ފުރަތަމަ ސަފްޙާ / ޚަބަރު / ސިޓީ އާއި ޗެލްސީ މޮޅުވެ ކުރިއަށް ޖެހިލައިފި

ސިޓީ އާއި ޗެލްސީ މޮޅުވެ ކުރިއަށް ޖެހިލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 31 އޮކްޓޫބަރު 2020

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ އިން ތާވަލުގައި ކުރިއަށް ޖެހިލައިފި އެވެ. ރަށުން ބޭރުގައި މިއަދު ހަވީރު ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ 1-0 އިން މޮޅުވިއިރު ޗެލްސީ ވަނީ މިރޭ ރަށުން ބޭރުގައި 3-0 އިން ބާންލީ ބަލިކޮށްފަ އެވެ.

މޮޅާ އެކު ޗެލްސީ ވަނީ ހަތް މެޗުން 12 ޕޮއިންޓް ހޯދައި ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ހަ މެޗުން 11 ޕޮއިންޓް ހޯދައި ސިޓީ މިހާރު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް އެވަޓަން އާއި ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ލިވަޕޫލް މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު ރަށުން ބޭރުގައި މާދަމާރޭ އެވަޓަން ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ޝެފީލްޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ކެވިން ޑި ބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ޑިފެންޑަރު ކައިލް ވޯކާ އެވެ. މެޗުގައި ސިޓީ އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނުއިރު ކައުންޓަ އެޓޭކުގައި ޝެފީލްޑަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ.

މެޗުން ބަލިވި ޝެފީލްޑް އޮތީ މޮޅެއް ނުލިބި ހަތް މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ތާވަލުގެ 18 ވަނައިގަ އެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު އެޓީމުގެ ފޯމު ދަށްވިއިރު ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 11 މެޗުން އެޓީމަށް މޮޅެއް ލިބިފައެއްނުވެ އެވެ. މިއީ ޝެފީލްޑާ އެކު 99 މޮޅު ހޯދާފައިވާ ކޯޗު ކްރިސް ވިލްޑާގެ ކޯޗިން ކެރިއަރުގައި އެންމެ ދަށް ރެކޯޑެވެ.

ޗެލްސީން މިރޭ ބާންލީ ބަލިކުރިއިރު ވިދާލީ އަޔަކްސް އިން އެޓީމަށް ބަދަލުވި ހަކީމް ޒިޔެޗް އެވެ. މެޗުގައި ޒިޔެޗް ވަނީ ގޯލެއް ޖަހައި އިތުރު ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޒިޔެޗް ޖެހީ ޓަމީ އަބްރަހަމް ދިން ބޯޅަ ތިރިތިރިން ގޯލަށް ފޮނުވާލައިގެންނެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ދެ ވަނަ ގޯލު ޑިފެންޑަރު ކާޓް ޒޫމާ ބޮލުން ޖެހީ މޭސަން މައުންޓް ނަގައިދިން ކޯނަރަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޒިޔެޗްގެ އެހީތެރިކަމާ އެކު ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ ޓިމޯ ވާނާ އެވެ.

ޗެލްސީގެ ޖާޒީގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ޒިޔެޗް އެންމެ ފުރަތަމަ ކުޅުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގަ އެވެ. ފުރަތަމަ ދެ މެޗުގައި ގޯލު ޖަހައި ޒިޔެޗް ވެފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހު ޑިއޭގޯ ކޮސްޓާ ފުރަތަމަ ދެ މެޗުގައި ގޯލު ޖެހިފަހުން، އެކަން ތަކުރާރުކުރި ޗެލްސީގެ ދެ ވަނަ ކުޅުންތެރިޔާ އަށެވެ.

ލީގުގައި ލިވަޕޫލުން ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 10:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!