ފުރަތަމަ ސަފްޙާ / ޚަބަރު / ޔުވެންޓަސް، ބާސެލޯނާ އަދި ޗެލްސީ އަށް މުހިއްމު މޮޅެއް

ޔުވެންޓަސް، ބާސެލޯނާ އަދި ޗެލްސީ އަށް މުހިއްމު މޮޅެއް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 5 ނޮވެމްބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސް އާއި ޗެލްސީ އަދި ބާސެލޯނާ އިން މުހިއްމު މޮޅުތަކެއް ހޯދައިފި އެވެ.

ޗެލްސީ ހިމެނޭ ގްރޫޕް އީގައި އަމިއްލަ ދަނޑުގައި ރޭ އެޓީމު ވަނީ 3-0 އިން ފްރާންސްގެ ރެންސް ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ޗެލްސީގެ ޓިމޯ ވާނާ ޖެހީ ލިބުނު ދެ ޕެނަލްޓީ އިންނެވެ. ފަހު ލަނޑު ދެ ވަނަ ހާފުގައި ރީސް ޖޭމްސް ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ޓަމީ އަބްރަހަމް އެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ރެންސްގެ ޑަލްބާޓަށް ރަތް ކާޑު ދެއްކުމުން އެޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ރޭގެ މެޗަށް ޗެލްސީ ނުކުތީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކައި ހާވާޓްޒް ނުލަ އެވެ. ޕޮޒިޓިވް ވުމުން ހާވާޓްޒް އަށް މި ހަފްތާ ބަންދުގައި ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ. ޗެލްސީ ހިމެނޭ ގްރޫޕްގައި ސެވިއްޔާ ރޭ ވަނީ ދެ ލަނޑުގެ ފަހަތުގައި އޮވެފައި ފަހަތުން އަރައި 3-2 އިން އެފްސީ ކްރަސްނޯޑާ ބަލިކޮށްފަ އެވެ. މެޗުގައި ސެވިއްޔާގެ ފުރަތަމަ ލަނޑު ޖެހީ މިޑްފީލްޑަރު އިވާން ރަކިޓިޗް އެވެ. އެޓީމު މޮޅުކޮށްދިން ދެ ލަނޑު ވެސް ދެ ވަނަ ހާފުގައި ޖެހީ ޔޫސުފް އެއް ނެސީރު އެވެ. މި ގްރޫޕްގެ އެއް ވަނައިގައި އޮތް ޗެލްސީ އާއި ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކްރަސްނޯޑާ އާއި ފުލުގައި އޮތް ރެންސް އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ގްރޫޕް ޖީގައި ބާސެލޯނާ އާއި ޔުވެންޓަސް ވަނީ މޮޅު ހޯދައި ދެ ވަނަ ބުރަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފަ އެވެ. ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ރޭ ޑީނަމޯ ކިއޭވް 2-1 އިން ބަލިކުރިއިރު ރަށުން ބޭރުގައި ޔުވެންޓަސް ވަނީ ފެރެންވަރޯސް އަތުން 4-1 އިން މޮޅުވެފަ އެވެ. ބާސެލޯނާ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ލިއޮނަލް މެސީ އެވެ. ބާސެލޯނާގެ ދެ ވަނަ ލަނޑު އަންސޫ ފާޓީ ނަގައިދިން ހުރަހަކުން ބޮލުން ޖެހީ ޖެރާޑް ޕީކޭ އެވެ. މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ޑީނަމޯ ކިއޭވް އިން ލަނޑެއް ޖެހިނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ކޯނަރު ނެގި އިރު ބޯޅަށް ބޭރުން އައުމާއި ގުޅިގެންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޑިނަމޯ ކިއޭވްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ވިކްޓޯރް ސިންގަންކޯވް އެވެ.

ޔުވެންޓަސް އިން ރޭ މެޗު ފެށީ ކޮވިޑުން ރަނގަޅުވި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ކޮވިޑް ޖެހުމުން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެ މެޗު ރޮނާލްޑޯ އަށް ގެއްލުނެވެ. ރޭގެ މެޗުގެ ފުރަތަމަ ދެ ގޯލު ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އަލްވާރޯ މޮރާޓާ އެވެ. ރޭގެ މެޗަކީ ޔުވެންޓަސް އަށް އޭނާ ކުޅުނު 100 ވަނަ މެޗެވެ. ފުރަތަމަ ހާފުގައި މޮރާޓާގެ ލަނޑުން ލީޑުގައި އޮވެ ދެ ވަނަ ހާފުގައި މޮރާޓާ ދެ ވަނަ ލަނޑު ޖެހީ ރޮނާލްޑޯ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޔުވެންޓަސްގެ ތިން ވަނަ ލަނޑު ޖެހީ ބެންޗުން ކުޅެން އެރި ޕައޮލޯ ޑިބަލާ އެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑަކީ ފެރެންވަރޯސް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ރޮނާލްޑޯ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު އެވެ. ހަ ޕޮއިންޓާ އެކު ޔުވެންޓަސް އޮތީ ދެ ވަނައިގަ އެވެ. ޔުވެންޓަސް ބަލިވީ އަމިއްލަ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް ޑީނަމޯ ކިއޭވް އާއި ފުލުގައި އޮތް ފެރެންވަރޯސް އަށް ލިބިފައިވަނީ ޕޮއިންޓެކެވެ.

ބޮރޫޝިއާ ޑޯޓްމަންޓް ރޭ ވަނީ ރަށުން ބޭރުގައި ކްލަބް ބްރޫޖާ ދެކޮޅަށް ކުޅުނު މެޗުން 3-0 އިން މޮޅުވެފަ އެވެ. މެޗުގައި އެޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. އަނެއް ލަނޑު ޖެހީ ތޯގަން ހަޒާޑް އެވެ. މި ގްރޫޕްގައި ހިމެނޭ ލާޒިއޯ އާއި ޒެނިތު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ގްރޫޕް އެފްގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ޑޯޓްމަންޓް އޮތްއިރު ދެ ވަނައިގައި ލާޒިއޯ އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބްރޫޖަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ޒެނިތަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!