އާ ސީޒަނަށް ތައްޔާރުވާން ކްލަބް ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތައް އިއްޔެ ހަވީރު ފަށައިފި އެވެ.
ގްރީން ސްޓްރީޓްސް އަކީ އާ ސީޒަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފެށި ތިން ވަނަ ކްލަބެވެ. އެންމެ ފުރަތަމަ މާޒިޔާ އިން ފަރިތަކުރުންތައް ފެށިއިރު މިދިޔަ ހަފްތާ ކްލަބް ވެލެންސިއާ އިން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. އާ ސީޒަނާ ކުރިމަތިލާއިރު ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހުންނާނީ އަލީ ނިސްތާރު މުހައްމަދު އެވެ.
އަލީ ސުޒޭން ގްރީން ސްޓްރީޓްސްގެ ކޯޗުކަން ދޫކޮށްލުމުން އެ މަގާމަށް ނިސްތާރު ގްރީން އިން ހަމަޖެއްސީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮސް ޓީމަށާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދީ ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ނިސްތާރުގެ ކޯޗުކަމުގައި ގްރީން ސްޓްރީޓްސް އިން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެވެ. އެއީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މާޒިޔާއާ ވާދަކުރި މެޗެވެ. އެ މެޗުން މާޒިޔާ އަށް ގްރީންގެ މައްޗަށް ކުރި ހޯދުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެއަށްފަހު ކޮވިޑް-19 އާ ގުޅިގެން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށް އެފްއޭއެމުން ސީޒަން ނިންމާލި އެވެ. އަލުން ޓީމާއެކު ނިސްތާރު ފަރިތަކުރުންތައް ފެށީ ގާތްގަނޑަކަށް އަށް މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.

އިއްޔެ ފެށި ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތަކުގައި އެޓީމުގެ ބައެއް ކުޅުންތެރިން ބައިވެރިވަނީ. – ފޮޓޯ: އެފްއޭއެމް
ގްރީން ސްޓްރީޓްސް އާ ސީޒަނާ ކުރިމަތިލާއެކު ލޯކަލް އަދި ބިދޭސީ ކުޅުންތެރިން އެޓީމަށް ވަނީ އިތުރުކޮށްފަ އެވެ. މިގޮތުން މިދިޔަ ދެ ސީޒަނުގައި ނިސްތާރުގެ ކޯޗުކަމުގައި ފޯކައިދޫގައި މޮޅު ކުޅުމެއް ދެއްކި ހަސަން ނަޒީމް ގާސިމް (ޗޯޓު) އާއި މުހައްމަދު ޖައިލަމް (އޮގީ) ވަނީ ގްރީން ސްޓްރީޓްސްއާ ގުޅިފަ އެވެ. މީގެ އިތުރުން ފޯކައިދޫ ޓީމަށް ކުޅުނު އިބްރާހީމް ހަސީބް އަދި އަހުމަދު ނާހިލް އިބްރާހީމް އާއި މުހައްމަދު ކަރަމް ވަނީ ގްރީން ސްޓްރީޓްސް އަށް ބަދަލުވެފަ އެވެ. ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު ނިސްތާރުގެ ކޯޗުކަމުގައި ފޯކައިދޫއަށް ކުޅުނު މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އާއި ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އެންހެލް މުނޯޒް އަދި ޕާކިސްތާނުގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ ގްރީން ސްޓްރީޓްސް އަށް ކުޅެން ނިންމައިފަ އެވެ. ނިސްތާރުގެ ކޯޗުކަމުގައި މުނޯޒް އއ. މާޅޮސް ޓީމުގައި ކުޅުނުއިރު ސާގިބް ވަނީ ނިސްތާރުގެ އިރުޝާދުގެ ދަށުން ފޯކައިދޫ ޓީމަށް ކުޅެފަ އެވެ.

ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން އިއްޔެގެ ފަރިތަކުރުމުގައި. ފޮޓޯ: އެފްއޭއެމް
“މިހާރު” ނޫހަށް ދިން އިންޓަވިއުއެއްގައި ނިސްތާރު ބުނީ ގްރީން ސްޓްރީޓްސްއާ އެކު އަމާޒަކީ އެންމެ ކުރީގައި އުޅޭ ޓީމުތަކާ ރަނގަޅު ވާދައެއްކުރުން ކަމަށެވެ. ނިސްތާރު ބުނީ ޓީމު ތައްޔާރުކުރާނީ ދިގު މުއްދަތައް ފައިދާ ކުރާނެ ގޮތަށް ޝޯޓް ޓާމަށް ވެސް ވިސްނައިގެން ކަމަށެވެ. އާ ސީޒަނާ ކުރިމަތިލާއިރު ގްރީން ސްޓްރީޓްސްގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންތަކެއް ތިބުމަކީ ބޭނުންވާ އަމާޒަށް ދިއުމަށް އޮތް ހިތްހަމަޖެހުމަށް ކަމަށް ނިސްތާރު ބުންޏެވެ.
އެފްއޭއެމުން ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު މާޒިޔާ އާއި ކްލަބް އީގަލްސް ވާދަކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ޑިސެމްބަރު 13 ވަނަ ދުވަހު ފަށާއިރު ނިސްތާރުގެ ކޯޗުކަމުގައި ލީގުގައި ގްރީން ސްޓްރީޓްސް ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު 14 ވަނަ ދުވަހުގެރޭ ނުކުންނާނީ ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ވެލެންސިއާ އެވެ.