ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކުރަންޖެހުނު އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފި އެވެ. މި މަހުގެ 17 ވަނަ ދުވަހު އެވަޓަން އާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ނެދަލޭންޑްސްގެ އުމުރުން 29 އަހަރުގެ ޑިފެންޑަރަށް ވަނީ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިފަ އެވެ.
ލިވަޕޫލުން ބުނިގޮތުގައި ވެން ޑައިކްގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކޮށްފައިވީ ނަމަވެސް އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އައުމާ ގުޅޭ ޓައިމް ލައިނެއް އަދި ހެދިފައެއް ނެތެވެ.
“ކޮންމެ އޮޕަރޭޝަނަކަށް ފަހު ވެސް އެ ހޭދަކުރަންޖެހޭ ވަގުތަކީ އުނދަގޫ ވަގުތެއް. އެކަމަށް ރިއާޔަތްކޮށް އެއްޗެއް ބުނާ ކަމަށް ވަންޏާ ބުނެވޭނީ އޭނާގެ ހާލު ހަމަ ރަގަޅޭ. އޮޕަރޭޝަން ކާމިޔާބު. އެއީ ވަރަށް ރަގަޅު ހަބަރެއް. އެއީ އަހަރެމެންނަށް ލިބުނު އެންމެ އުފާވެރި ހަބަރު.” ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފައިވެ އެވެ.
ވެން ޑައިކް އަށް ލިބުނު އަނިޔާ އަކީ އާންމު ގޮތެއްގައި އެނބުރި ކުޅުމުގެ ތެރެއަށް އަލުން އަންނަން އެތައް މަހެއް ނަގާފާނެ ވަރުގެ އަނިޔާ އެކެވެ. ވެން ޑައިކަށް އަނިޔާވުމާ ގުޅިގެން އޭނާ ނެތްތަން ފޫބައްދަމުން އައި ބްރެޒިލްގެ ފަބީނިއޯ އަށްވެސް މިހާރު ވަނީ އަނިޔާ ވެފަ އެވެ. ކްލޮޕް ބުނިގޮތުގައި ފަބީނިއޯ އަށް ލިވަޕޫލުން ލީގުގައި މާދަމާ ރޭ ވެސްޓްހޭމް އާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. އަދި، ފަހަރެއްގައި ކުރިއަށް ހުރި އިތުރު ބައެއް މެޗުތަކެއް ވެސް ފަބީނިއޯ އަށް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ.