ފުރަތަމަ ސަފްޙާ / ޚަބަރު / ހަނި މޮޅެއް ހޯދައި ބަޔާން މިއުނިކް އެއް ވަނަ އަށް އަރައިފި

ހަނި މޮޅެއް ހޯދައި ބަޔާން މިއުނިކް އެއް ވަނަ އަށް އަރައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 31 އޮކްޓޫބަރު 2020

ޖަރުމަނު ބުންޑަސްލީގާގައި މިރޭ ރަށުން ބޭރުގައި 2-1 އިން އެފްސީ ކޮލޯން ބަލިކޮށް ޗެމްޕިއަން ބަޔާން މިއުނިކް ލީގު ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.

ބަޔާންގެ އިތުރުން ލީގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޓް ވެސް ވަނީ ކުޅުނު މެޗުން މޮޅުވެފަ އެވެ. ރަށުން ބޭރުގައި ޑޯޓްމަންޓް މޮޅުވީ އަރްމިނިއާ ބިއެލެފެލްޑްއާ ވާދަކޮށް 2-0 އިންނެވެ. ލީގުގެ އެއް ވަނަ ބަޔާން އަށް ލިބެނީ ފައިދާ ގޯލު ގިނަވުމުންނެވެ. ބަޔާން އާއި ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވެސް ހަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި 13 ޕޮއިންޓާ އެކު އޮތް އާރުބީ ލައިޕްޒިގް މިރޭ ރަށުން ބޭރުގައި ބޮރޫޝިއާ މޮންޗެންގްލަބަޗްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ ތާވަލުގެ އެއް ވަނައަށް އެޓީމަށް އަލުން އެރޭނެ އެވެ.

ހުށިޔާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ޓީމުގައި ނުހިމަނައި ކުޅުނު ބަޔާން ޓީމުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ އެވެ. ކޮލޯންގެ ޑިފެންޑަރަކު ބަޔާންގެ ސާޖް ގްނަބްރީ އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީ އިން ކާމިޔާބުކުރި ގޯލާ އެކު މުލާ ވަނީ ލީގުގައި މިހާތަނަށް ހަތަރު ލަނޑު ޖަހައިފަ އެވެ. ބަޔާންގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ގްނަބްރީ އެވެ. މެޗުގައި ކޮލޯންގެ ހަމައެކަނި ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ޑްރެކްސްލާ އެވެ.

ޑޯޓްމަންޑް މޮޅުވި މެޗުގައި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މެޓްސް ހުމެލްސް އެވެ. ފުރަތަމަ ލަނޑު ހުމެލްސް 53 ވަނަ މިނެޓުގައި ޖެހީ ތޯމަސް މުނިއޭ ދިން ބޯޅައަކުންނެވެ. ދެ ވަނަ ލަނޑު ޖަހަން ހުމެލްސް އަށް އެހީތެރިވެދިނީ މާކޯ ރެއުސް އެވެ.

މިރޭގެ މެޗުގައި ޑޯޓްމަންޑުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އުމުރުން 17 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިނގިރޭސި ކްލަބް ބާމިންހަމް ސިޓީ އިން ވިދާލި ބެލިންހަމް މިއަހަރުގެ ސެޕްޓެމްބަރު މަހު ޑޯޓްމަންޑަށް ބަދަލުވީ މަޝްހޫރު ބޮޑެތި ކްލަބްތަކުން ފާރަލަމުން ދަނިކޮށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!