އަނިޔާގެ ސަބަބުން ޑިފެންޑަރު ވާޖިލް ވެން ޑައިކަށް މި ސީޒަނުގައި ދެން ނުކުޅެވޭނެކަމަށް ބެލެވިފައިވަނިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޑެންމާކްގެ އެފްސީ މިޓްޔައެލަންޑް އަތުން މޮޅުވި މެޗުގައި ފަބީނިއޯ އަށް އަނިޔާވުމުން ލިވަޕޫލަށް އިތުރު މާޔޫސްކަމެއް ލިބިއްޖެ އެވެ.
ވެން ޑައިކްގެ ކަކުލު ހުޅަށް އަނިޔާވެ އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުނީ މިމަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅު އެވެ. ވެން ޑައިކަށް އަނިޔާވުމުން އޭނާގެ މަގާމް ފޫބެއްދުމަށް ކޯޗު ޔާގެން ކްލޮޕް ބޭނުންކުރަމުން އައީ ބްރެޒިލްގެ ފަބީނިއޯ އެވެ. ރޭގެ މެޗުން 2-0 އިން ލިވަޕޫލް މޮޅުވި ނަމަވެސް މެޗަށް ފަހު ކްލޮޕް ބުނީ ފަބީނިއޯ އަށް އަނިޔާވުމަކީ އޭނާ އެންމެ ނޭދޭ ކަންތައް ކަމަށާއި، މި އަނިޔާއާ އެކު މުޅި ޓީމަށް ޝޮކެއް ލިބިފައިވާކަމަށެވެ.
“ފަބީނިއޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ ރަނގަޅެއް ނޫން. އަނިޔާއާ އެކު ވެސް އޭނާ ކުޅެން ބޭނުންވި. އެކަމަކު ދުވެގެން ނުކުޅެވޭނަމަ އެކަމުން ކުރާނެ ފައިދާއެއް ނޯންނާނެ. އަނިޔާގެ ތަފްސީލް އެނގޭނީ ސްކޭން ހެދުމުން. މިހާރު ފެންނަގޮތުން މި އަނިޔާ ކުޑަކަމަކަށް ނުބެލެވޭނެ” ގްރޫޕް ޑީގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ލިވަޕޫލްގެ ކޯޗު ބުންޏެވެ.
ވެން ޑައިކާއި ފަބީނިއޯ އަށް އަނިޔާވެފައިވާއިރު އެޓީމުގައި ސެންޓްރަލް ޑިފެންޑަރުންގެ ގޮތުގައި މިވަގުތު ފިޓުކޮށް ހުރީ ޖޯ ގޯމޭޒް އެކަންޏެވެ. ޖޮއެލް މަޓިޕް ވެސް އަނިޔާގައި ހުރިއިރު ރޭ 30 ވަނަ މިނެޓުގައި ފަބީނިއޯ ބާލަން ޖެހުމުން ބަދަލުގައި ކުޅެން އެރީ 19 އަހަރުގެ ޒުވާން ޑިފެންޑަރު ރީސް ވިލިއަމްއަސް އެވެ. މިދިޔަ ސީޒަނުގައި ލޯނު އުސޫލުގެ ދަށުން ވިލިއަމްސް ކުޅުނީ އިނގިރޭސި ހަ ވަނަ ޑިވިޝަނުގެ ކްލަބަކަށެވެ.
ރޭގެ މެޗު ލިވަޕޫލުން ފެށީ ފޯވާޑް ލައިންގައި އާއްމުކޮށް ކުޅޭ މުހައްމަދު ސަލާހް އާއި ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯ ނުލަ އެވެ. ފުރަތަމަ ހާފުގައި އިދިކޮޅު ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުމުން ކްލޮޕް ވަނީ ދެ ވަނަ ހާފުގައި ސަލާހް، މާނޭ އަދި ފިރްމީނޯ ކުޅެން އަރުވައިފަ އެވެ. މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޯޓާ އެވެ. މިއީ ލިވަޕޫލްގެ 128 ވީ ދިގު ތާރީހުގައި ހުރިހާ މުބާރާތެއްގައި އެ ކްލަބުން ކާމިޔާބުކުރި 10،000 ވަނަ ލަނޑެވެ. ލިވަޕޫލްގެ ފަހު ލަނޑުގެ މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ. ލިވަޕޫލް ހިމެނޭ ގްރޫޕް ޑީގައި ރޭ އެޓަލާންޓާ ވަނީ ފަހަތުން އަރައި ޖެހި ގޯލުތަކުން އަޔަކްސްއާ 2-2 އިން އެއްވަރުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި މެންޗެސްޓަރ ސިޓީ ރޭ ވަނީ ރަށުން ބޭރުގައި 3-0 އިން ފްރާންސްގެ މާސޭ ބަލިކޮށްފަ އެވެ. މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސް އާއި އިލްކާއީ ގުންޑޮގާން އަދި ރަހީމް ސްޓާލިން އެވެ. މި ގްރޫޕުގައި އެފްސީ ޕޯޓޯ ވަނީ ރޭ 2-0 އިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރި ހޯދާފަ އެވެ. ދެ މޮޅާ އެކު ސިޓީ މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ސިޓީ އެވެ.
ރެއާލް މެޑްރިޑް ހިމެނޭ ގްރޫޕް ބީގައި ރޭ އެޓީމަށް ޖެހުނީ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަބަޗްއާ ވާދަކޮށް ޕޮއިންޓަކުން ފުއްދާލާށެވެ. މި ގްރޫޕުގައި ހިމެނޭ ޝަކްތާ ޑޮނެސްކާއި އިންޓަ މިލާން ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރޭ ރެއާލުން ޕޮއިންޓެއް ހޯދީ ދެ ގޯލު ފަހަތުގައި އޮވެފައި މެޗުގެ ފަހު ތިން މިނެޓުގައި ކަރީމް ބެންޒެމާ އާއި ކަސެމީރޯ ޖެހި ގޯލުތަކުންނެވެ. މި ގްރޫޕްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ޝަކްތާ ޑޮނެސްކް އޮތްއިރު ދެ ވަނައިގައި އޮތް މޮންޗެންބްލަބަޗް އާއި ތިން ވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ޕޮއިންޓަކާ އެކު ފުލުގައި އޮތީ ރެއާލް އެވެ.
ރޭ ގްރޫޕް އޭގައި ކުޅުނު މެޗުތަކުން ޔޫރަޕްގެ ޗެމްޕިއަން ބަޔާން މިއުނިކް އާއި އެތުލެޓިކޯ މެޑްރިޑް ވަނީ މޮޅުވެފަ އެވެ. ބަޔާނުން ރަށުން ބޭރުގައި ލޮކޮމޯޓިވް މޮސްކޯ 2-1 އިން ބަލިކުރިއިރު ލަނޑުތައް ކާމިޔާބުކޮށްދިނީ ލިއޮން ގޮރެޓްޒްކާ އާއި ޖޯޝުއާ ކިމިޗް އެވެ. އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި 3-2 އިން މޮޅުވީ ސާލްސްބާގް އަތުންނެވެ. މެޗުގައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު މާކޮސް ލޮރެންޓޭ ކާމިޔާބުކޮށްދިން އިރު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޔާއޯ ފީލީކްސް އެވެ. މި ގްރޫޕުގައި ކުޅުނު ދެ މެޗުން މޮޅުވެ ބަޔާން ހަ ޕޮއިންޓާ ހޯދާފައިވާއިރު ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.