ފުރަތަމަ ސަފްޙާ / ޚަބަރު / އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އިން ސީޒަނަށް ތައްޔާރުވާން ފަށައިފި

އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އިން ސީޒަނަށް ތައްޔާރުވާން ފަށައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 ނޮވެމްބަރު 2020

އަންނަ ޑިސެމްބަރު މަހު ފަށާ ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އިން މިއަދު ހަވީރު ޕްރެކްޓިސް ފަށައިފި އެވެ.

މި ދެޓީމުން ޕްރެކްޓިސް ފެށުމާއެކު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން މިހާރު ޕްރެކްޓިސް ނުފަށަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުންނެވެ. އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށީ މާޒިޔާ އިންނެވެ. އޭގެފަހުން ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް އަދި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ.

އީގަލްސް ޓީމަށް ކުރިއަށް އޮތް ސީޒަނުގައި ވެސް އިރުޝާދު ދޭނީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މި ސީޒަނުގައި އީގަލްސް އަށް ކޯޗުކަން ކޮށްދޭއިރު މޯހަން މިހާރު ވަނީ ފުޓްބޯޅައިގެ އެންމެ މަތީ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފަ އެވެ. މޯހަން މި ލައިސަންސް ހޯދީ މިދިޔަ ސީޒަނުގައި އީގަލްސް ޓީމަށް އިރުޝާދުދެމުންނެވެ. ޕްރޯ ލައިސަންސްގެ އިތުރުން މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއް ވެސް މެ އެވެ.

މިއަދުގެ ޕްރެކްޓިހުގައި ބައިވެރިވި އީގަލްސްގެ ޓީމު. – ފޮޓޯ: އެފްއޭއެމް

ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ޑިސެމްބަރު އަށް ވަނަ ދުވަހު އީގަލްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މި ސީޒަން އީގަލްސް އަށް އެންމެ ހާއްސަވަނީ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބުމުންނެވެ. ސީޒަން ހުޅުވާ މެޗާއި އޭއެފްސީ ކަޕް ކޮލިފައިންގެ ފުރުސަތު ވެސް އީގަލްސް އަށް ލިބުނީ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ.

އެ ކްލަބުގައި މިދިޔަ ސީޒަނުގައި ތިބި ދިވެހި ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އޮތް ސީޒަނުގައި މަޑުކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު މިދިޔަ ފަސް އަހަރު އެޓީމުގެ ގޯލު ބެލެހެއްޓި ސްރީ ލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ އެ ކްލަބް ދޫކޮށްލުމުން އީގަލްސް އިން މިހާރު ވަނީ ބްރެޒިލްގެ ގޯލްކީޕަރަކާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އީގަލްސް އިން ގެންނަން ނިންމާފައިވަނީ ބްރެޒިލްގެ ދަށް ޑިވިޝަންތަކަށް ކުޅެފައިވާ އުމުރުން 25 އަހަރުގެ އަންދްރެއާ ރެގްލީ އެވެ.

ކޯޗު ސާންތީ ޔުނައިޓެޑް ވިކްޓްރީގެ ކުޅުންތެރިންނާ ވާހަކަދައްކަނީ. އެޓީމުގެ ކޯޗަކަށް ހުންނާނީ މުހައްމަދު އާދަމް. – ފޮޓޯ: އެފްއޭއެމް

ޔުނައިޓެޑް ވިކްޓްރީ އަށް ކުރިއަށް ސީޒަނުގައި އިރުޝާދު ދެނީ މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމާ ހަވާލުވި މުހައްމަދު އާދަމް އެވެ. މުހައްމަދު އާދަމް ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވުވުމުގެ ކުރިން އިރުޝާދުދިނީ ވިކްޓްރީ ސްޕޯޓްސް ކްލަބަށެވެ. އެކަމަކު ވިކްޓްރީގެ ހާލަތު މާބޮޑަށް ގޯސްވެ މެޗުތައް ނުކުޅެވޭ ހިސާބަށް ދިއުމުން މުހައްމަދު އާދަމް އެ ކްލަބުގެ ކޯޗުކަން ދޫކޮށްލީ އެވެ.

މިއަދުގެ ފަރިތަކުރުންތަކުގައި ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ވަނީ ޔުނައިޓެޑް ވިކްޓްރީގައި ހަރަކާތްތެރިވެފަ އެވެ. ސާންތީ އެންމެ ފަހުން ފެނުނީ ކްލަބް އޭދަފުށީގެ ކޯޗުގެ ގޮތުގަ އެވެ. އެނގިފައިވާ ގޮތުގައި ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިހުން ސާންތީ ފެންނަނީ މިވަގުތު ހުސްކޮށް ހުރުމުންނެވެ.

މިއަދު އޮތް ފަރިތަކުރުމުގައި ޔުނައިޓެޑް ވިކްޓްރީގެ ބައެއް ކުޅުންތެރިން. – ފޮޓޯ: އެފްއޭއެމް

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީ އިން ވަނީ ގައުމީ ޓީމުގެ މުހިއްމު ދެ މިޑްފީލްޑަރުންގެ ސޮއި ހޯދާފަ އެވެ. އެއީ މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅުނު އިސްމާއީލް އީސާ (މެސީ) އާއި ގްރީން ސްޓްރީޓްސް އަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އެވެ. މި ދެކުޅުންތެރިންގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ފަރުހާދު އިސްމާއީލް (ފަރޭ) އާއި މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އިން ފެނުނު އަހުމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ޔުނައިޓެޑް ވިކްޓްރީއާ ގުޅިފަ އެވެ.

ޑިސެމްބަރު އަށް ވަނަ ދުވަހު މާޒިޔާއާ އީގަލްސް ވާދަކުރާ ސީޒަން ހުޅުވާ މެޗަށް ފަހު ލީގުގެ ކުޅުން ފަށާނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. ލީގު ހުޅުވާ މެޗުގައި އެދުވަހުގެ ހަވީރު ޔުނައިޓެޑް ވިކްޓްރީ ނުކުންނާނީ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!