އިންޓަ މިލާނަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހުރިހާ ގޮތަކުން ވެސް ކުރިއެރުން ހޯދައިފި ކަމަށާއި އެއީ އޭނާ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ. ކޮންޓޭ މިހެން ބުނީ އިޓާލިއަން ލީގުގައި ރޭ ޖެނޯއާ އަތުން 2-0 އިންޓަ މިލާން މޮޅުވި މެޗަށް ފަހު ލުކާކޫ އަށް ތައުރީފް ކުރަމުން ވާހަކަދައްކަމުންނެވެ.
ރޭގެ މެޗުގައި އިންޓަގެ ދެ ލަނޑު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު ލުކާކޫ ޖެހިއިރު ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޑެނީލޯ ޑީއަމްބްރޯސިއޯ އެވެ. ރޭ ޖެހި ގޯލާ އެކު ލުކާކޫ މިހާރު ވަނީ މި ސީޒަން ފެށިފަހުން ކްލަބާއި ގައުމަށް ކުޅުނު އަށް މެޗުގައި 10 ލަނޑު ޖަހައިފަ އެވެ. އިންޓަ އަށް ބަދަލުވެ ލުކާކޫ ވަނީ ޕެނަލްޓީތައް ނުހިމަނައި ލީގުގައި އިންޓަ އަށް 22 ލަނޑު ޖަހައިދީފަ އެވެ.
މެޗަށް ފަހު ކޮންޓޭ ބުނީ ލުކާކޫ އަކީ އޭނާ އަބަދުވެސް ގަޔާވާ ކުޅުންތެރިއެއް ކަމަށާއި، މިދިޔަ 12 މަސްދުވަހު އިންޓަ އަށް ޖަހައިދިން ލަނޑުތަކާ އެކު އޭނާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.
“މީގެ އަހަރެއް ކުރިއާ އަޅާބަލާއިރު ރޮމެލޫ އަކީ މިހާރު މުޅިން ތަފާތު ކުޅުންތެރިއެއް. އަހަރެން އަބަދުވެސް ބުނަމުން އައީ އޭނާއާ އެކު އަބަދުވެސް މަސައްކަތް ކުރަން ބޭނުންވާކަމަށް. ބޯޅަ ހޯދުމާ، ބޯޅަ ލިބުމުން އެ ނަގާ މޫވްތަކަށް ބަލާއިރު ބުނެވޭނީ ހުރިހާ ގޮތަކުން ވެސް އޭނާ އަށް ކުރިއެރުން ލިބިއްޖެއޭ” ކޮންޓޭ ބުންޏެވެ.
ބެލްޖިއަމްގެ އެންޑަލެކްޓް އިން ކެރިއަރު ފަށައި ލުކާކޫ ވަނީ 2011 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެފަ އެވެ. އެކަމަކު ޗެލްސީގައި ފުރުސަތު ނުލިބުމުން އޭނާ ވަނީ ލޯނު އުސޫލުން ވެސްޓް ބްރޮމް އަށާއި އެވަޓަން އަށް ކުޅެފަ އެވެ. އެވަޓަންގެ އެއްބަސްވުން ދާއިމީ ކުރުމަށް ފަހު ދެއްކި މޮޅު ކުޅުމާ އެކު 2017 ވަނަ އަހަރުގެ ޖުލައި މަހު މެންޗެސްޓަރ ޔުނައިޓެޑުން ލުކާކޫގެ ސޮއި ހޯދި އެވެ. ޔުނައިޓެޑްގައި ދެ އަހަރު ހޭދަކުރުމަށް ފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލުކާކޫ އިންޓަ އަށް ބަދަލުވީ ޔުނައިޓެޑްގައި އެކަށީގެންވާ ފުރުސަތުތައް އޭނާ އަށް ނުލިބޭތީ އެވެ. އިންޓަ އަށް ބަދަލުވުމަށް ފަހު އޭނާ އަންނަނީ ކުރީގެ ކުޅުން ދައްކައި ގިނަ ލަނޑުތަކެއް ކާމިޔާބުކުރަމުންނެވެ. ކްލަބްގެ އިތުރުން ގައުމީ ޓީމުގައި ވެސް ލުކާކޫގެ ދައުރު ބޮޑުއިރު އޭނާ ވަނީ ގައުމަށް ކުޅެދިން 87 މެޗުގައި 55 ލަނޑު މިހާތަނަށް ޖަހައިފަ އެވެ.
އިޓާލިއަން ލީގުގައި އިންޓަ ރޭ ހޯދި މޮޅާ އެކު ވަނީ ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ ސަތޭކަ އިންސައްތަ ރެކޯޑަކާ އެކު އޭސީ މިލާނެވެ. ހަތަރު މެޗުން މޮޅުވެ މިލާނުން 12 ޕޮއިންޓް ހޯދާފައިވާއިރު ދެ ވަނައިގައި އޮތް ސަސޮލޫ އަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.