ފުރަތަމަ ސަފްޙާ / ޚަބަރު / ސްޕެނިޝް ލީގުގައި ބާސެލޯނާ ފިރުކެނީ

ސްޕެނިޝް ލީގުގައި ބާސެލޯނާ ފިރުކެނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 ނޮވެމްބަރު 2020

ސްޕެނިޝް ލީގުގައި ރޭ ޓޭބަލްގެ 15 ވަނައިގައި އޮތް އަލަވެސް އާ ދެކޮޅަށް ބާސެލޯނާއިން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. ރަށުން ބޭރުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.

ރޭގެ މެޗު އެއްވަރުވުމާއެކު ބާސެލޯނާ މިހާރު އޮތީ އެންމެ އަށް ޕޮއިންޓާއެކު ޓޭބަލްގެ 12 ވަނައިގަ އެވެ. މިހާތަނަށް ބާސެލޯނާ އިން ލީގުގައި ހަ މެޗު ކުޅެފައިވާއިރު އެ ޓީމަށް އަދި ކާމިޔާބުކުރެވިފައިވަނީ ދެ މެޗެވެ. ރޭގެ މެޗަކީ ލީގުގައި ބާސެލޯނާއިން މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ހަތަރުވަނަ މެޗެވެ. މި ނަތީޖާ ތަކުގެ ސަބަބުން ބާސެލޯނާ މިވަގުތު އޮތީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އަށް ޕޮއިންޓް ފަހަތުގަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލަވެސް އިންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައިދީފައިވަނީ ލުއިސް ރޯޖާ އެވެ. ބާސެލޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ އަލަވެސްގެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިތާ މިނެޓެއް ފަހުންނެވެ. މެޗުގެ 63 ވަނަ މިނެޓްގައި މި ލަނޑު ބާސެލޯނާ އަށް ކާމިޔާބުކޮށްދީފައިވަނީ އޮންޓުއަން ގްރީޒްމަން އެވެ.

ބާސެލޯނާ އަށް ރޭގެ މެޗުން މޮޅު ނުވެވުނު ނަމަވެސް އެ ޓީމުން ވަނީ އަލަވެސް ގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އަ ހަމަލާތަކުގެ ހުރަހަކަށް ރޭ ވީ އަލަވެސްގެ ގޯލްކީޕަރު ފެނާންޑޯ ޕަޗޭކޯ އެވެ. މިގޮތުން އިއްޔެ 18 އަހަރު ފުރުނު ބާސެލޯނާގެ ފޯވާޑް އަންސޫ ފާޓީ އާއި ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން ސާޖީނޯ ޑެސްޓް ފޮނުވާލި ބޯޅަތައް ވެސް ޕަޗޭކޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މީގެ އިތުރުން ގްރީޒްމަން އަށް ލިބުނު އެހެން ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލި ނަމަވެސް ރެފްރީ ވަނީ ލަނޑެއް ނޫންކަމަށް ނިންމައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!