ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅެއް ނުލިބުމަކީ ބާސެލޯނާ މެޗަށް އޮތް ކަންބޮޑުވުމެއް ނޫން: ޕިރްލޯ

މޮޅެއް ނުލިބުމަކީ ބާސެލޯނާ މެޗަށް އޮތް ކަންބޮޑުވުމެއް ނޫން: ޕިރްލޯ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 26 އޮކްޓޫބަރު 2020

އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ހެލަސް ވެރޯނާއާ ދެކޮޅަށް ކުޅެ ޔުވެންޓަސް 1-1 އިން އެއްވަރުވުމަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށާއި، އެކަމާ ކަންބޮޑުނުވާ ކަމަށް ކޯޗު އަންދްރޭ ޕިރްލޯ ބުނެފި އެވެ.

ލީގުގައި ޖެހިޖެހިގެން ދެ މެޗުން އެއްވަރުވެ ޔުވެންޓަސް މިހާރު އޮތީ ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު އިޓާލިއަން ލީގުގެ ފަސް ވަނައިގަ އެވެ. ރޭގެ މެޗުގައި ވެރޯނާ އިން ލީޑު ނަގާފައިވަނިކޮށް 77 ވަނަ މިނެޓުގައި ޔުވެންޓަސް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑެޖަން ކުލުސެވްސްކީ އެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލީގުގެ ފޯމު ދަށްވިނަމަވެސް ޕިރްލޯ ބުނީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، ބާސެލޯނާ މެޗަކީ މުޅިން ތަފާތު ސްޓައިލެއްގެ މެޗެއް ކަމަށެވެ.

“ނޫން. އަހަރެން ކަންބޮޑެއް ނުވޭ ބާސެލޯނާ މެޗުގެ ކުރިން މޮޅެއް ނުލިބުމުން. އެއީ މުޅިން ތަފާތު ދެ ޓީމަކާ މި ވާދަކުރަނީ. ތަފާތު ދެ ސްޓައިލަކަށް ކުޅޭ ދެ ޓީމު. މި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ޓީމުން ބައެއް ކަންކަން ތަޖުރިބާ ކުރަންވެސް ބޭނުންވާނެ” މެޗަށް ފަހު ޕިރްލޯ ބުންޏެވެ.

ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނާ ޔުވެންޓަސްއާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މިއަދު މިލާނުން އަމިއްލަ ދަނޑުގައި ރޯމާ ބަލިކޮށްފި ނަމަ އެ ފަރަގު ހަ ޕޮއިންޓަށް ބޮޑުވާނެ އެވެ. އޮގަސްޓް މަހު ޔުވެންޓަސްއާ ހަވާލުވި ޕިރްލޯ ބުނީ މެޗުތަކުން އެއްވަރުވުމަކީ މައްސަލައެއް ނޫން ކަމަށާއި އެ ކްލަބުން އަންނަނީ ޓީމެއް ބިނާކުރަމުން ކަމަށެވެ.

“މެޗުތައް އެއްވަރުވުމަކީ ދެރައެއް. އެކަމަކު އަހަރެމެން މިދަނީ ރަނގަޅު އަމާޒަށް އަދި އަހަރެމެން މި މަސައްކަތްކުރަނީ ދިގު މުއްދަތުގެ ޕްލޭނެއް އޮވެގެން. މިއީ އަދި ފަސް ވަނަ މެޗު. ކުރިއަށް އޮތް ތަނަށް މި ޓީމުގެ ފަރާތުން އަހަރެންނަށް ފެންނަނީ ރަނގަޅު ކަންކަން” ކޯޗިންގައި ފުރަތަމަ ތަޖުރިބާކުރާ ޕިރްލޯ މެޗަށް ފަހު ބުންޏެވެ.

ކޮވިޑަށް ފަރުވާކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ނުކުޅޭއިރު ފެޑެރިކޯ ޗިއެސާ ހުރީ ސަސްޕެންޝަނުގަ އެވެ. މެޗުގައި ޑިފެންޑަރު ލެއޮނާޑޫ ބޮނޫޗީ އަށް އަނިޔާވިއިރު އަނެއް ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ވެސް ހުރީ އަނިޔާގަ އެވެ. ބާސެލޯނާ މެޗުގައި ޗިއޭސާ އަށް ކުޅެވުނު ނަމަވެސް ރޮނާލްޑޯ އާއި ބޮނޫޗީ އަދި ކިއެލީނީ ފެނުމުގެ ފުރުސަތު ކުޑަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!