ފުރަތަމަ ސަފްޙާ / ޚަބަރު / އަމިއްލަ ދަނޑުގައި އަނެއްކާވެސް ޔުނައިޓެޑް ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އަނެއްކާވެސް ޔުނައިޓެޑް ބަލިވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 2 ނޮވެމްބަރު 2020

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ އެވެ. މިއީ މިފަހަރުގެ ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިވި ތިންވަނަ ފަހަރެވެ.

މި ސީޒަނުގައި މިހާތަނަށް ލީގުގައި ޔުނައިޓެޑުން ހަތަރު މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން އެއްވެސް މެޗެއް ޔުނައިޓެޑަށް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. މި ސިލްސިލާ ފެށުނީ ލީގުގެ ފުރަތަމަ މެޗުގައި ކުރިސްޓަލް ޕެލަސް އަތުން 1-3 އިން އަމިއްލަ ދަނޑުގައި ބަލިވި ހިސާބުންނެވެ. އޭގެ ފަހުން އަމިއްލަ ދަނޑުގައި ޔުނައިޓެޑަށް ކުރިމަތިވީ އަދި މާބޮޑު ލަދަކާ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ލީގުގެ ދެ ވަނަ މެޗުގައި ޓޮޓެންހަމް އަތުން ބަލިވީ 1-6 އިންނެވެ. އޭގެ ފަހުން ޗެލްސީ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ކުޅުނު ލީގު މެޗު ވީ 0-0 އިން އެއްވަރެވެ.

ރޭގެ މެޗު އާސެނަލުން ކާމިޔާބުކުރީ 0-1 އިންނެވެ. މި މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އާސެނަލްގެ ފޯވާޑް އެމެރިކް އޮބާމިޔަން އެވެ. އާސެނަލް އަށް ލިބުނު މި ޕެނަލްޓީ އަކީ އެ ޓީމުގެ ޑިފެންޑަރ ހެކްޓަރ ބެލެރިން އަށް ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް މާ ރަގަޅު ކުޅުމެއް ރޭގެ މެޗުގައި ދެއްކިފައި ނުވާއިރު މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަގަޅަށް ކުޅެފައިވަނީ ވެސް އާސެނަލުންނެވެ. ރޭގެ މެޗުގައި ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކުރެވޭ ވަރުގެ ނުރައްކަލެއް އާސެނަލްގެ ގޯލަށް ކުރެވުނީ އެންމެ ފަހަރަކު އެވެ. އެގޮތުން ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑަށް ދިން ރީތި ބޯޅައެއް އެ ޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ގޯލަށް ފޮނުވާލުމުން އާސެނަލްގެ ގޯލްކީޕަރު ބާންޑް ލިނޯ ވަނީ ފައިން ޖަހައި ބޯޅަ ދިފާއުކޮށްފަ އެވެ.

އާސެނަލް އަށް ރޭގެ މެޗުގައި އިތުރު ލަނޑުތަކެއް ޖަހާނެ ފުރުސަތު ލިބުނެވެ. އެކަމަކު އާސެނަލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިލިއަން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހުނު އިރު އޮބާމިޔަން އަށް ލިބުނު ފުރުސަތެއްގައި ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ރޭގެ މެޗަށް ޔުނައިޓެޑް ނުކުތްއިރު އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އިހްތިޔާރުކޮށްފައި އޮތީ އެންމެފަހުން ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ އާރުބީ ލައިޕްޒިގު ކޮޅަށް ފަސް ލަނޑު ޖެހި މެޗުގައި ނުކުތް ފުރަތަމަ އެގާރަ އެވެ. އެކަމަކު އެ މެޗުގައި ޔުނައިޓެޑުން ކުޅުނު މޮޅު ފުޓްބޯޅަ ކުޅޭނެ ހުސް ޖާގައެއް އާސެނަލުން ރޭގެ މެޗުގައި ދީފައެއް ނުވެ އެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ޕޮގްބާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނު އިރު އެ ޓީމުގެ ޕޯޗްގަލް ތަރި ބްރޫނޯ ފެނާންޑޭޒްގެ ފަރާތުންވެސް ފެނުނީ ވަރަށް ވަނދު ކުޅުމެކެވެ.

ރޭގެ ނަތީޖާ އާއެކު އާސެނަލް ވަނީ 12 ޕޮއިންޓާއެކު ޓޭބަލްގެ އަށްވަނައަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް އޮތީ އެންމެ ހަތް ޕޮއިންޓާއެކު ޓޭބަލްގެ 15 ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!