ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑް އަނެއްކާވެސް ބަލިވެ ސޯލްޝެއާ ހޫނުފެނަށް

ޔުނައިޓެޑް އަނެއްކާވެސް ބަލިވެ ސޯލްޝެއާ ހޫނުފެނަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 5 ނޮވެމްބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ތުރުކީގެ އިސްތަންބޫލް ބެސިކްޝެހީރް އަތުން 2-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ މަގާމް ދެމިއޮންނާނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުން ބަލިވުމުން މުބާރާތުގެ އަނެއް ބުރަށް ދިއުމަށް ޔުނައިޓެޑް ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފަ އެވެ. ރޭ ބެސިކްޝެހީރް އިން ޗެމްޕިއަންސް ލީގުގެ ތާރީހުގައި ފުރަތަމަ މޮޅު ހޯދިއިރު ޔުނައިޓެޑްގެ ޑިފެންސް ފެނުނީ ވަރަށް ބޮޑަށް ދަށްކޮށެވެ. މެޗުގެ ފުރަތަމަ ލަނޑު ބެސިކްޝެހީރްގެ ޑެމްބަ ބާ ޖެހީ ދަނޑުގެ ބޮޑު ބައެއްގައި އޭނާ ހުސްކޮށް އޮއްވައި ލިބުނު ބޯޅަ ހިފައިގެން ގޮވެހެވެ. އެވަގުތު ޔުނައިޓެޑަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ ކުރިއަށް އަރަ އެވެ. ޑެމްބަ ބާ އަށް އެހާ ހުސްކޮށް ބޯޅަ ލިބުމުން ޔުނައިޓެޑްގެ ޑިފެންސަށް ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ފާޑުކިޔަމުންނެވެ. ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް ބުނީ އެއީ އުމުރުން 10 އަހަރުގެ ދަށުގެ ކުޅުންތެރިންގެ ފަރާތުން ފެންނާނެކަހަލަ މަންޒަރެއް ކަމަށެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެސިކްޝެހީރް އިން ދެ ވަނަ ލަނޑު ޖެހީ ހުއާން މާޓާ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ގޮހެވެ. އެ ލަނޑުގައި ވެސް ބެސިކްޝެހީރުން ގޯލު ޖެހިއިރު ދެ ކުޅުންތެރިން ތިބީ ހުހަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް އުއްމީދެއް ގެނެސްދިނީ އެންތަނީ މާޝިއަލް ބޮލުން ޖެހި ލަނޑުންނެވެ.

ދެ ވަނަ ހާފު ބޯޅަ ހިފަހައްޓައިގެން ބެސިކްޝެހީރްގެ ހާފުގައި ޔުނައިޓެޑުން ކުޅުނު ނަމަވެސް ނަތީޖާ އަށް ބަދަލެއް ގެނެވޭ ފެންވަރުގެ ކުޅުމެއް ނުފެނުނެވެ. މެޗަށް ފަހު ސޯލްޝެއާ ބުނީ މާޝިއަލްގެ ގޯލަށް ފަހު ނަތީޖާ ނެރެން ހާފެއް ލިބުމުން ވެސް އެކަން ނުކުރެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އާދައިގެ ގޯލުތަކެއް ބައިކޮޅަށް ވަނުމަކީ “ޕޮޒިޓިވް” ކޮށް ނެގޭނެ ކަމެއް ނޫން ކަމަށް ސޯލްޝެއާ ބުންޏެވެ.

“އަހަރެން ބޭނުމެއް ނޫން ތިކަހަލަ ކަމަކާ (ކުރިމަގާ ގުޅޭގޮތުން) ވާހަކަދައްކާކަށް. އަދި އަހަރެންނަށް އަވަސް ތިކަމުގަ އެއްޗެއް ބުނަން. އެމީހަކު ދެކޭގޮތް ބުނުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ. އެކަމަކު ކްލަބުން އަހަރެންނާ މި ވަޒީފާ ހަވާލުކޮށްފަ ހުރީމަ އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް މިކަން ކުރެވޭތޯ ބަލާނަން” ކުރިމަގާ ގުޅޭގޮތުން ސުވާލުކުރުމުން ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑްގެ ފޯމު ދަށްވެފައިވާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި އާސެނަލް އަތުން ބަލިވެ އެޓީމު މިހާރު އޮތީ 15 ވަނައިގަ އެވެ. ޗެމްޕިއަންސް ލީގު މެޗުން ބަލިވިއިރު މި ހަފްތާ ބަންދުގައި އެޓީމު ނުކުންނާޏީ ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށެވެ.

ޔުނައިޓެޑް ހިމެނޭ ގްރޫޕްގައި ޕީއެސްޖީ ރޭ ވަނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގް އަތުން 2-1 އިން ބަލިވެފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ކުރީކޮޅު ޖެހީ އެންހެން ޑި މާރިއާ އެވެ. އެކަމަކު ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އެއް ޑި މާރިއާ އަތުން ވަނީ ބޭކާރުވެފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލައިޕްޒިގަށް ނަތީޖާ ހަމަހަމަކޮށްދިނީ ކުރިން ޕީއެސްޖީ އަށް ކުޅުނު ކްރިސްޓޮފާ އެންކުކޫ އެވެ. ލައިޕްޒިގް މޮޅުވި ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓިއަކުން ކާމިޔާބުކޮށްދިނީ އެމިލް ފޯސްބާގް އެވެ. މެޗުގެ ފަހުކޮޅު އިދްރީސާ ގޭ އާއި ޑިފެންޑަރު ޕެސްނެލް ކިމްޕެމްބޭ އަށް ރަތް ކާޑު ދެއްކުމުން ޕީއެސްޖީ އިން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކު އެވެ.

ރޭގެ ނަތީޖާތަކާ އެކު މި ގްރޫޕްގެ ފޯރި ވަނީ ގަދަވެފަ އެވެ. އެއް ވަނައިގައި އޮތް ޔުނައިޓެޑާއި ދެ ވަނައިގައި އޮތް ލައިޕްޒިގަށް ހަ ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ޕީއެސްޖީ އާއި ފުލުގައި އޮތް ބެސިކްޝެހީރް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!