ފުރަތަމަ ސަފްޙާ / ޚަބަރު / ކޮއްކޮ ނަގައިދިން ލީޑު ބޭބެ ކެންސަލްކޮށްފި

ކޮއްކޮ ނަގައިދިން ލީޑު ބޭބެ ކެންސަލްކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 26 އޮކްޓޫބަރު 2020

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ބެނެވެންޓޯގެ ރޮބާޓޯ އިންސީނިއޭ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފައިވަނިކޮށް ނަޕޯލީ އަށް ކުޅެމުން އަންނަ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ލޮރެންޒޯ އިންސީނިއޭ ލަނޑެއް ޖަހައި އެ ލީޑު ކެންސަލްކޮށްފި އެވެ.  ރަށުން ބޭރުގައި ނަޕޯލީން  ބެނެވެންޓޯ އާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުން ނިމުނީ 1-2 އިން ނަޕޯލީ އަށް ކުރި ލިބިގެންނެވެ.

ރޭގެ މެޗުގެ 30 ވަނަ މިނެޓްގައި ބެނެވެންޓޯ އަށް ލީޑު ހޯދައިދިން އުމުރުން 26 އަހަރުގެ ރޮބާޓޯ ކުރިން ކުޅެމުން އައީ ނަޕޯލީ އަށެވެ. އޭނާ ނަޕޯލީން ބެނެވެންޓޯ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ބެނެވެންޓޯ އަށް ރޮބާޓޯ ނަގައިދިން ލީޑު މެޗުގެ ފަހު 30 މިނެޓް ފެށުމާ ހަމައަށް ދެމި އޮތެވެ. މެޗުގެ 60 ވަނަ މިނެޓްގައި ރޮބާޓޯގެ ބޭބެ ނަޕޯލީ އަށް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުން ތިން ޕޮއިންޓް ހޯދުމަށް ބެނެވެންޓޯ އިން ކުރި އުއްމީދު ފަނޑުވި އެވެ. ރޮބާޓޯ ގެ ބޭބެ ލޮރެންޒޯ އަކީ ނަޕޯލީގެ ކެޕްޓަނެވެ.

“މެޗު ނިމުމުން އަހަރެން ކޮއްކޮ ގާތު ބުނިން. ކޮއްކޮގެ ވާތު ފަޔަށް ވުރެ އަހަރެންގެ ވާތު ފައި މާ ގަދަ ވާނެއޭ.” ނަޕޯލީ އަށް 352 މެޗު ކުޅެދީފައިވާ އުމުރުން 29 އަހަރުގެ ލޮރެންޒޯ ސަމާސާ ރާގެއްގައި ބުނެފައިވެ އެވެ.

“މެޗު ނިމުމުން އަހަރެމެން ދެމީހުން ބައްދާލިން. މިއީ އަހަރެމެންގެ އާއިލާ އަށް ވަރަށް ހާއްސަ ދުވަހެއް. އަހަރެންނަށް މެޗުގައި ގޯލެއް ކާމިޔާބުކުރެވުނީތީ އުފާވޭ. އަދި އަހަރެންގެ ކޮއްކޮ އަށްވެސް މަރުހަބާ ކިޔަން.” މެޗަށްފަހު ވާހަކަދައްކަމުން ނަޕޯލީގެ ކެޕްޓަން ބުނެފައިވެއެވެ.

މެޗަށްފަހު ލޮރެންޒޯގެ ކޮއްކޮ ވެސް ވަނީ ވާހަކަދައްކައިފަ އެވެ.

“އަހަރެންނަށް ލަނޑެއް ޖެހުނީމަ ވަރަށް އުފާވި. އެކަމަކު ދެރައީ އިޓާލިއަން ލީގުގައި އަހަރެން ޖެހި ފުރަތަމަ ގޯލަކީ ބޭބެ އާ ދެކޮޅަށް ޖެހި ގޯލަކަށް ވީކަން. ބޭބެ އާ ދެކޮޅަށް އަދި ވަކިން ހާއްސަކޮށް އަހަރެން ނިސްބަތްވާ ރަށުގެ ޓީމާ ދެކޮޅަށް ކުޅުމަކީ ވަރަށް އާދަޔާހިލާފު އިހުސާސެއް ކުރެވޭ ކަމެއް. އެކަމަކު މެޗުގެ ނަތީޖާ އައިގޮތުން އަހަރެމެން މިތިބީ ވަރަށް ދެރަވެފަ.” ރޮބާޓޯ ބުންޏެވެ.

ރޮބާޓޯ މީގެ ކުރިން ނަޕޯލީގެ ޖާޒީގައި ކުޅެފައިވަނީ އެންމެ ދެ ފަހަރު އެވެ. އޭނާ ނަޕޯލީގައި ހޭދަކުރި ގިނަ ދުވަސްތަކުގައި ލޯނު އެއްބަސްވުންތަކުގެ ދަށުން ގިނައިން ކުޅެފައިވަނީ އެހެން ޓީމުތަކަށެވެ.

ރޭގެ ނަތީޖާ އާއެކު ނަޕޯލީ އޮތީ ޓޭބަލުގެ އެންމެ ކުރީގައި އޮތް އޭސީ މިލާނަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ދެ ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!