ޔޫއެފާ ޔޫރޮޕާ ލީގުގެ ކޮލިފައިންގެ ދެ މެޗެއްގައި ކުޅެފައިވާ ސާބިއާގެ ގޯލްކީޕަރެއް މާޒިޔާ އަށް ގެނެސްފި އެވެ. އުމުރުން 29 އަހަރުގެ ނިކޮލާ ވުޔަނަކް މާޒިޔާއާ ގުޅުނުކަން އެ ކްލަބުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
ނިކޮލާ ޔޫރޮޕާ ލީގުގެ ތަޖުރިބާ ކުރީ މެސެޑޯނިއާގެ ސިލެކްސް ކްރަޓޯވޯ އަށް ކުޅުނުއިރު އިރު އެވެ. 17-2016 ވަނަ ސީޒަނުގެ ޖޫން މަހު ކުޅުނު ޔޫރޮޕާ ލީގުގެ ފުރަތަމަ ކޮލިފައިން ބުރުގައި ސިލެކްސް ޓީމުގެ ގޯލު ނިކޮލާ ބެލެހެއްޓީ ލިޗެސްޓައިންގެ ޗެމްޕިއަން އެފްސީ ވަޑުޒްއާ ދެކޮޅަށް ކުޅުނު ދެ މެޗުގަ އެވެ. މި ދެ މެޗުގައި ނިކޮލާ ބެލެހެއްޓި ސިލެކްސްގެ ގޯލަށް ފަސް ލަނޑު ވަނީ ވަދެފަ އެވެ. ފުރަތަމަ މެޗުގައި 3-1 އިން އެޓީމު ބަލިވިއިރު ދެ ވަނަ މެޗުން ބަލިވީ 2-1 އިންނެވެ.

ކީޕަރު ނިކޮލާ މާޒިޔާއާ ގުޅުމަށް ފަހު އެ ކްލަބުގެ ޖާޒީ ދައްކާލަނީ. – ފޮޓޯ: މާޒިޔާ
އިސްކޮޅުން ދިގު ތަޖުރިބާކާރު ގޯލްކީޕަރު ވަނީ އުފަން ގައުމު ސާބިއާ އާއި މެސެޑޯނިއާގެ އިތުރުން ބޮސްނިއާގެ ޓީމުތަކަށް ކުޅެފަ އެވެ. ނިކޮލާ ކުޅެފައިވާ މުބާރާތްތަކުގެ ތެރޭގައި މެސެޑޯނިއާގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ލީގާއި، ސާބިއަން ކަޕްގެ އިތުރުން ސާބިއާގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ލީގު އަދި ސާބިއަން ސުޕަ ލީގު ހިމެނެ އެވެ. މާޒިޔާ އަކީ ނިކޮލާ ކްލަބް ކެރިއަރުގައި ތަޖުރިބާކުރާ ހަތް ވަނަ ކްލަބެވެ. މިހާތަނަށް ކްލަބް ކެރިއަރުގައި 120 މެޗު ކުޅެފައިވާއިރު އޭނާ ބެލެހެއްޓި ގޯލަށް 155 ލަނޑު ވަނީ ވަދެފަ އެވެ. މި މެޗުތަކުގެ ތެރެއިން ގޯލެއް ނުވަދެ ނިންމާލާފައިވަނީ 34 މެޗެވެ. ޔޫރޮޕާ ލީގުގެ ކޮލިފައިންގެ ތަޖުރިބާކުރި ސިލެކްސް ޓީމަށް ނިކޮލާ 27 މެޗު ކުޅެފައިވާއިރު 34 ލަނޑު ބައިކޮޅަށް ވަދެ ނުވަ ކްލީންޝީޓް އެ ކްލަބާއެކު ނިކޮލާ ވަނީ ހަދައިފަ އެވެ.
މާޒިޔާ އަށް ބިދޭސީ ގޯލްކީޕަރެއް ގެނައީ މިދިޔަ ސީޒަނުގައި އެޓީމުގެ ގޯލު ބެލެހެއްޓި އަފްގާނިސްތާނުގެ އޮވޭސް އަޒީޒީގެ އެއްބަސްވުން އާނުކުރަން ނިންމުމަށް ފަހު އެވެ. މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މާޒިޔާ ފުރުސަތު ހޯދިއިރު އަޒީޒީ ވަނީ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މާޒިޔާގެ އެއްބަސްވުން އާކުރި ޑިފެންޑަރު ޕްލަނިޗް ލީގު ޝީލްޑާ އެކު. ފޮޓޯ: މާޒިޔާ
ކީޕަރު ނިކޮލާގެ އިތުރުން މާޒިޔާއިން ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ސާބިއާގެ ބިދޭސީ ޑިފެންޑަރު ޕީޓަރ ޕްލަނިޗްގެ އެއްބަސްވުން އާކޮށްފަ އެވެ. އޭއެފްސީ ކަޕަށް އަމާޒުކޮށްގެން މިދިޔަ ސީޒަނުގެ ފަހުކޮޅު މާޒިޔާ އަށް ގެނައި ޕްލަނިޗް ވަނީ ލީގު ބައެއް މެޗުތަކުގެ އިތުރުން އޭއެފްސީ ކަޕްގެ ކޮލިފައިންނާއި ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކުޅެފަ އެވެ.
މާޒިޔާ އަކީ ކުރިއަށް އޮތް ސީޒަނަށް އެންމެ ފުރަތަމަ ތައްޔާރުވާން ފެށި ޓީމެވެ. މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް މަޑުކުރަން ނިންމާފައިވާއިރު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު ވަނީ އެޓީމާ ގުޅިފަ އެވެ. ބިދޭސީ ކުޅުންތެރިން ހިމަނައިގެން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން އާ ސިޒަނާ ކުރިމަތިލާއިރު އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް މާޒިޔާ އަށް ވަނީ ލިބިފަ އެވެ. މާޒިޔާ އިން ވަނީ މިއަހަރުގެ އޭއެފްސީ ކަޕަށް ވެސް ވަރުގަދައަށް ތައްޔާރުވެފަ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕް ކެންސަލް ކުރުމުން އެޓީމަށް ބޮޑު ގެއްލުމެއް ކުރިމަތިވި އެވެ. މާޒިޔާ އިން ސީޒަނުގައި ކުޅޭ ފުރަތަމަ މެޗަކަށް ވަނީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނަ އެފްއޭ ޗެރިޓީ ޝީލްޑް މެޗެވެ. އެއަށްފަހު ޑިސެމްބަރު 13 ވަނަ ދުވަހު ކުޅޭ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.