ފުރަތަމަ ސަފްޙާ / ޚަބަރު / ބެންޖޯ އާއި އައިހަމް އިތުރުކޮށް ސަސް އިން ޕްރެކްޓިސް ފަށައިފި

ބެންޖޯ އާއި އައިހަމް އިތުރުކޮށް ސަސް އިން ޕްރެކްޓިސް ފަށައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 27 އޮކްޓޫބަރު 2020

ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ޒުވާން ކުޅުންތެރިޔާ އަހުމަދު އައިހަމް، ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް އިތުރުކޮށް އެ ކްލަބުން މިއަދު ހަވީރު ޕްރެކްޓިސް ފަށައިފި އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު ސަސް އަށް ލިބުނީ މިއަހަރުގެ ކުރީކޮޅު އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ. އާ ސީޒަނާ އެޓީމުން ކުރިމަތިލަނީ ކުރިން ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތަކަށާއި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދުދީފައިވާ އަހުމަދު ނާޝިދު (ނާދު) ގެ ކޯޗުކަމުގަ އެވެ.

ޕްރެކްޓިސް ފެށުމުގެ ކުރިން އެޓީމުން ވަނީ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފަ އެވެ. އެޓީމަށް ގެނައިކަން ރަސްމީކޮށް އެންމެ ފުރަތަމަ އިއުލާންކުރި ކުޅުންތެރިންނަކީ މިދިޔަ ހަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ފައްރާހް (ފައްރަ) އާއި ކުރިން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ 35 އަހަރުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނަށް ތައާރަފްވި އައިހަމް އެ ކްލަބަށް ގެނައިކަން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން މިދިޔަ އަހަރުތަކުގައި ސަސް އަށް ކުޅުނު އަހުމަދު ފަރުހާން (ގައްބެ) ވަނީ އެ ކްލަބުގެ އެއްބަސްވުން އާކޮށްފަ އެވެ. އަދި، ދެ ވަނަ ޑިވިޝަނުގެ ކްލަބް ޕީކޭ އަށް ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ހަމީދު (ހެލްމެޓް) ގެ ސޮއި ވެސް ސަސް އިން ވަނީ ހޯދައިފަ އެވެ.

އައްޑޫ އަށް އުފަން ބެންޖޯ އަކީ އައިއެފްސީ އިން ފުޓްބޯޅަ ކެރިއަރު ފަށައި ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ހުރިހާ ކްލަބަކަށްހެން ކުޅެފައިވާ ކުޅުންތެރިއެކެވެ. ބެންޖޯ ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި ވީބީ އައްޑޫ އެފްސީ އާއި ކްލަބް ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ، ކްލަބް އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބް ހިމެނެ އެވެ. އެއް ފެންވަރެއްގައި ގިނަ ދުވަހު ކުޅެފައިވާ ބެންޖޯގެ ކުޅުން ފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އިރުޝާދުގެ ދަށުން ޓީސީގަ އެވެ.

މިދިޔަ އަހަރު އޮތް އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި އައިހަމް ކްލަބް އޭދަފުށި ޓީމަށް ކުޅެނީ. ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ސަސް އިން. ފޮޓޯ: އިމޭޖަސް.އެމްވީ

ޓިސީ ސްޕޯޓްސް ކްލަބުން އައިހަމް ފުރަތަމަ ޑިވިޝަނަށް ތައާރަފްވީ 2018 ވަނަ އަހަރު އެވެ. އެކަމަކު އެ ސީޒަނުގެ ވަކި ހިސާބަކުން އައިހަމް ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. އެއަހަރު ޓީސީ އިން އޭއެފްސީ ކަޕް ކޮލިފައިންގައި ވާދަކުރި މެޗުތަކުގައި ވެސް ހުނަރުވެރި މި ކުޅުންތެރިޔާ ވަނީ ކުޅެފަ އެވެ. ރ. އިނގުރައިދޫ އަށް އުފަން އައިހަމް ޓީސީ ދޫކޮށްލުމަށް ފަހު މިދިޔަ އަހަރުތަކުގައި ފެނުނީ ފުޓްސަލާއި ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުންނެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ކުޅޭ ފުޓްސަލްގެ ގިނަ މުބާރާތްތަކެއްގައި އައިހަމް ކުޅެފައިވާއިރު އޭނާ ވަނީ މިދިޔަ އަހަރު ކުރީކޮޅު އޮތް އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކްލަބް އޭދަފުށި ޓީމަށް ވެސް ކުޅެފަ އެވެ. އޭގެފަހުން މިއަހަރުގެ ކުރީކޮޅު ކުޅުނު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އައިހަމް ކުޅުނީ ޖޭޖޭ ސްޕޯޓްސް އަށެވެ. އައިހަމް އަކީ ޑިފެންސަށާއި މިޑްފީލްޑުން ވެސް ފެނިފައިވާ ކުޅުންތެރިއެކެވެ.

މިއަދު އޮތް ފަރިތަކުރުންތަކުގެ ތެރެއިން ރާއްޖެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ސަސްގެ ކޯޗު ނާދު ބުނީ ޓީމުގެ ފުރަތަމަ އަމާޒަކީ ގަދަ ހައެއްގައި ހިމެނުން ކަމަށެވެ. އަދި ނަތީޖާތައް ރަނގަޅުކޮށް ލީގުގައި އިތުރަށް ކުރިއަށްދާން ވެސް ސަސް ޓީމު ބޭނުންވާކަމަށް ނާދު ބުންޏެވެ. ދިވެހި ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންނާއެކު އެކުލަވާލާފައިވާ ސަސް ޓީމަށް ބިދޭސީ ކުޅުންތެރިން ގެނައުމަށް ވަނީ ނިންމާފައިވާކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ދެ ވަނަ ޑިވިޝަނުގައި ވާދަކުރިއިރު އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އޮތް ސީޒަނުގައި ސަސް އިން ފެންނާނެކަމަށް ކްލަބުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ސަސްގެ އިތުރުން އާ ސީޒަނަށް ތައްޔާރުވާން ފަށާފައިވަނީ މާޒިޔާ، ކްލަބް ވެލެންސިއާ އަދި ކްލަބް ގްރީން ސްޓްރީޓްސް އިންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދައާ އެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ޑިސެމްބަރު އަށް ވަނަ ދުވަހު ކުޅޭއިރު ދިވެހި ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައިވަނީ އެމަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!