެ ކަމަށް ބެލެވެނީ އެރަށު ފުޓްބޯޅަ ޓީމުންނެވެ.

ޓީސީ އިން ފަރިތަކުރުންތައް ފެށުން. – ފޮޓޯ: އެފްއޭއެމް
ޝާޒް ބުނީ ސްކޮޑާ ދޭތެރޭ އުއްމީދު އެބައޮތް ކަމަށާއި ކުރިން ކުޅުނު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންނާ އެކު ނަތީޖާ ނެރެވޭނެކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި އިތުރު ކުޅުންތެރިންތަކެއް ޓީސީއާ ގުޅޭނެކަމުގެ އިޝާރާތެއް ޝާޒް ދިނެވެ.
“ސްކޮޑާ ދޭތެރޭ އުއްމީދު އެބައޮތް. އެއީ ޓީސީގަ ކުރިން ވެސް ކުޅުން ކުޅުންތެރިން އެބަތިބި އަދި ކުރީގެ ޖޫނިއާކޮށް ތިބި ބައެއް ކުޅުންތެރިން އެބަތިބި. މިހާރު އެކުޅުންތެރިންނަކީ ޖޫނިއާ ކުޅުންތެރިންނެއް ނޫން. ސްކޮޑާ ދޭތެރޭ ބުނެވޭނީ ހިތްހަމަޖެހޭ ރަނގަޅު ސްކޮޑެކޭ އޮތީ. ދެން އަދި އިތުރަށް ޓީމު މިއަށް ވުރެ ތަފާތުކޮށް ވެސް ފެނިދާނެ. މިހާރު އޮތް ސްކޮޑާ ބަލާއިރު ހިތްހަމަޖެހޭ” މިދިޔަ ސީޒަނުގެ މެދުތެރެއިން ޓީސީއާ ހަވާލުވި ކޯޗު ބުންޏެވެ.
އާސީޒަނަށް ޓީސީ އިން މިހާރު ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް އެޓީމަށް އިތުރުކޮށްފަ އެވެ. އަދި އެޓީމުގައި ގިނަ ދުވަސްވީ ކުޅުންތެރިންގެ ތެރެއިން އަހުމަދު ރިލްވާން (ބެން) އާއި މުހައްމަދު އައްޒާމް ވަނީ އިއްޔެގެ ޕްރެކްޓިހުގައި ބައިވެރިވެފަ އެވެ. ޓީސީ އިން ރާއްޖޭގެ މަޝްހޫރު ކުޅުންތެރިއެއްގެ ސޮއި މިހާތަނަށް ހޯދާފައި ނުވިނަމަވެސް އެޓީމުން ވަނީ އަޒަރުބައިޖާނުގެ ގޯލްކީޕަރެއް ގެނެސްފަ އެވެ. ބިދޭސީ ގޯލްކީޕަރެއް ގެނައި އިރު މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމާ ގުޅުނު ޕާކިސްތާންގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ކްލަބް ގްރީން ސްޓްރީޓްސް އަށް ބަދަލުވެފަ އެވެ.

ޓީސީ އަށް ގެނައި އަޒަރުބައިޖާންގެ ގޯލްކީޕަރު އިއްޔެގެ ޕްރެކްޓިހުގައި. – ފޮޓޯ: އެފްއޭއެމް
އާ ސީޒަނާ ކުރިމަތިލާއިރު ޓީސީ ވަނީ ކުރިއަށް ވުރެ ބަލިކަށިވެފަ އެވެ. އެކަމަކު އެޓީމަށް އަންނަ ބަދަލުތަކާ އެކު އިތުރަށް ވަރުގަދަވާނެކަމަށް ބެލެވެ އެވެ. ޓީސީ އަކީ ފުރަތަމަ ޑިވިޝަންގައި 2015 ވަނަ އަހަރު ކުޅެން ފަށައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ހިފަހައްޓާލި އެންމެ ފާހަގަކޮށްލެވޭ އެއް ޓީމެވެ. މިދިޔަ އަހަރުތަކުގައި ލީގުގައި ރަނގަޅު ވާދައެއްކޮށް 2018 ވަނަ އަހަރު އެ ކްލަބުން ވަނީ ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. ޝާޒް ބުނީ ޓީސީ ބެލެވެނީ ރާއްޖޭގެ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށާއި އެހެންވެ ޓާގެޓް ކަނޑައަޅާނީ ޓީސީއާ އެކަށީގެންވާ ގޮތަކަށް ކަމަށެވެ.
“ސީޒަނުގައި މުބާރާތެއް ކާމިޔާބުކުރުން އެއީ ޓީސީގެ ޓާގެޓަކީ. ކޮންމެ ގޮތެއްވިޔަސް ޓީސީ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އެންމެ ވަރުގަދަ އެއް ޓީމު. އެހެންވީމަ ޓާގެޓެއް ކަނޑައަޅާއިރު އިންނަން ޖެހޭނީ ޓީސީއާ އެކަށީގެންވާ ޓާގެޓެއް. މި ސްކޮޑާ އެކު ރަނގަޅު ކާމިޔާބީއެއް ނެރެވިދާނެކަމަށް އުއްމީދުކުރެވޭ” ޝާޒް ބުންޏެވެ.
އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ފަށާއިރު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. ލީގުގައި ޓީސީ ވާދަކުރާ ފުރަތަމަ މެޗުގައި ޑިސެމްބަރު 14 ވަނަ ދުވަހު ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.